ހއ. ދިއްދޫގައި މިރޭ ޕޯސްޓް އޮފީހެއް ހުޅުވިގެން ދިޔުމަކީ ދިއްދޫ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް އުފަލެއްކަން ޔަޤީނެވެ.
އެ އޮފީސް ދިއްދޫއަށް ގެނައުމަށްޓަކައި، ދިއްދޫގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ދިޔައީ އެކަމަށް އެދެމުންނެވެ. ޚާއްޞަކޮށް ދިއްދޫ ރައްޔިތުންގެ ތަރައްގީއަށާއި، ކުރިއެރުމަށް ވަކާލާތުމުން އަންނަ ހަރަކާތެއް ކަމަށްވާ ''ދިއްދޫ ރައްޔިތުން އަޑުން'' ވަނީ އެކަމަށް ޚާއްޞަ ކެމްޕޭނެއްވެސް ކުރިއަށް ގެންގޮސްފައެވެ.
ޕޯސްޓް އޮފީސްތަކަކީ ރައްޔިތުންނަށް ބޭނުންތެރި ޒަމާނީ، ޚިދުމަތްތަކެއް ލިބޭހެން ފަރުމާކުރެވި ހިންގަމުން އަންނަ އޮފީސް ތަކަކަށްވީއިރު، ގިނަ ރަށްތަކަކުން އެރަށެއްގެ ބޭނުންހިފާ ހއ. ދިއްދޫގައި ޕޯސްޓް އޮފީހެއް ޤާއިމުކޮށް، ޚިދުމަތް ދޭންފެށުމަކީ ދިއްދޫގެ ރައްޔިތުންގެ އިތުރުން އެރަށްތަކުގެ ރައްޔިތުންނަށް ވެސް ބޮޑު ފަސޭހައެއް ލިއްބައިދޭނެ ކަމެކެވެ.
ދިއްދޫގައި ޕޯސްޓު އޮފީހެއް ހުޅުވިގެން ދިޔުމާއި ގުޅިގެން ރާއްޖޭގެ ޕޯސްޓްގެ ޚިދުމަތްދޭ ކުންފުނި، މޯލްޑިވްސް ޕޯސްޓްއިން ބުނީ، އެއީ މޯލްޑިވްސް ޕޯސްޓުގެ ވިއުގަ ފުޅާކޮށް ޚިދުމަތްތައް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، ދިއްދޫގައި ހުޅުވުނު ޕޯސްޓު އޮފީހެއް ކަމަށެވެ.
''ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެއްހަމައެއްގައި، ޕޯސްޓުގެ ޚިދުމަތްތައް ރާއްޖޭގެ ކަންކޮޅުތަކަށް ފޯރުކޮށްދިނުމަކީ، ސަރުކާރުގެ މުހިންމު އަމާޒަކަށްވާތީ، މި އަމާޒަށް ވާސިލްވުމަށްޓަކައި މޯލްޑިވްސް ޕޯސްޓުން މަސައްކަތްކުރަމުންދަނީ ޚިދުމަތްތަކާއި އޮޕަރޭޝަނާއި ނެޓްވާރކް ފުޅާކޮށް ތަރައްޤީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނާ ހަމައަށް ޕޯސްޓުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ.'' ޕޯސްޓް އޮފީހުން ބުނެފަ ވެއެވެ.
ޕޯސްޓްގެ އީ-ޓުކުރި ޕްލެޓް ފޯރމްގެ ތެރެއިންނާ އަދި މިފަދަ އިންޓަރނޭޝަނަލް ޕްލެޓްފޯރމްތަކުގެ ތެރެއިން ހިގާ ވިޔަފާރި މުޢާމަލާތްތަކުގެ ސަބަބުން ރާއްޖޭގެ ޕޯސްޓުގެ ނިޒާމުގެ ތެރެއަށް ވަންނަ މޭލުގެ ގާތްގަޑަކަށް %50 އަކީ އަތޮޅުތެރެއަށް އެޑްރެސްކުރެވިފައިވާ މޭލުކަން ފާހަގަ ކުރެވޭ ކަމަށް އެ ކުންފުނިން ބުނެެއެވެ.
''މިހަޤީގަތްތަކުގެ އަލީގައި، އަތޮޅުތަކުގެ ޕޯސްޓު އޮފީސް ވިއުގަ ފުޅާވެގެން ދިއުމަކީ، އަތޮޅުތަކުގެ ރައްޔިތުންނަށް އޭގެ ސަބަބުން ފަސޭހަތަކެއް ލިބި، ޚިދުމަތުގެ އިތުބާރާ ޔަގީންކަން އިތުރުވެގެންދާނޭ ކަމެއް ކަމުގައި މޯލްޑިވްސް ޕޯސްޓުން ދެކެއެވެ.'' ޕޯސްޓް އޮފީހުން ބުނެފަ ވެއެވެ.
7 އަތޮޅެއް ފިޔަވައި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ވެރިކަންކުރާ ރަށުގައި ޕޯސްޓު އޮފީސް ޤާއިމްކުރެވިފައިވާ ކަމަށް ޕޯސްޓް އޮފީހުން ބުނެއެވެ. އަދި މި އަތޮޅުތަކުގައި ވެސް ކުރިއަށް އޮތްތަނުގައި ޕޯސްޓު އޮފީސްތައް ގާއިމްކުރުމަށް ޕްލޭން ކުރެވިފައިވާކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އަތޮޅުތަކުގައި ޕޯސްޓްގެ ޚިދުމަތް ޤާއިމުކޮށްފައިވާ ޕޯސްޓް އޮފީސްތައް
- ހއ. ދިއްދޫ ޕޯސްޓް އޮފީސް
- ހދ. ހަނިމާދޫ ޕޯސްޓް އޮފީސް
- ކުޅުދުއްފުށީ ޕޯސްޓް އޮފީސް (ކުޅުދުއްފުށީ ސިޓީ)
- ނ. ވެލިދޫ ޕޯސްޓް އޮފީސް
- ބ. އޭދަފުށި ޕޯސްޓް އޮފީސް
- ޅ. ނައިފަރު ޕޯސްޓް އޮފީސް
- އއ. ރަސްދޫ ޕޯސްޓް އޮފީސް
- ތ. ގުރައިދޫ ޕޯސްޓް އޮފީސް
- ލ. ފޮނަދޫ ޕޯސްޓް އޮފީސް
- ގއ. ވިލިނގިލި ޕޯސްޓް އޮފީސް
- ގދ. ތިނަދޫ ޕޯސްޓް އޮފީސް
- ފުވައްމުލަކު ޕޯސްޓް އޮފީސް (ފުވައްމުލަކު ސިޓީ)
- ހިތަދޫ ޕޯސްޓް އޮފީސް (އައްޑޫ ސިޓީ)
- ފޭދޫ ޕޯސްޓް އޮފީސް (އައްޑޫ ސިޓީ)
ރާއްޖޭގައި ފޯރުކޮށްދެމުންދާ ޕޯސްޓްގެ ޚިދުމަތަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށްވެސް ފުޅާކޮށްފައިވާ، 114 އަހަރު ވެފައިވާ ޚިދުމަތެކެވެ. މޯލްޑިވްސް ޕޯސްޓްގެ އަސާސީ ޚިދުމަތް ރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށެއްގައި ލިބެން ހުރެއެވެ.
މީގެއިތުރުން މޯލްޑިވްސް ޕޯސްޓުން އަންނަނީ އެންމެފަހުގެ ޒަމާނީ ޕޯސްޓްގެ ޚިދުމަތްތައް ވެސް ރާއްޖޭގައި ތަޢާރުފްކޮށް، ފޯރުކޮށް ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!