ޕާކިސްތާނުގެ ރައީސް ޢާރިފް ޢަލްވީ، ކޯވިޑް-19އަށް ޕޮޒިޓިވް ވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ޕާކިސްތާނުގެ ރައީސްއަށް ރައީސް ޞާލިޙް ފޮނުއްވެވި މި މެސެޖުގައި، ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޕާކިސްތާންގެ ރައީސްއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

Ad
rt

''ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޕާކިސްތާނާ ދިވެހިރާއްޖޭގެ ޒަމާންވީ އެކުވެރިކަމުގެ ގުޅުމުގެ މައްޗަށް ވެސް އަލިއަޅުވާލެއްވިއެވެ. އަދި އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައި ވަނީ ޕާކިސްތާނުގެ ރައީސްއަށް ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގަންނަވަމުންނެވެ.''

ރައީސް އޮފީހުން ވިދާޅުވެފައެވެ.

ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް މިމަހުގެ15 ގައި ޖައްސަވާފައިވަނިކޮށް، ޕާކިސްތާނުގެ ރައީސް ޢާރިފް ޢަލްވީ ކޯވިޑް-19އަށް ޕޮޒިޓިވްވީ އިއްޔެއެވެ.

ޕާކިސްތާން ރައީސް ކޯވިޑްއަށް ޕޮޒިޓިވްވިއިރު، އެ ޤައުމުގެ ބޮޑުވަޒީރު އިމްރާން ޚާންވެސް ވަނީ ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެއްސެވިތާ ދެ ދުވަސް ފަހުން، މާރިޗް 20 ވަނަ ދުވަހު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.

ޕާކިސްތާނުގައި ދެމުން ދަނީ ޗައިނާގެ ސައިނޯފާރމް ކޮވިޑްވެކްސިން އެވެ.