ހެޔޮކަމުން ފުރިގެންވާ، އަޅުކަމުގެ ބަހާރު މޫސުމެއް އަޅުގަނޑުމެންނާ ކުރިމަތިވަނީއެވެ. ރަމަޟާން މަހަށް މަރުހަބާ ކިޔުމަށް ދުނިޔެއާއި މަލަކޫތީ ޢާލަމް ތައްޔާރުވަމުން ދާހިނދު މިމަހަށް ތައްޔާރުވުމަށް އަހަރެމެންވެސް ގަދައަޅައި މަސައްކަތް ކުރަން އެބަ ޖެހެއެވެ.
އެގޮތުން ޝަޢުބާން މަހަކީ ރަމަޟާން މަހަށް ތައްޔާރު ވުމަށް އަޅުގަނޑުމެންނަށް ލިބިފައިވާ ވަރަށް މުހިންމު މަހެކެވެ. ރަމަޟާން މަހުގައި އަޅުކަންކޮށް، ﷲ ގެ ރުއްސެވުން ހޯދުމަށްޓަކައި ގިނަގިނައިން ޤުރްއާން ކިޔަވައި، ފަރުޟު ނަމާދުތަކުގެ އިތުރުން ސުންނަތް ނަމާދުތައްވެސް ކުރަން އަޅުގަނޑުމެން އަޒުމް ކަނޑައަޅައިގެން ތިބި ނަމަވެސް، އެމަސް އަންނަންވާއިރަށް އޭގެ ކުރިން މިދެންނެވުނު ފަދަ އަޅުކަންތައް ކުރަން ނަފުސު ހާނުވަން ތިމާ ނުކުޅެދިއްޖެ ނަމަ، ކިތަންވެ ވަރުގަދަ އަޒުމެއް މިއަދު ކުރިނަމަވެސް "ނަމަނަމައިގެ" ޚިޔާލީ ފޮލާތައް އަވާމެންދުރަކަށް ވެގެން ދިއުން ވަރަށް ގާތެވެ.
މިދަނޑިވަޅުގައި ހަނދާނަށް ގެންނަންވީ ކަމަކީ ޝަޢުބާން މަހުގެ ދުވަސްތައް އަޅުގަނޑުމެން ގުނަމުންދާއިރު، މިމަހަކީ ރަމަޟާންމަހަށް ތައްޔާރުވުމަށް ވާ ވަރަށް މުހިންމު މަހެކެވެ. ރަމަޟާން މަހަކީ އަޅުގަނޑުމެންގެ އީމާންތެރިކަން އިމްތިހާނު ކުރެވޭ "ޓެސްޓަކަށް" ވާނަމަ، ޝަޢުބާން މަހަކީ "މޮކް-ޓެސްޓެވެ." މި މޮކް-ޓެސްޓުން ތިމާ ރަމަޟާން މަހަށް ތައްޔާރުވެފައިވާ މިންވަރު ދެނެގަނެވޭނެއެވެ.
ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ވަނީ މިމަހާމެދު ވަރަށްބޮޑަށް ޣާފިލުވެފައެވެ. އަހަރެމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަންނަނިވި ޙަދިޘްފުޅުންވެސްމިކަން އެނގި ހާމަވެގެންދެއެވެ.
އުސާމާ ބުން ޒައިދު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ.
"އޭ ﷲ ގެ ރަސޫލާއެވެ. ޝަޢުބާން މަހުގައި ކަލޭގެފާނު ރޯދަ ހިއްޕަވާފަދައިން އެހެން މަހެއްގައި ރޯދަ ހިއްޕަވަނިކޮށް ތިމަން ނުދެކެމެވެ."
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
"ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ، وَهُوَ شَهْرٌ تُرْفَعُ فِيهِ الْأَعْمَالُ إِلَى رَبِّ الْعَالَمِينَ، فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ" (رواه أحمد والنسائي وحسنه الألباني)
މާނައީ: " އެއީ (ޝަޢުބާން މަހަކީ) ރަޖަބު މަހާއި ރަމަޟާން މަހާ ދެމެދުވާ، މީސްތަކުން އެމަހަކާމެދު ޣާފިލުވެފައިވާ މަހެކެވެ. އެމަހަކީ ޢާލަމްތަކުގެ ވެރިރައްބުގެ ޙަޟްރަތަށް ޢަމަލުތައް އުފުއްލެވޭ މަހެވެ. ފަހެ، ތިމަންކަލޭގެފާނު ރޯދައަށް ހުންނަވަނިކޮށް ތިމަންކަލޭގެފާނުގެ ޢަމަލުތައް އުފުއްލެވުމަށް ތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ."
ޝަޢުބާން މަހާމެދު ޣާފިލުވުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ ކޮބައިތޯއެވެ؟
ގިނަފަހަރަށް ވާގޮތަކީ ރަމަޟާން މަހުގައި އަޅުކަން ކުރަން ފަށަން މަޑުކުރެވެނީއެވެ. ނަމަވެސް މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. އެހެނީ އަޅުކަމަކީ ހަމައެކަނި ރަމަޟާން މަހުގައި ކުރަންޖެހޭ ކަމެއް ނޫނެވެ. އަހަރެމެން އަބަދުވެސް ތިބެން ޖެހޭނީ ﷲއަށް އަޅުކަން ކުރުން މަތީގައެވެ. އަހަރެމެން ޚަލްޤު ކުރެއްވި މަޤްޞަދު ބަޔާންކުރައްވައި ﷲ ވަޙީކުރައްވާފައިވެއެވެ:
وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴿الذاريات: ٥٦﴾
މާނަ: "ތިމަންއިލާހަށް އަޅުކަންކުރުމަށް މެނުވީ، ތިމަންއިލާހު ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ."
އެހެންކަމުން ދުވަހެއް ދުވަހަކަށް އަޅުކަން ކުރުމުގައި ބޮޑަށް ހީވާގިވެ ކުރާ އަޅުކަންތައް ކުރުން މަތީ ދެމިހުރުމަށް މަސައްކަތް ކުރަންވާނެއެވެ. މިތާގައި ބޮޑަށް މިދެކެވެނީ ސުންނަތް އަޅުކަންތަކުގެ ވާހަކައެވެ. ސަބަބަކީ ފަރުޟު އަޅުކަންތަކަކީ ކޮންމެހެން ކުރަންޖެހޭ އަޅުކަންތަކެކެވެ. އަދި ސުންނަތް އަޅުކަން ތަކަކީ އަޅާ އޭނާގެ ވެރިއިލާހުދެކެ ލޯބިވާ މިންވަރު އަންގުވައިދޭ އަޅުކަންތަކެކެވެ. އެހެންކަމުން ހަނދާނުގައި ބަހައްޓަންވީ ކަމަކީ އަހަރެމެން ﷲ އަށް އަޅުކަން ކުރަންޖެހެނީ ވަކި ދުވަސްވަރެއްގައެއް ނޫނެވެ. ހުރިހާ ދުވަސްވަރެއްގައިވެސްމެއެވެ.
ދެން، ތިބާ ތިޔަހުރީ ރަމަޟާން މަހުގައި އަޅުކަން ކުރުމުގައި ހީވާގިވާން ފަށަން އަޒުމް ކަނޑައަޅައިގެންނަމަ، ދަންނާށެވެ. ތިބާ އަޅުކަން ކުރުމުގައި ހީވާގިވާން ފަށަންވީ ދުވަހަކީ މިއަދެވެ. ލަސްކުރަން އުޅެފިނަމަ ފަހުން ހިތާމަކުރަން ޖެހިދާނެއެވެ. އެހެންކަމުން ރަމަޟާން މަހުގައި އަޅުކަން ކުރަން ފަށާނަމޭ ކިޔާފައި މިހިނގާ ޝަޢުބާން މަހުގައި އަޅުކަން ކުރުމުން ޣާފިލުވެފައި ނުހުންނާށެވެ.
އަޅުކަމުގައި ހީވާގިވެ، ޣާފިލުކަމުން ސަލާމަތްވުމަށްޓަކާ ކުރެވިދާނެ އެންމެ މުހިންމު އެއްކަމަކީ ޤުރްއާން ތިލާވަތުކޮށް، ކިޔެވުމެވެ. އަބަދުވެސް ޤުރްއާން އެއްކޮޅުން އަނެއްކޮޅަށް ޙަތިމް ކުރުމަކީ އެއަޅުކަމެއް ކުރުން މަތީ އަހަރެމެން ދެމިތިބެންޖެހޭ މާތް، މަތިވެރި އަޅުކަމެކެވެ. އެހެނީ މިއީ އާދައިގެ ފޮތެއް ނޫނެވެ. އެއީ ﷲގެ ކަލާމްފުޅެވެ. އެއިލާހުގެ ވަޙީބަސްފުޅެވެ. އެއީ މީސްތަކުންނަށްވާ ހިދާޔަތެކެވެ. ހިތްތަކަށްވާ ހިތްހަމަޖެހުމެކެވެ. ޟަލާލަތުގެ އަނދިރިކަމުން އިންސާނީ ނަސްލު، ހިދާޔަތުގެ އަލިކަމަށް ގެނުވި އަލިގަދަ ނޫރެކެވެ. އެހެންކަމުން މިއަދުންފެށިގެން ޤުރްއާން ކިޔަވަން ފަށާށެވެ. މާދަމާއަށް ލަސްނުކުރާށެވެ. މިރޭ ނިދުމުގެ ކުރިން ޤުރްއާނުން ކޮންމެވެސް މިންވަރެއް ކިޔަވާށެވެ. އެއީ އެހާ ގިނަ މިންވަރަކަށް ނުވިޔަސް ހެވެވެ. މަޑުމަޑުން ގިނަކުރަމުން ދާނީއެވެ. މުހިންމީ ޤުރްއާން ކިޔެވުން މަތީ ދެމިހުރުމެވެ.
ޤުރްއާން ކިޔެވުމުގެ އިތުރަށް އަޅުގަނޑުމެންގެ އަޅުކަމުގެ ރެކޯޑް ރަނގަޅުކުރުމަށް އަދި ރަމަޟާން މަހަށްތައްޔާރުވުމުގެ އިތުރުން ޝަޢުބާން މަހުގައި ޣާފިލުކަމުން ސަލާމަތްވުމަށް ކުރެވިދާނެ އިތުރު ވަރަށް މުހިންމު ކަމެއް އެބައޮތެވެ. އެއީ ސުންނަތް ރޯދަ ހިފުން ގިނަކުރުމެވެ. ރޯދަ ހިފުމަކީ ވަރަށް މަތިވެރި އަޅުކަމެކެވެ. މިއަޅުކަމުގެ މާތްކަން އަންނަނިވި ޙަދީޘުން އެނގިގެންދެއެވެ.
އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. قَالَ اللهُ عَزَّ وَجَلَّ: كُلُّ عَمَلِ ابْنِ آدَمَ لَهُ إِلَّا الصِّيَامَ، فَإِنَّهُ لِي وَأَنَا أَجْزِي بِهِ، وَالصِّيَامُ جُنَّةٌ، فَإِذَا كَانَ يَوْمُ صَوْمِ أَحَدِكُمْ، فَلَا يَرْفُثْ يَوْمَئِذٍ وَلَا يَسْخَبْ، فَإِنْ سَابَّهُ أَحَدٌ أَوْ قَاتَلَهُ، فَلْيَقُلْ: إِنِّي امْرُؤٌ صَائِمٌ.
وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ، لَخُلُوفُ فَمِ الصَّائِمِ أَطْيَبُ عِنْدَ اللهِ، يَوْمَ الْقِيَامَةِ، مِنْ رِيحِ الْمِسْكِ. وَلِلصَّائِمِ فَرْحَتَانِ يَفْرَحُهُمَا: إِذَا أَفْطَرَ فَرِحَ بِفِطْرِهِ، وَإِذَا لَقِيَ رَبَّهُ فَرِحَ بِصَوْمِهِ» (رواه مسلم)
މާނައީ: "ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިޔާ ކުރާ ކޮންމެ ޢަމަލެއްވެސްވަނީ އޭނާއަށެވެ. ރޯދަ ފިޔަވައެވެ. ފަހެ، ހަމަކަށަވަރުން އެރޯދަވަނީ ތިމަންއިލާހަށެވެ. އަދި އެރޯދައަށް ޖަޒާދެއްވާނީވެސް ތިމަންއިލާހީމެވެ. އަދި ރޯދައަކީ އައްޑަނައެކެވެ. ތިޔަބައިމީހުން ކުރެ މީހަކު ރޯދައަށް ހުންނަ ދުވަހުގައި ހުތުރު ވާހަކަ ނުދައްކާށެވެ. އަދި ޒުވާބުކޮށް ހަޅޭއްލަވާ ނަހަދާށެވެ. ފަހެ މީހަކު ހަޑި ހުތުރު ބަހެއްބުނެފިނަމަ ނުވަތަ ތަޅާފޮޅައި ހަދައިފިނަމަ ބުނާށެވެ. ހަމަކަށަވަރުން އަހަރެންނަކީ ރޯދަވެރިއަކީމެވެ.
ތިމަން ކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވައި ޙަދީޘް ކުރައްވަމެވެ. ރޯދަވެރިޔާގެ އަނގައިން ދުވާ ވަހަކީ ﷲގެ ޙަޟްރަތުގައި ގޮމަކަސްތޫރީގެ ވަހަށްވުރެ މީރު ވަހެކެވެ. ރޯދަވެރިޔާއަށް ދެ އުފަލެއްވެއެވެ. އޭނާ ރޯދަވީއްލާ ހިނދު އުފާކުރެއެވެ. އަދި އޭނާގެ ވެރިރައްބާ ބައްދަލުވާ ހިނދު އޭނާގެ ރޯދައާމެދު އުފާކުރެއެވެ."
އެހެންކަމުން މިމަހުގައި ސުންނަތް ރޯދަ ހިފުން ގިނަކުރާށެވެ. ކުރިންވެސް ބުނެވިފައިވާ ފަދައިން ޝަޢުބާން މަހަކީ އެމަހެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ރޯދަ ހިފުން ގިނަކުރެއްވި މަހެކެވެ. އެހެންނަމަވެސް ތިމާއަކީ ކުރިން ސުންނަތް ރޯދަ ހިފައި އުޅުނު މީހެއްކަމަށް ނުވާނަމަ، ކުއްލިއަކަށް މާ މޮޅުކޮށްލަން މުޅި ޝަޢުބާން މަހުގައި ނުވަތަ ދާވޫދުގެފާނުގެ ރޯދައޭ ކިޔައި، ދެދުވަހުން އެއްދުވަހު ރޯދަ ހިފަން ނޫޅޭށެވެ. ކަންކަން ރަނގަޅުކުރާނީ މަޑުމަޑުންނެވެ.
ކުއްލިއަކަށް މާ ވަރުގަދައަށް ކަންކަން ކުރަން އުޅެފިނަމަ ނަފުސު ވަރުބަލިކޮށްލައި، މިއަޅުކަންތައް ކުރުމުން ޝައިޠާނާ ތިބާ ދުރުހެލިކުރުވަފާނެއެވެ. އެހެންކަމުން ހޯމަ ބުރާސްފަތީގައި ރޯދަ ހިފަން ފަށާށެވެ. އެއީ ޢާންމުކޮށްވެސް ރޯދަ ހިފުން ސުންނަތް ދެދުވަހެވެ. އަދި ތިބާއަށް އިތުރު ދުވަސްތަކުގައި ރޯދަހިފަން ކުޅަދާނަކަން ޔަޤީންވުމުން ނުވަތަ ނަފުސު އެކަމަށް ތައްޔާރުކަން ކަށަވަރުވުމުން، ރޯދައަށް ހުންނަށް ދުވަސްތައް އިތުރުކުރާށެވެ.
ދުޢާއަކީ މިހިނގާ ޝަޢުބާންމަހާއި ކުރިއަށް އޮތް ރަމަޟާން މަހުގައިވެސް ﷲ ތަޢާލާއަށް އަޅުކަން ކުރުމުގައި ހީވާގިވާ ބައެއްކަމުގައި އެއިލާހު އަހަރެމެން ލެއްވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!