މި އަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، އަންނަ ބުރާސްފަތި ދުވަހު ޤައުމީ އިނާމާބެހޭ ކޮމިޓީން ހުޅުވައިލައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ޤައުމީ އިނާމަށް އެދި ފޯމު ހުށަހެޅުއްވުމަށް ފުރުޞަތު ދޭން ހަމަޖެހިފައި ވަނީ މާރިޗް 18 އިން ފެށިގެން މޭމަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.

Ad
rt

ޤައުމީ އިނާމަށް މިއަހަރުވެސް ހުޅުއްވައިލައްވާނީ، މައިގަނޑު 33 ދާއިރާއަކުން ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާފުޅުވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

މީގެއިތުރުން ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށް ހަމަޖައްސަވާފައިވާއިރު، ޤައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅަން ވާނީ އެކަމަށް ކަނޑައެޅިފައިވާ ފޯމުގައި ކަމަށް ރައީސް އޮފީހުން ހާމަކުރަށްވައެވެ.

ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ޤައުމީ އިނާމަށް ނަން ހުށަހަޅާނީވެސް، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައި ކަމަށް ވެސް އެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ޤައުމީ އިނާމު ދެއްވާނީ، މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ އިޙްތިފާލުގައެވެ.