ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރުމަށް އަލުން ހުޅުވާލަން ހުށަހެޅި މައްސަލަ ބެލުމުގެ އިހްތިސާސް ހައިކޯޓަށް ނެތްކަމަށް މިއަދު އެ ކޯޓުން ކަނޑައަޅައިފިއެވެ.
މިދިޔައަހަރުގެ އޭޕްރިލްމަހުގެ 4 ވަނަ ދުވަހު ބާއްވަން ފުރަތަމަ ޢިއުލާންކުރި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ފަސްކުރީ ކޯވީޑްގެ ހާލަތުގެ ސަބަބުންނެވެ. އަދި އިންތިޚާބު ފަސްކުރުމަށް ޚާއްޞަ ޤާނޫނެއް ވުޖޫދުކޮށް އެ އިންތިޚާބު އެކިފަހަރު މަތިން ވަނީ ފަސްކޮށްފައެވެ.
އެ ޤާނޫނުގެ ތިންވަނަ މާއްދާގެ (ހ)ގައި ބުނެފައިވާގޮތުން ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރި ނަމަވެސް، އެ އިންތިހާބުގައި ވާދަކުރާނީ، އެ އިންތިޚާބަށް ކުރިމަތިލާން ދިން ފުރުޞަތުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި، އާންމުކޮށްފައިވާ ކެންޑިޑޭޓުން ކަމަށް ބުނެފަ ވެއެވެ.
އެހެންކަމުން އެ ގާނޫނުގެ އެ މާއްދާ ބާތިލް ކުރަން ހައި ކޯޓަށް ހުށަހެޅީ ތ. ކަނޑޫދޫ މެނީލާ، މުހައްމަދު ތަސްލީމެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންދެވެން ނެތް ކަމަށް އެ ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފަ އެވެ.
މިގޮތުން އެ މައްސަލައާއި ގުޅިގެން ހައި ކޯޓުން އިއްވި ހުކުމުގައިވާގޮތުން ކޯޓުތަކުގެ ގާނޫނުގެ ދަށުން ދުސްތޫރީ މައްސަލަަތައް ބެލުމުގެ ބާރު ހައި ކޯޓަށް ލިބިފައި ވިޔަސް، އެ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން، ގައުމުގެ އާންމު މަސްލަހަތާ ގުޅުންހުރި ދުސްތޫރީ މައްސަލަތައް ބެލުމުގެ ބާރު އޮތީ ސުޕްރީމް ކޯޓަށް އެކަނި ކަމަށެވެ. އަދި އެ މައްސަލައަށާއި ގައުމުގެ ހާލަތު އޮތްގޮތަށް ބަލާއިރު އެއީ ގައުމުގެ އާންމު މަސްލަހަތާ ގުޅުމެއް ނެތް މައްސަލައެއް ކަމަށް ނުބެލެވޭ ކަމަށް އެ ހުކުމުގައިވެ އެވެ.\
އެހެންކަމުން، ހައިކޯޓަށް ލިބިގެންވާ ދުސްތޫރީ މައްސަލަތައް ބެލުމުގެ އިހުތިސާސްގެ ތަރަހައިގެ ތެރޭގައި އެ މައްސަލަ ނުހިމެނޭ ކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުން ނިންމަވާފައިވެ އެވެ.
މި މައްސަލަ ބެއްލެވީ ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ މަޖިލީހަކުންނެވެ. ފަނޑިޔާރުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހަސަން ޝަފީއު އެވެ. މި މައްސަލައިގެ ފަަނޑިޔާރުންގެ މަޖިލީހުގައި ދެން ތިއްބަވަނީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!