ހއ. ބާރަށުން ކޯވިޑް-19 ކޭސްތަކެއް ފެނުމާއި ގުޅިގެން މާރިޗް 2 ވަނަ ދުވަހުން ފެށިގެން އެރަށަށް ފުރަބަންދުގެ ހާލަތުގައި އޮތްއިރު، އަވަށްޓެރި މުރައިދޫގެ ރައްޔިތުންގެ ހިތުގައި ބާރަށުގެ އަޚުންނާއި އުޚުތުންނާމެދު އޮތް ލޯތްބާއި، ކުލުނު އަނެއްކާ ވެސް ދައްކާލައިފިއެވެ.

މިގޮތުން މުރައިދޫ ރައްޔިތުންގެ ފަރާތުން އިއްޔެ ބާރަށު ރައްޔިތުންނަށް ވަނީ 28 ބަސްތާ ކާޑާއި އަދި 20 ކޭސް ނޫޑްލްސް ނޫޑްލުސް ހަދިޔާކޮށްފައެވެ.

Ad
rt

މިވަގުތު ބާރަށުގައި މީހުން އުޅޭ ގޭބިސީތަކުގެ ނިސްބަތުން 28 ބަސްތާ ކާޑުން، ކޮންމެ ގޭ ބިސީއަކަށް 5 ކިލޯ ކާޑު ޖެހޭނެ ކަމަށް އެތަކެތި ހަދިޔާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޙުސައިން ވިޝާލް ''ތިލަދުން''އަށް ބުންޏެވެ.

ވިޝާލް ބުނީ އެއީ ކުރީ ދުވަހެކޭ އެއްފަދައިން އެންމެ ކައިރި އަޚުންނާއި އުޚުތުން ފުރަބަންދުގެ ހާލަތުގައި ތިބުމުން ވެދިން އެހީތެރިކަމެއް ކަމަށެވެ.

މުރައިދޫ ރައްޔިތުންގެ ފަރާތުން މިމަހުގެ 4 ވަނަ ދުވަހު ވެސް ވަނީ ބާރަށަށް އެހީތެރިވުމަށް ހަދިޔާ ފޮނުވާފައެވެ. މި ގޮތުން އެދުވަހު ޖުމްލަ 1113 ކިލޯ ރޯ މަސް ވަނީ ހަދިޔާ ކޮށްފައެވެ.

ބާރަށުގައި އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އެރަށުތެރެއިން އިތުރު މީހުން ބައްދަލުވެފައި ވުމުން، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވުނު 6 މީހެއްގެ ސާމްޕަލް ޖެހިގެންއައި ދުވަހު ނެގިއެވެ. އޭގެ ތެރެއިން 4 މީހެއްގެ ސާމްޕަލް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.

އެރަށުން އިތުރުބައެއް ޕޮޒިޓިވްވުމުން މިމަހުގެ 3 ވަނަ ދުވަހު ވަނީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައާއި، ރެންޑަމް ސާމްޕަލްގެ ގޮތުގައި 158 މީހެއްގެ ސާމްޕަލް ނަގާފައެވެ. އެ ސާމްޕަލްތަކުގެ ނަތީޖާއިން މިމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރު 9 މީހެއްގެ ޕޮޒިޓިވް ވެފައެވެ.

ބާރަށުގެ ހާލަތު ވަޒަން ކުރުމަށް މިމަހުގެ 4 ވަނަ ދުވަހު ވެސް، ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ ބާރަށުގައި ސާމްޕަލް ނެގުން ކުރިއަށް ގެންގޮސްފައެވެ. މިގޮތުން މާރިޗް 4 ވަނަ ދުވަހުގެ ރެޔާ ހަމައަށް ޖުމްލަ 216 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އެ ސާމްޕަލްތަކުން އިތުރު 3 މީހެއް ޕޮޒިޓިވްވިކަން ރެއާ ހަމައަށް ވަނީ އެނގިފައެވެ.

ބާރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 25 އަރާފައިވާއިރު އަދި ވެސް އެރަށް އޮތީ މީހުން އަރާފޭބުން މަނާކޮށް، ފުރަބަންދުގެ ހާލަތުގައެވެ.