މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓަންޓް ޕްރޮފެސާގެ މަގާމުގައި ހުންނެވި، މަސްހޫރު ދީނީ ޢިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބުދުއްލަތީފް ސަސްޕެންޑު ކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެމްއެންޔޫއިން، ޑރ. އިޔާޒް ސަސްޕެންޑްކުރީ ސޯޝަލް މީޑިއާގައި އޭނާ ފާޅުކުރަށްވާފައިވާ ޚިޔާލުތަކަކާއި ގުޅިގެން، އެ މައްސަލަ ބަލަމުންދާތީއެވެ.
މިގޮތުން 14 ދުވަހުގެ މުއްދަތަށް ސަސްޕެންޑްކުރިކަން އަންގައި، ސަސްޕެންޑްކުރި ސަބަބެއް ގޮތުގައި ޑރ. އިޔާޒަށް އަންގާފައި ވަނީ ޑރ. އިޔާޒު ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކުގެ ސަބަބުން އާންމުނަށް އެކަމުގެ ނުރަނގަޅު އަސަރުކުރާތީ އެކަން ތަހުގީގު ކުރުމަށް ކަމަށް މައުލޫމާތު ލިބެއެވެ.
މިފަހުން ޑރ. އިޔާޒު ވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިސްކިތުގައި ގައިދުރުކޮށް ޖަމާއަތް ހެދުމަށް އަންގާފައިވާތީ އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް ގިނަ ޚިޔާލުތަކެއް ފާޅުކުރަށްވާފަ އެވެ. އެގޮތުން ގައިދުރުކޮށް އަޅުކަން ކުރުމަކީ އެހެން ދީންތަކުގެ މީހުންގެ އާދައެއް ކަމުން އެކަން މުސްލިމުންކޮށްގެން ނުވާނެ ކަމަށް ޑރ. އިޔާޒު ވިދާޅުވެ އެވެ.
ޑރ. އިޔާޒް ކުރައްވާ ބައެއް ޓްވީޓްތަކަކީ ސިޔާސީ ޓްވީޓްތަކެއް ކަމަަށާ އެ ޓްވީޓްތަކުގެ ސަބަބުން ގައުމީ ޔުނިވާސިޓީގެ އަބުރާއި އިއްޒަތާއި ގަދަރަށް ހީނަރުކަން އަންނަ ކަމަށް ބުނެ އެ ޔުނިވާސިޓީން އޭނާއަށް މިދިޔަ އަހަރު ވަނީ އިންޒާރުވެސް ދީފައެވެ.
އިޔާޒަކީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ސީނިއާ ލެކްޗަރާ އެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!