ތިލަދުންމަތީގެ ހއ. އަތޮޅުގައި ވޭތުވި ދެ އަހަރުގެ ތެރޭގައި ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން 416 މިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ފަށާފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕެއިން ''ރަށްވެހި ފަތިސް''ގެ ދަށުން ރޭ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގައި ހއ. އަތޮޅުގެ ގޮނޑިތަކަށް ވާދަ ކުރާ އެ ޕާޓީގެ ކެނޑިޑޭޓުންނާ ބައްދަލު ކުރަށްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ހއ. އަތޮޅުގެ 13 ރަށުގެ އެ ޕާޓީގެ ކެނޑިޑޭޓުންނާއިއެކު ރޭ ކުރިއަށް ދިޔަ އޮންލައިން ކެމްޕެއިންގައި 13 ރަށް ވަކީން، ކޮންމެ ރަށެއްގެ ރަށުކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކުރިމަތިލީ ކެނޑިޑޭޓުންނާއި ރައީސް ވަނީ ބައްދަލު ކުރަށްވާފަ އެވެ. އަދި ހއ. އަތޮޅު ކައުންސިލަށް ކުރިމަތިލި އެޕާޓީގެ ކެނޑި ޑޭޓު، މޫސާ ޝަފީޤްއާއި ވެސް ވަނީ ބައްދަލު ކުރަށްވާފަ އެވެ.
އެ ކެމްޕެއިންގެ ރޭގެ ބައްދަލުވުން ތަރުތީބުކޮށްފައި އޮތް ގޮތުން 13 ރަށުގެ ރަށު ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލީ ކެނޑިޑޭޓުން، ކޮންމެ ރަށަކުން ހުށަހަޅާ ހުށަހެޅުންތަކާއެކު ވަނީ ވާހަކަ ދައްކާފަ އެވެ. އަދި ހއ. އަތޮޅު ކައުންސިލަށް ކުރިމަތިލި އެޕާޓީގެ ކެނޑި ޑޭޓު، މޫސާ ޝަފީޤް ވެސް ވަނީ އަތޮޅުގެ ކަންކަން ހުށަހަޅައި ވާހަކަ ދައްކާފަ އެވެ. އެ ހުރިހާ ބޭފުޅުންގެ ވާހަކަ އަކަށް ވެސް ރައީސް ވަނީ ޖަވާބުދެއްވާފަ އެވެ.
މިގޮތުން ކުރިއަށް ދިޔަ ބައްދަލުވުމުގައި ހުރިހާ ރަށެއްގެ ކެނޑިޑޭޓުންނާއި ބައްދަލުކޮށް ނިންމަވާލެއްވުމުގެ ކުރީން ރައީސް ވަނީ މި ސަރުކާރުގެ ވޭތުވި ދެ އަހަރު ހއ. އަތޮޅަށް ސަރުކާރުން ކޮށްދެއްވި ބައެއް ކަންކަން ފާހަގަ ކުރަށްވާފަ އެވެ.
ރައީސް ވިދާޅުވީ ވޭތުވި ދެ އަހަރުގެ ވާހަކަ ދައްކާއިރު މިދިޔަ އަހަރު ހިނގާ ދިޔަގޮތް އެންމެނަށް ވެސް އެނގޭނެ ކަަމަށެވެ. ރައީސް އެ އިޝާރާތް ކުރެއްވީ ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ހާލަތުގެ ވާހަކަ އެވެ.
ރައީސް ވިދާޅުވީ ހއ. އަތޮޅުގައި ވޭތުވި ދެ އަހަރުގެ ތެރޭގައި ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ޕީއެސްއައިޕީގެ ދަށުން 416 މިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށެވެ. އަދި ސަރުކާރުން ކުރިއަށް ގެންދާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތުގެ ތެރެއިން އެ އަތޮޅުގެ 668 ދަރިވަރުން އުނގެނެމުން ދާކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
ކޯވިޑާއި ގުޅިގެން ވަޒީފާގެއްލި، ވަޒީފާއަށް އަސަރު ކުރި މީހުންނަށް ސަރުކާރުން ދެމުންދާ އިންކަމް ސަޕޯޓް އެލަވަންސް، އެ މުއްދަތުގެ ތެރޭގައި އެ އަތޮޅަށް ނިސްބަތްވާ 864 މީހަކަށް ދެވިފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެމީހުންނަށް އެލަވަންސްގެ ގޮތުގައި 13.4 މިލިއަން ރުފިޔާ ދޫކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީކޮށް އެހީތެރިވުމަށް ސަރުކާރުން ދޫކުރާ އެސްއެމްއީ ލޯނު ގޮތުގައި 32 މިލިއަން ރުފިޔާ އެ އަތޮޅުގެ 18 ފަރާތަކަށް ދެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
''އަދި މިއަހަރާއި މިއަންނަ އަހަރުއޮތީ، އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންވީ ވަޢުދުތައް ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ފުއްދަވައިދެވޭނެ، ބޭނުން ވަނީ އެކީގައި މަސައްކަތް ކުރުން''
ރައީސް ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ހއ. ތުރާކުނުން ހުށަހެޅި ކަންކަމުގެ ތެރޭގައި އެ ރަށުގެ ބިމުގެ ދަތިކަން ހައްލުކޮށް، ރަށުގެ އިޖުތިމާއީ ދުޅަހެޔޮކަމާއި، އިޤްތިޞާދީ ބާރުވެރިކަމަށް އެރަށުގެ ބިމުގެ މައްސަލައަށް ހައްލެއް ބޭނުންވާ ކަމަށް ފާހަގަކޮށް، އެރަށާއި އިން ވެގެން އޮންނަ ފަޅު ރަށެއް ކަމަށްވާ ހއ. ވަނގާރު އެރަށުގެ އިހްތިސާސް ތެރޭގައި ހިމަނައި ދިނުމަށް އެދުނެވެ.
ތުރާކުނުން ހުށަހެޅިކަންކަމާއި ގުޅިގެން ދެއްކެވި ވާހަކާގައި ރައީސް ވިދާޅުވީ ބިމުގެ ދަތިކަން ގިނަ ރަށްރަށަށް ކުރިމަތިވެފައިވާ ކަން ގަބޫލު ކުރައްވާ ކަމަށާއި އަދި އެއް ރަށާއި އަނެއް ރަށް ގުޅުވާލައިގެން އެކަން ހައްލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
"ބިން ހިިއްކުމަށް ވުރެ ބޮޑަށް ކައިރީގައި ހުރި ރަށްރަށް އެހެން ގޮތްގޮތުން ގުޅާލައިގެން އެ ރަށްރަށުގައި އިގްތިސާދީ މަސައްކަތްތަކާއި ބޯހިޔާވަހިކަން ކުރިއަށް ގެންދެވިއްޖެއްޔާ ދުރު މުސްތަގްބަލްގައި ރާއްޖެ ތަރައްގީ ކުރުމުގައި ވަރަށް ބޮޑު ކާމިޔާބެއް އެއީ. ވަރަށް ރަނގަޅު ދިމާލަކަށް އެދެވެނީ."
ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި މިހާރު ލާމަރުކަޒީ ގާނޫނުގެ ދަށުން ކައިރީގައި ހުރި ފަޅު ރަށްތައް އެ ރަށެއްގެ އިހްތިސާސްގެ ތެރެއަށް ވަންނާނެ ކަމަށާއި އަދި އިހްތިސާސުން ބޭރުގައި ހުރި ރަށްރަށާ މެދު ގޮތްތަކެއް ނިންމަވައި، ހައްލުތަކެއް ހޯދައި ދެއްވަން މަސައްކަތް ކުރަަށްވާނެ ކަމަށެވެ.
މީގެއިތުރުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ އެ އަތޮޅުން އެންމެ ބޮޑަށް ފާހަގަވީ ސިއްހީ ނިޒާމުގައި ހުރި މައްސަލަތައް ކަމަށާއި އެ މައްސަލަތައް ހައްލުކުރުމަށް ވަރަށް ކައިރިން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!