ހުރިހާ ނުރައްކަލަކުން ސަލާމަތްވާން އޮތް މަގަކީ ﷲ އަށް ބިރުވެތިވުމުގެ މަގު ކަމުގައި މިއަދުގެ ޚުތުބާގައި ވިދާޅު ވެއްޖެއެވެ.

މިއަދު ހަލުވިކަމާއި އެކު ފެތުރެމުންދާ ވަބާގެ ސަބަބުން އިންސާނުންނަށް ކުރަމުންދާ އެންމެހައި ނުރަނގަޅު އަސަރުތަކުން ސަލާމަތްވުން އޮތީ ސަބަބުތަކުގައި ހިފުމާއިއެކު ﷲ ގެ ރަހުމަތްފުޅުން ކަމަށާއި، މާޟީގައި ﷲ ގެ ނަބިއްޔުންނާއި ރަސޫލުންނަށް ވެސް މިފަދަ އެތަކެއް ހިތްދަތި ހާދިޘާތަކާއި ކުރިމަތިވި ކަމަށާއި، ނަމަވެސް އެ ބޭކަލުން ﷲ ގެ ރަހުމަތާއި އޯގާ ވަންތަކަމުން މާޔޫސްވެ ވަޑައިގަތުމެއްނެތި ދުޢާ ދެންނެވުމުގައި ޘާބިތުވެ ތިއްބެވިއެވެ.

Ad
rt

ﷲ ތަޢާލާ الطلاق ސޫރަތުގެ ދެވަނަ އަދި ތިންވަނަ އާޔަތުގައި ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ.

" ﷲ އަށް ތަޤުވާވެރިވާ މީހާ (ދަންނާށެވެ) އެކަލާންގެ އޭނާއަށް ނުކުންނަވާނޭ މަގެއް ދައްކަވާނެތެވެ. އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އެކަލާންގެ އޭނާއަށް ރިޒްޤު ދެއްވާނެތެވެ."

މިއަދުގެ ޚުތުބާގައި އިތުރަށް ވިދާޅުވެފައިވަނީ ދުނެޔޭގެ ހަޔާތުގައި ދިމާވާ ކޮންމެ ދަތި އުނދަގުލަކަށް ފަހު ފަސޭހަކަން އަންނާނެކަމަށް ﷲ ވަޢުދުވެ ވޮޑިގެންފައިވާ ކަމަށާއި، ވުމާއިއެކު އެކަލާންގެ މި ވަޢުދުފުޅު ހަނދާންކޮށް ހިތްވަރު އައުކުރުމަށެވެ. ﷲ ތަޢާލާ ސޫރަތުލް الشرح ގެ ފަހެއް އަދި ހަވަނަ އާޔަތުގައި ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ.

"ހަމަކަށަވަރުން އުނދަގޫކަމާއި އެކު ފަސޭހަކަން ވެއެވެ. ހަމަކަށަވަރުން އުނދަގޫކަމާއި އެކު ފަސޭހަކަން ވެއެވެ."

މިއަދުގެ ޚުތުބާގައި ވަނީ ކޯވިޑް ބަލިމަޑު ކަމުގެ މި ހާލަތުގައި މިސްކިތައް ނަމާދަށް އަންނައިރު ސަމާލުކަންދޭންވީ ބައެއް ކަންކަމުގެ މައްޗަށް ވެސް އަލި އަޅުވާލާފައެވެ.

މިގޮތުން ހުކުރަށް އަންނައިރު ގެއިން ވުޟޫކޮށްގެން އައުމަށާއި، މާސްކު އެޅުމުގެ އިތުރުން މުޞައްލަ ހިފައިގެން މިސްކިތަށް އައުމަށް ވަނީ ނަޞޭހަތްތެރިވެފައެވެ. އަދި މިފަދަ ބަލިމަޑުކަމުން ތިމާއާއި އެހެން މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ފަރުދީ ވާޖިބެއް ކަމުގައި މިއަދުގެ ޚުތުބާގައި ވެއެވެ.