އެއްވެސް މީހަކު ދެބަސް ނުވާނޭފަދައިން ރަމަޟާންމަހަކީ އަހަރުތެރޭގައި އަންނަ ވިޔަފާރީގެ މޫސުންތަކުގެ ތެރެއިން އެންމެ ބޮޑު އެއް މޫސުމެވެ. ގޭގެ ބަދިގޭ ސެޓުތަކާ، ހިފައި ގެންގުޅޭ ސާމާނާ، ސިޓިންގްރޫމުގެ ފަރުނީޗަރުތަކަށްދާންދެން ބަދަލުވެގެންދާ މޫސުމެކެވެ. މިގޮތަށް ރަމަޟާންމަހަށް ތައްޔާރުވުމަކީ މިހާރު އަޅުގަނޑުމެން ދިވެހިންގެ ކަށީގަ ހިފާފައިވާ އާދައެކެވެ.
ހަމައެހެންމެ ރަމަޟާންމަހަކީ ދީނީ މޫސުންތަކުގެ ތެރެއިންވާ އެންމެ މުހިންމު އެއް މޫސުމެވެ. ﷲއަށް އަޅުކަން ކުރުމަށް އެދޭ މީހާކަށް ލިބޭ ބޮޑުވެގެންވާ "ޢިބާދާތުގެ" ބަހާރު މޫސުމެކެވެ. މުޅި ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ މިސްކިތްތައް ފުރި ބާރުވެގެންދާ މަހެކެވެ. އަހަރުގެ ފާއިތުވީ ތަނުގައި ﷲއަށް ކުއްތަންވެ އަޅުކަންކުރުމުން ޣާފިލުވެފައިވާ އެއިލާހުގެ އަޅުތަކުންނަށް ނަފުސު އިޞްލާޙުކޮށް، އެއިލާހުގެ މަގަށް ރުޖޫޢަވުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
ނަމަވެސް ގިނަފަހަރަށް ވާ ގޮތަކީ، މިމަސް އަހަރެމެންނާ ބައްދަލުކުރަނީ ކުއްލިއަކަށެވެ. ޓަކިޖަހާއަޑެއް، ދޮރު-ރަނގަބީލުގެ އަޑެއް، ސަލާން ގޮވި އަޑެއް އިވުމަކާ ނުލާ ފެންނަނީ ކުއްލިއަކަށް ރަމަޟާންމަސް އައިސް ޙަޔާތުގެ ގޭގެތެރެއަށް ވަދެގަންނަ ތަނެވެ. މައިގަނޑު ގޮތެއްގައި އެހެން ދިމާވަނީ ގޭގެ ފަރުނީޗަރު ފަދަތަކެތި އާކުރުމުގެ އިތުރަށް މިމަހަށް ތައްޔާރުވުމަށް މަސައްކަތްތަކެއް ކޮށްފައި ނުވާނަމައެވެ. ކުރިއާލައި އެމަހަށް ރަނގަޅަށް ތައްޔާރުވެއްޖެ ނަމަ އެހެނެއް ނުވާނެއެވެ.
ފާއިތުވި ރަމަޟާން މަސް ނިމިގެން ދިޔައިރު އެއަހަރުގައި ރަމަޟާންމަސް އަންނަންވާއިރަށް އެމަހަށް ތައްޔާރު ނުވެވުނީތީ ތިބާ ދެރަވީމުނޫންތޯއެވެ. ރަމަޟާން މަސް އަންނަންވާއިރަށް މާނަޔާއެކު ދުޢާކޮޅެއް ހިތުދަސްކޮށްލެވުނު ނަމައޭ ހިތަށް އެރިނޫންތޯއެވެ. ކުރިއަށް އޮތް އަހަރުގެ ރަމަޟާން މަސް އަންނަންވާއިރަށް އެވެނި މިވެނި ކަމެއް ކުރާނަމޭ ކިޔާފަ މިފަދަ އެތައް ކަމެއް ސިކުނޑީގައި ނޯޓް ކޮށްލީމު ނޫންތޯއެވެ. އެކަންތައްތައް ނުކޮށް ލަސްކުރަން ވެއްޖެނަމަ އަނެއްކާވެސް ފެންނާނީ ހަމަ ކުރިން މިބުނިފަދައިން ރަމަޟާންމަސް އައިސް ކުއްލިއަކަށް ބައްދަލުކުރާތަނެވެ.
އެހެންކަމުން ރަމަޟާން މަހަށް ތައްޔާރުވުމަށް އަވަސްވެގަންނަމާ ހިނގާށެވެ. ބާކީ މަހަކާއި ދުވަސްކޮޅެއް އެބައޮތެވެ. ވަރަށް ގިނަ ކަންކަން ކުރެވިދާނެއެވެ. މިއަދުން މިއަދަށް ކުރާނެ ކަންކަމުގެ ތާވަލެއްހަދައި، ވަގުތު ހޯދައިގެން އެކަންތައްތައް ކުރުމަށް ފަށައިގަންނަމާ ހިނގާށެވެ. ހަނދާން ބަހައްޓަން ޖެހޭ ކަމަކީ މަހަކާއި ދުވަސްކޮޅެއް އޮތަސް، ވަގުތަކީ ވަރަށް ބާރަށް އުދުހިނގެންދާ އެއްޗެކެވެ. ނަމަވެސް ހަމަ އެއާއެކު ސިކުނޑީގައި ބަހައްޓަންވީ ޙަޤީޤަތަކީ، އުދުހިގެންދާ ވަގުތުގެ "ޕައިލެޓަކީ" ތިބާއެވެ. ރަނގަޅަށް ވަގުތު "މެނޭޖުކޮށް" ތަރުތީބުކޮށްފިނަމަ ބޭނުންވާ މަންޒިލަށް ވަރަށް ފަސޭހަކަމާއެކު ދެވިދާނެއެވެ. ކުރަން ބޭނުންވާ ކަންކަންވެސް ކުރެވޭނެއެވެ.
އެހެންކަމުން ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމަށްޓަކައި މިއަދުންފެށިގެން ކުރެވިދާނެ ކަންތައްތަކަށް ބަލާލަމާ ހިނގާށެވެ.
- ރަމަޟާންމަހާ ބައްދަލުކޮށްދެއްވާތޯ ދުޢާކުރުން: އެއްވެސް ޝައްކެއްނެތް ގޮތުގައި ދުޢާއަކީ ކަންކަން މަގުފަހި ވުމަށް އޮތް އެންމެބޮޑު އެއްވަސީލަތެވެ. އަދި ސަބަބެވެ. ތިމާ އެދޭ ކަންކަން ޙާޞިލުކޮށްދެއްވާތޯ ގިނަގިނައިން ﷲ އަށް ދުޢާ ކުރަން ޖެހެއެވެ. އެގޮތުން މިއަހަރުގެ ރަމަޟާންމަހުގެ ދަރުމައާއި ޘަވާބު ހޯދުމަށްޓަކައި އެމަހާ ބައްދަލުކޮށްދެއްވާތޯ ގިނަގިނައި ﷲއަށް ދުޢާ ކުރައްވާށެވެ. މި އުތްމަތުގެ ސަލަފުއްޞާލިޙުންގެ ފަރާތުން ވާރިދުވެގެންވެއެވެ. އެބޭކަލުން ރޯދަމަސް ޖެހެން 6 މަހަށްވީމަ އެމަސް ލިބޭތޯ، އަދި އެމަހާ ބައްދަލުވޭތޯ ﷲގެ ހަޟްރަތުގައި އެދި ދުޢާކުރެއެވެ. އަދި ރޯދަމަސް ނިމުމުން 5 މަސްވަންދެން އެރޯދަމަހުގައި ކުރެވުނު އަޅުކަންތައް ޤަބޫލުކުރައްވާތޯވެސް ދުޢާކުރެއެވެ.
- ކުރީ ރަމަޟާންމަހުގައި ދޫކުރެވިފައިވާ ރޯދަތައް ޤަޟާކުރުން: ރަމަޟާންމަސް އައިސް ބައްދަލުކުރާއިރު، ފާއިތުވި ރަމަޟާންމަހުގައި އެކި ސަބަބުތަކާހުރެ ދޫކޮށްލެވިފައިވާ ރޯދަތައް ޤަޟާ ނުކުރެވިހުރުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ގިނައިން މިމައްސަލަ ދިމާވަނީ އަންހެނުންނަށެވެ. ޙައިޟު ނުވަތަ ނިފާސްގެ ދުވަސްވަރު ގެއްލިފައިވާ ރޯދަތައް ކުޅަދާނަކަން ވީ މިންވަރަކުން ހިފުން އަވަސްކުރުން ރަނގަޅެވެ. ނަމަވެސް ދިރިއުޅުމުގެ ކަންކަން ހުންނަގޮތުން ރަޖަބުމަސް ނުވަތަ ޝަޢުބާން މަހާ ހަމައަށް ދާއިރުވެސް ބައެއް ރޯދަތައް ޤަޟާ ނުކުރެވި ހުރެދާނެއެވެ. އެހެންމަކަށްވާނަމަ ރަމަޟާން މަސް އައުމުގެ ކުރިން އަވަހަށް އެރޯދަތައް ހިފާލާށެވެ.
- ޝަޢުބާން މަހުގައި ސުންނަތް ރޯދަ ހިފުން: ޝަޢުބާން މަހުގައި ރޯދަ ހިފުމަކީ ރަމަޟާންމަހުގެ ރޯދައަށް މީހާގެ ނަފުސު ޖިސްމާނީގޮތުންނާއި ނަފްސާނީ ގޮތުން ތައްޔާރު ކޮށްދޭ ކަމެކެވެ. ހަމައެހެންމެ މިމަހަކީ ސުންނަތް ރޯދަ ހިފުން ވަރަށް ބޮޑަށް އެދެވިގެންވާ މަހެކެވެ.
މާތް ﷲ ރުއްސުންލެއްވި އުސާމާ ބިން ޒައިދުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. ޝަޢުބާން މަހު ރޯދަ ހިއްޕަވާ ފަދައިން އެހެން މަހެއްގައި ތިފަދަ ގޮތަކަށް ރޯދަ ހިއްޕަވާ ތަނެއް ނުފެނެއެވެ. ޙަދީޡްފުޅުކުރެއްވިއެވެ: "އެމަހަކީ ރަޖަބުމަހާއި ރަމަޟާންމަހާ ދެމެދުގައި މީސްތަކުން އެމަހަކާ މެދު ޣާފިލުވެފައިވާ މަހެކެވެ. އަދި އެމަހަކީ ޢާލަމްތަކުގެ ވެރި ރައްބަށް އަޅާގެ ޢަމަލުތައް އުފުއްލެވޭ މަހެވެ. އެހެންކަމުން ތިމަންކަލޭގެފާނުގެ ޢަމަލު އުފުއްލެވޭއިރު ރޯދައަށް ހުންނެވުމަށް ތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ."
- ރޯދައާބެހޭ ޙުކުމްތައް ދެނެގަތުމަށް މަސައްކަތް ކުރުން: އެގޮތުން ރަމަޟާން މަހުގެ ރޯދަޔާ ބެހޭގޮތުން ލިޔެވިފައިވާ ލިޔުންތައް ކިޔައި، ދަރުސްތައް އަޑު އަހާލެވިދާނެއެވެ. އަދި އޭގެ އިތުރަށް ދަމުނަމާދާއި ތަރާވީޙް ނަމާދު ފަދަ ރޯދައާ ގުޅިގައިވާ ކަންކަމުގެ ޙުކުމްތަކާއި އިތުރު މަޢުލޫމާތު ހޯދާލަންވާނެއެވެ. އަދި ރޯދައާ ގުޅޭގޮތުން ނުވަތަ އެހެން އަޅުކަމަކާ ގުޅޭގޮތުން ނަމަވެސް ހިތުގައި ސުވާލެއް އުފެދޭނަމަ ދީނީ ޢިލްމުވެރިންނާ ސުވާލުކޮށްގެން ޖަވާބު ހޯދުމަށް މަސައްކަތް ކުރާށެވެ. އަދި ރޯދައިގެ ޙުކުމްތަކާ ބެހޭ ދަރުހެއް އަޑުއަހާލަން ބޭނުންނަމަ، އައްޝައިޚް މުޙައްމަދު އިބްރާހީމް ޝަރަޙަކޮށްދެއްވާފައިވާ "އިމާމް އިބްނު ޙަޖަރު އަލްއަސްޤަލާނީގެ ބުލޫޣުލްމަރާމް މިން އަދިއްލަތިލް އަޙްކާމް" މިފޮތުގެ ކިތާބުއް ޞިޔާމް އަޑުއަހާލުން ބުއްދިވެރިއެވެ. މިފޮތުގައިވަނީ ރޯދައިގެ ޙުކުމްތަކާ ގުޅޭ ޙަދީޘްތަކެވެ. އެހެންކަމުން އޭގެ ޝަރަޙަތައް އަޑުއަހާލީމާ ވަރަށް ގިނަ މަޢުލޫމާތު ލިބިގެންދާނެއެވެ.
އޯޑިއޯ ދަރުސް ލިންކު: މިތަނަށް ފިތާލައްވާ
ދަރުސް ކްލިޕްގެ އަދަދު: 7
ރޯދައާގުޅޭ ބައެއް ފޮތައް (ޑައުންލޯޑް ކޮށްލެއްވުމަށް ފޮތުގެ ނަމަށް ފިތާލައްވާ):
ރޯދައިގެ އިރުޝާދު- ޝައިޚް އަޙްމަދު ސަމީރު
ކިތާބުއް ޞިޔާމް- ޝައިޚް މުޙައްމަދު އިބްރާހީމް
ރަމަޟާން މަހު ރޯދަ- ޝައިޚް ޝަފީޢު ޢަބްދުﷲ
ރޯދަ މަހާ ގުޅޭ ލިޔުންތައް- ޝައިޚް ޝަފީޢު ޢަބްދުﷲ
- ކުރާނެ ދުޢާތައް ހޯދާލުން: ދުޢާކުރުމަކީ ވަރަށް މަތިވެރި އަޅުކަމެކެވެ. އެހެންކަމުން މި ރޯދަމުހުގައި ދުޢާކުރުން ގިނަކުރުމަށްޓަކައި، ޤުރްއާނާއި ސުންނަތުން ވާރިދުވެފައިވާ ދުޢާތަކާއި ޛިކުރުތަކުގެ ތެރެއިން މިންވަރެއް ދަންނަ ބަހަކުން މާނަޔާއެކު ހޯދާލައި، އެދުޢާތަކާއި ޛިކުރުތަކުން މިންވަރެއް ހިތުދަސް ކުރުމަށް މަސައްކަތް ކުރާށެވެ. މިފަދަ ބައެއް ދުޢާތައް އިނގިރޭސި ބަހުން މާނަޔާއެކު މިލިންކުން ލިބިލައްވާނެއެވެ.
- ނަމާދުގައި ކިޔާ ތަކެތީގެ މާނަ ކިޔާލުން: ނަމާދުގައި ކިޔާ ތަކެތީގެ މާނަ އެނގިގެން އެތަކެތި ކިޔާނަމަ ނަމާދުގައި ޚުޝޫޢަތްތެރިވުމަށް ފަސޭހަވެގެންދާނެއެވެ. މިލިންކުން ނަމާދުގައި ކިޔާތަކެތި މާނައާއެކު ލިބިލައްވާނެއެވެ.
ރަމަޟާން މަހަށް ތައްޔާރު ވުމަށްޓަކައި އަދި މީގެ އިތުރަށްވެސް ކުރެވިދާނެ ކިތަންމެ ކަމެއް ހުންނާނެއެވެ. ވަގުތުކޮޅެއް ހުސްކޮށްލައިގެން، ތިމާ، މިއަހަރުގެ ރަމަޟާންމަސް ކުރިއަށް ގެންދަންބޭނުންވާ ފައިދާހުރި ގޮތްތަކާމެދު ވިސްނައި، އެކަންކަމަށް ވާންޖެހޭ ތަރްޔާރީތައްވާށެވެ. ދުޢާއަކި ކުރިއަށް އޮތް ރަމަޟާންމަހާ ބައްދަލުވުމުގެ ތައުފީޤު ﷲ ތަޢާލާ އަޅުގަނޑުމެން އެންމެނަށްވެސް މިންވަރުކޮށްދެއްވުން އަދި މިމަހުގައި ﷲ އަށް އަޅުކުރުމުގެ ހެޔޮ ތަޢުފީޤު ދެއްވުން.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!