މަކުނުދޫ ދާއިރާއަށް 2021 ވަނަ އަހަރުގެ ބަޖެޓްގައި ހިމެނިފައިވާ މަޝްރޫޢުތައް އަވަސްކޮށްދިނުމަށް އެދި ދެންނެވުމަށާއި، އެ މަޝްރޫޢުތަކާއި ގުޅޭ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ، ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރާއި އިއްޔެ ބައްދަލު ކުރަށްވައިފިއެވެ.

މި ބައްދަލުވުން ކުރެއްވުމާއި ގުޅޭގޮތުން މެންބަރު ރާޢީ ފޭސްބުކްގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެން ''ތިލަދުން''އިން އިތުރު މަޢުލޫމާތު ހޯދުމަށް ރާޢީއަށް ދެންނެވުމުން އޭނާ ވިދާޅުވީ އިއްޔެ ބައްދަލުވުމަކީ ވަރަށް އުންމީދީ ބައްދަލުވުމެއް ކަމަށެވެ.

Ad
rt

ރާޢީ ވިދާޅުވީ ނޭކުރެންދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަރެކްޝަނަލް ސެންޓަރުގެ މަސައްކަތް ކުރުމަށް މިއަހަރު ލިބިފައިވާ ބަޖެޓުން ފައިސާ ހަމަޖެހިފައިވާ މިންވަރުން އެމަސައްކަތް މަޑުޖެހުމެއްނެތި ކުރިއަށް ދާނެކަމަށް މިނިސްޓަރު އަމީރު ވިދާޅުވި ކަމަށެވެ. އަދި އެމަސައްކަތް ކުރިއަށް ގެންދިޔުމަށް ހޯމް މިނިސްޓަރު އިމްރާނާއި މަޝްވަރާތައް ކުރަށްވަމުން ދާކަމަށް އަމީރު ވިދާޅު ކަމަށް ރާޢީ ވިދާޅުވިއެވެ.

''ކުމުންދޫގެ ނެރުގެ މަސައްކަތް ވެސް މިއަހަރުގެ ފުރަތަމަ ކްއާޓާގައި ވަރަށް އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައި''

ރާޢީ ވިދާޅުވިއެވެ.

ރާޢީ ވިދާޅުވީ މިހާރު ބީލަމަށް ހުޅުވާލާފައިވާ މަކުނުދޫ އެއާޕޯޓްގެ މަޝްރޫޢުއާއި ގުޅޭގޮތުން ވެސް މަޢުލޫމާތު ހޯއްދެވިކަމަށާއި، އެއީ ވެސް ވަރަށް އުންމީދީ މަޝްރޫޢުއެއް ކަމަށެވެ. އަދި މަކުނުދޫއަށް ވައިގެމަގުން ދަތުރުކުރެވޭގޮތް ހަމަޖެހިގެން ދިޔުމަކީ އެރަށުގެ ރައްޔިތުންނެކޭ އެއްފަދައިން އޭނާގެ ވެސް ވަރަށްބޮޑު އެދުމެއްކަމަށާއި، އެ އެއާޕޯޓްގެ ސަބަބުން އެރަށުގެ ރައްޔިތުން މިހާރު އުފުލަމުންދާ އުނދަގޫ، ތަކުލީފްބޮޑު ދުވަސްތަކަށް ވީހާވެސް އަވަހަކަށް ލުއިކަން ލިބުމަށް އެދޭކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރީން ވެސް މެންބަރު ރާޢީ ވަނީ ދާއިރާގެ އެކި މަޝްރޫޢުތަކާއި، މަސައްކަތްތަކާއި، ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުގެ ސަމާލުކަމަށް ގެނެސް، ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަށްވާފަ އެވެ.