ރައީސުލް ޖުމްޙޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ކޯވިޑް-19 ވެކްސިން ޖައްސަވައިފިއެވެ.
އެމަނިކުފާނު ކޯވިޑް ވެކްސިން ޖެއްސެވީ މިއަދުއެވެ. އެމަނިކުފާނު ޖެއްސެވީ އިންޑިއާއަށް ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ.
ކޯވިޑް ވެކްސިން ޖެއްސެވުމަށްފަހު ނައިބު ރައީސް ފައިޞަލް ވަނީ ހުރިހާ ރައްޔިތުން ވެސް ޤައުމީ ރޫޙެއްގައި ވެކްސިން ޖެހުމުގަައި ބައިވެރިވުމަށް އިލްތިމާސްކުރަށްވާފަ އެވެ.
ރާއްޖޭގައި ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ކޯވިޑް ވެކްސިން ދިނުމުގެ ގައުމީ ހަރަކާތް ''ކޯވިޑް-19 ދިފާޢު'' ފަށާފައިވާއިރު، މި ވެކްސިންގެ ފުރަތަމަ ޑޯޒު ދިނީ އައިޖީއެމްއެޗްގެ ޑޮކްޓަރު، ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ ޑރ. ޝިރާނީ އަށެވެ.
މިހަރަކާތުގެ ތެރެއިން ދައުލަތުގެ ތިންބާރުގެ ވެރިން ވެކްސިން ޖައްސަވާފައިވާއިރު، މިގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި، މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަނީ ވެކްސިން ޖައްސަވާފައެވެ.
މީގެ އިތުރުން ވެސް ސަރުކާރާއި ދައުލަތުގެ އިސްވެރިންގެ ތެރެއިން ގިނަ ބޭފުޅުންނާއި، އިސްސަފުގައި މަސައްކަތްކުރާ ގިނަ ބަޔަކު އަންނަނީ މި ވެކްސިން ޖަހަމުންނެވެ.
ٱلْحَمْدُ لِلَّٰهِ
އަޅުގަނޑު ކޮވިޝީލްޑް
ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިން. އެންމެހާ ރައްޔިތުން ޤައުމީ ރޫޙެއްގަ މިކަމުގައި ބައިވެރިވުމަށް އިލްތިމާސްކުރަން. #COVID19Dhifaau#AaUmmeedhu pic.twitter.com/x5MHZ6mnLz— Faisal Naseem (@FaisalNasym) February 8, 2021
ވެކްސިން ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ވެކްސިން ދޭ މީހުންގެ ތެރޭގައި ހިމެނެނީ، ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ވޯކަރުން އަދި އެއަށް ފަހު އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. އެއަށްފަހު 18 އަހާރާއި 50 އަހަރުގެ ތެރެއިން ހައި ރިސްކް މީހުންނާއި، ޓީޗަރުންނާއި، ޕޮލިހުންގެ އިތުރުން ޓޫރިޒަމް އިންޑަސްޓްރީގެ މީހުންނަށް ވެކްސިން ޖަހާނެއެވެ.
ރާއްޖޭގައި ޖަހަން ފެށި ވެކްސިނަކީ އިންޑިއާގެ ސީރަމް އިންސްޓިިޓިއުޝަނުން އުފައްދާފައިވާ ކޮވީޝީލްޑް ވެކްސިނެެވެ. އިންޑިއާ އިން ރާއްޖެ އަށް މި ވެކްސިންގެ 100،000 ޑޯޒް ހަދިޔާކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. މިއިން 50،000 މީހެއްގެ ގަޔަށް ވެކްސިން ޖަހާނެއެވެ.
ރާއްޖޭގައި މިހާތަނަށް 9752 މީހަކު ވަނީ ކޮވިޝީލްޑް ވެކްސިން ޖަހައިފަ އެވެ. ވެކްސިން ޖެހި އެއްވެސް މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ފަދަ ސީރިއަސް ސައިޑް އިފެކްޓެއް ދިމާވެގެން ރިޕޯޓުކޮށްފައި ނުވާކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!