މީގެ ޒަމާންތަކެއް ކުރީން ރާއްޖެ ދުއް ބޮޑު ރޯގާ، “ސްޕެނިޝް ފްލޫ” އަކީ ދުނިޔޭގެ ތިން ބައިކުޅަ އެއްބައި މީހުނަށް ޖެހި، 60 މިލިއަނާ 100 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން މަރުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވާ ހުމެކެވެ. 1918 ވަނަ އަހަރު ޖަނަވަރީ މަހު ކަރައިގައި ފެތުރެން ފެށިކަމަށް ބުނާ މި ބޮޑުރޯގާ ދުނިޔެ ތަޖުރިބާ ކުރިތާ 102 އަހަރުގެ ފަހަށް ސޮއްސާލާފައި ވާއިރު، ދުނިޔެ ކުޑަ ކަކޫ މައްޗަށް ތިރިކޮށްލީ 2019 ވަނަ އަހަރު ފަހުކޮޅު ފެތުރެންފެށި ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް19 އެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު، 11 މިލިއަން މީހުން ދިރިއުޅޭ ސައުތު ޗައިނާގެ ވުހާން ސިޓީގެ ސީފުޑް ހޯލްސޭލް މާރުކޭޓަކުން ފެތުރެންފެށި ކަމަށް ބުނާ މިވައިރަސްގެ ސަބަބުން މުޅި ދުނިޔެހުއްޓި، މިހާތަނަށް ވެސް ދެކެމުންއައީ ދަތި ބިރުވެރި ދުވަސްތަކެކެވެ. މިހާތަނަށް ދުނިޔޭގެ 103,921,394 މީހުންނަށް މި ބަލިޖެހިފައިވާއިރު އޭގެ ތެރެއިން 2,247,011 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

Ad
rt

ޗައިނާގެ ވޫހާން ސިޓީން ބިންދާލި ކޯވިޑްގެ ބިޔަ ރާޅު ދުނިޔޭގެ އެކި ބައްރުތަކަށް، އެކި ގައުމުތަކަށް ފޯރަމުންގޮސް މި ކުޑަކުޑަ ޖަޒީރާ ދިވެހިރާއްޖެއަށް ފޯރީ 7 މާރިޗް 2020 ގައެވެ.

ކޯވިޑްގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން މި ރާއްޖޭގެ ރައްޔިތުން ވެސް ތަޖުރިބާ ކުރަމުންދާ ވޭން ދެނިވި ދުވަސްތަކަށް އުއްމީދުގެ އަލިކަމެއް ގެނެސްދިނީ ކޯވިޑަށް އީޖާދުކުރި ވެކްސިނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބަށް ބަލާއިރު ކޯވިޑަށް ފަރުވާއެއް ހޯދުމަށް 64 ވައްތަރެއްގެ ވެކްސިނެއް އިންސާނުން ގަޔަށް ޖަހައިގެން ތަހުލީލު ކުރުމުގެ މަރުހަލާގައިވާއިރު، 173 ވެކްސިނެއް މިހާރު ދަނީ ތައްޔާރުކޮށް ލެބޯޓްރީތަކުގައި ތަހުލީލުތައް ކުރަމުންނެވެ. އަދި ވެކްސިން ތަހުލީލު ކުރުމުގެ އެންމެ ފަހު މަރުހަލާގައި 15 ވެކްސިނެއް ފުޅާދާއިރާއެއްގައި ތަހުލީލު ކުރެވެމުން އެބަދެއެވެ.

ކޯވިޑް ވެކްސިންތަކުގެ ނަތީޖާއިން ސަލާމަތްތެރިކަން ލިބިދާނެ ކަމުގެ އުންމީދު އާލާވެ، އެތައް ޤައުމެއްގައި މިހާރު ވެކްސިން ޖަހަންފަށާފައިވާއިރު ރާއްޖެއަށް ވެސް މިވަނީ ކޯވިޑް ވެކްސިނެއް ގެނެސްފައެވެ. މިގޮތުން އޮކްސްފޯޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ، ވެކްސިން ފޯމިއުލާއާއި އެއްގޮތަށް ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ތައްޔާރުކޮށްފައިވާ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް މިވަނީ މި އަހަރުގެ ޖަނަވަރީ 20ވީ ބުދަ ދުވަހު ހަދިޔާކޮށްފައެވެ.

އެއާއިއެކު ދިވެހި ރައްޔިތުންގެ ދިގު އިންތިޒާރު ކުލަވެ، އިއްޔެ މިވަނީ ރާއްޖޭގައި މި ވެކްސިން ދޭން ފަށާފައެވެ. މި ވެކްސިން ދޭން ފެށުމާއި ހަމައަށް ހިނގި އެހެންކަމެއް ވެސް އޮތެވެ. އެވާހަކަ މިތާ ނުލިޔުނު ކަމުގައި ވިޔަސް ''އެކަމުގެ'' ސަބަބުން އެތައް ދިވެހިންގެ ހިތްތަކުގައި އިންޑިއާއިން ރާއްޖެ ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނާއިމެދު ވަހުމް އުފެދެން މެދުވެރިވިއެވެ. ނަމަވެސް އެ ވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަން އަންގައިދީ، ނަމޫނާ ދައްކަމުން އެންމެ ފުރަތަމަ އެ ވެކްސިން ޖެހުމުގެ ތާރީޚީ ޝަރަފް ލިބިގަތުމުގައި އިސްނެގީ ބޮޑުތިލަދުންމަތީގެ ކުޅުދުއްފުށީ ސިޓީއަށް އުފަން ފަޚުރުވެރި ދަރިއެކެވެ.

މިގޮތުން ރާއްޖޭގައި އިއްޔެ ކޯވިޑް ވެކްސިން ދިނުމުގެ ގައުމީ ހަރަކާތް ''ކޯވިޑް-19 ދިފާޢު'' ފަށާފައިވާއިރު، މި ވެކްސިންގެ ފުރަތަމަ ޑޯޒު ދިނީ އައިޖީއެމްއެޗްގެ ޑޮކްޓަރު، ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ ޑރ. ޝިރާނީ އަބްދުލް ރަހްމާން އަށެވެ. އެއަށްފަހު އުތުރުން އެންމެ ފުރަތަމަ އެ ވެކްސިންޖެހީ ހަމަ ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ މެނޭޖަރު، އަހްމަދު ދާއޫދެވެ.

މީގެކުރީން ވެސް ކުޅުދުއްފުށީގެ ފަސްގަނޑުން އުފަންވި، ހިތްވަރުގަދަ ޤައުމަށްޓަކައި ފިދާވި ދަރިން ފަދައިން ދުނިޔެދުއް މި ނާންމާ ބިރުވެރިކަމުގެ ތެރެއިން އަލިކަމަށް ދިޔުމަށް ''މޭ ދިއްކޮށްލި'' ކުޅުދުއްފުށީގެ މި ދެ ދަރިންގެ ނަން ދިވެހި ތާރީޚްގައި ރަން އަކުރުން ލިޔެލެވޭނެ ކަމާއިމެދު ޝައްކެއް ނެތެވެ. މި ދެ ނަމަކީ ތާ އަބަދަށް ބޮޑުތިލަދުންމައްޗާއި މުޅި ޤައުމުވެސް ފަޚުރުވެރިވާނެ ދެ ނަންކަން ޔަޤީނެވެ.