ކޯވިޑް19 ގެ ސަބަބުން ވަޒީފާތަކަށް ކުރާ އަސަރު މި އަހަރުގެ ބޮޑުބަޔަކަށްވެސް ދެމިގެންދާނެ ކަމަށް ބެލެވޭކަމަށް ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވެއްޖެ އެވެ.
ފާރިސް އެޗް މިހެން ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން މަސައްކަތްތެރިންނަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް ދިވެހިރާއްޖެ އަށް ދެމުންގެންދާ އެހީ ފުޅާކުރުމަށްޓަކައި އިތުރު 21.6 މިލިއަން ޑޮލަރު ދިނުމަށް ވާލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ފާސްކޮށް އެކަން އިޢުލާން ކުރުމަށް ނެރުނު ބަޔާނެއްގަ އެވެ.
މިބަޔާނުގައި ފާރިސް އެޗް އިތުރަށް ވިދާޅުވެފައިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކާއި ދިވެހިރާއްޖޭގައިވެސް ވައިރަސް ފެތުރިފައިވާ މިންވަރުގެ ސަބަބުން، ފިނިމޫސުމުގެ ފަތުރުވެރިކަމުގެ ހައި ސީޒަންގައިވެސް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މަދުވާނެ ކަމަށް ހޮޓާތަކާއި ރިސޯޓްތަކުން އަންދާޒާކުރާކަމަށެވެ. އެގޮތުން ބައެއް ތަންތަން ބަންދުކޮށްފައިވާއިރު، ގިނަ އަދަދެއްގެ މަސައްކަތްތެރިން ތިބީ މުސާރަ ނުލިބޭ ގޮތަށް ނުވަތަ ކުޑަ މުސާރައަކާ އެކު ޗުއްޓީގައި ކަމަށާއި އަދި ބައެއް ފަރާތްތަކުގެ ވަޒީފާ ވަނީ ގެއްލިފައިކަން ފާހަގަކުރައްވާފައިވެއެވެ.
މި ކާރިޡާގެ ސަބަބުން ވަޒީފާތަކަށް ކުރާ އަސަރު މި އަހަރުގެ ބޮޑުބަޔަކަށްވެސް ދެމިގެންދާނެ ކަމަށް ބެލެވޭ،"
ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވި އެވެ.
ވާލްޑް ބޭންކުން ނެރުނު ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ، އިތުރަށް ހަމަޖެއްސި މި ފައިސާ ހަރަދުކުރާނީ، 12.8 މިލިއަން ޑޮލަރުގެ ފައިސާއާ އެކު މިދިޔަ އަހަރުގެ ޖޫން މަހު ވާލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކުރި 'ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް' ފުޅާކުރުމަށްކަމަށެވެ. އެގޮތުން، ސަރުކާރުން ތަޢާރަފްކޮށްފައިވާ 'ކޮވިޑް-19 އިންކަމް ސަޕޯޓް އެލަވެންސް ސްކީމް' ދިގުދަންމާލާން ނިންމާފައިވާ މުއްދަތުގެ ތެރޭގައިވެސް، ކޮރޯނާވައިރަސްގެ ބަލިމަޑުކަމާ ގުޅިގެން ވަޒީފާ ގެއްލިފައިވާ ނުވަތަ އާމްދަނީ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށް މަހަކު 5،000 ރުފިޔާގެ މަގުން ވަގުތީ އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ކަމަށް ބުނެފައިވެއެވެ.
ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ބޮޑު އެއް އިދާރާ ކަމަށްވާ ވާލްޑް ބޭންކް ގްރޫޕުން އަންނަނީ، މި ބަލިމަޑުކަމާ ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތްތައް ވަރުގަދަކުރުމަށް ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ވަރަށް ފުޅާދާއިރާއެއްގައި އަދި އަވަސް ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
'ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް' ކުރިއަށް ގެންދަނީ، ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިންނެވެ.
https://thiladhun.wonstasite.com/52118
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!