ތިރީސް ތިން ވަނަ ގައުމީ ގުރުއާން މުބާރާތް ނިމި އިނާމު ދިނުމުގެ ޖަލްސާ މިރޭ ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބާއްވާ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

Ad
rt

ތިރީސް ތިން ވަނަ ގައުމީ ގުރުއާން މުބާރާތް ފެށީ މިމަހުގެ އެއްވަނަ ދުވަހުއެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ އާންމު ބަޔާއި ސްކޫލް ކުދިންގެ ބައި އަދި ހާފިޒުންގެ ބައެވެ. މި މުބާރާތުގައި 1،273 ފަރާތުން ބައިވެރިވެފައިވެއެވެ. އެއީ ސްކޫލްތަކުން 1،031 ފަރާތާއި އާންމު ބައިން ބައިވެރިވާ 238 ފަރާތެއްގެ އިތުރުން، ހާފިޒުންގެ ބައިގައި ބައިވެރިވި ހަތަރު ފަރާތެކެވެ. މިމުބާރާތުގައި ތިލަދުންމަތީގެ 124 ދަރިވަރަކު ބައިވެރިވެފައިވެއެވެ.

މުބާރާތް ކުރިއަށްދިޔައިރު ހިލޭ ބަހާ މުސްހަފު އަދި ފޮތް ވިއްކާ ސްޓޯލަކާއި ދީނީ ސުވާލާ ޖަވާބު ދޭނެ ސްޓޯލެއްވެސް އިސްލާމީ މަރުކަޒުގައި ބަހައްޓާފައިވެއެވެ. އެހެން އަހަރު ތަކާއި ހިލާފަށް މިއަހަރުގެ މުބާރާތް ދެ ތަނެއްގައި ކުރިއަށްގެންދިޔައެވެ. އެއީ އިސްލާމީ މަރުކަޒުގެ ހޯލުގަޔާއި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ހޯލުގަ އެވެ.