މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ށ.ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރު ވެއްޖެއެވެ.
މިކަން ހާމަކުރައްވައި އެމްޓީސީސީއިން މިއަދު ކޮށްފައިވާ ޓްވީޓްގައިވަނީ ށ.ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި 18 ޖަނަވަރީ 2021 ގައި ޕްރޮޖެކްޓް ސައިޓް މޮބަލައިޒް ކޮށްފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން އެ ބަނދަރުގެ 9800 ކިއުބިކް މީޓަރ ނެރު ފުންކުރުމާއި، ރޭމްޕެއް ހެދުމާއި އަދި 22 މީޓަރުގެ ގުރޯއިން ޖެހުމާއި، 11 ބަނދަރު ބައްތި ހަރުކުރުމާއި، 2 ނެރުބައްތި ހަރުކުރުމާއި، 1150 ސްކެއާ މީޓާރ ޕޭވްމަންޓް ހެދުމާއި 14325 ކިއުބިކް މީޓަރު ބަނދަރު ފުން ކުރުމާއި، 376 މީޓަރު ބޭރު ތޮށި ހެދުމާއި، 98 މީޓަރު އެއްގަމު ތޮށި ހެދުމުގެ އިތުރުން 5 މޫރިން ބްލޮކް ލުން ހިމެނެއެވެ.
މި މަޝްރޫޢަކީ 31.6 މިލިއަން ރުފިޔާއަށް ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާއި ހަވާލު ކޮށްފައިވާ މަޝްރޫޢުއެކެވެ.
މިއަދު އެ ކުންފުނިންވަނީ ގދ.ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 5 ޕަސެންޓް މަސައްކަތް ވެސް ނިންމާލެވިފައި ވާކަން ހާމަކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ރަންވޭގެ ސަބްގްރޭޑް މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޮނުމުގެ މަސައްކަތް 16 ޖެނުއަރީ 2021 ވީ ހޮނިހިރު ދުވަހު ފެށިގެން ގޮސްފައިވާކަން ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
އެމްޓީސީސީން އަންނަނީ ގިނަ ރަށްތަކެއްގައި ތަރައްގީގެ މަޝްރޫއުރައް ހިންގަމުންނެވެ. އޭގެ ތެރޭގައި ބަނދަރު ހެދުމާއި، އެއާޕޯޓް ހެދުން އަދި މަގު ހެދުން ފަދަ މަސައްކަތްތައް ހިމެނެއެވެ
ފާއިތުވި 2020 ވަނަ އަހަރަކީ އެމްޓީސީސީގެ ހަޔާތުގައި އެންމެ ކާމިޔާބު އަހަރު ކަމުގައި އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު 34 މަޝްރޫއެއް ނިންމާ، 70 މަޝްރޫއު މުޅިން އަލަށް ވަނީ ފަށާފައެވެ. އަދި މި އަހަރު ވެސް ގިނަ މަޝްރޫއުތަކެއް އެ ކުންފުނިން ދަނީ ފަށަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!