ހދ. ކުރިނބީގައި ތަރައްގީކުރާ ކުޑަކުދިންގެ ޕާކު ގާއިމުކުރާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތުގައި ކުރިނބީ ފެނަކަ ބްރާންޗްގެ މުވައްޒަފުންނާއި، ހއ. ދިއްދޫ ކޭޑީ ކުންފުނިން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއާއި ކުރިނބީ ކައުންސިލް ގުޅިގެން އެރަށުގައި ތަރައްގީ ކުރާ ޕާކު ގާއިމުކުރާ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރިނބީ ކައުންސިލާއި، އެރަށުގެ ރައްޔިތުން ގުޅިގެން ފެށީ މި ހިނގާ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.
ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙް ''ތިލަދުން''އަށް ވިދާޅުވީ، އެ މަސައްކަތުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި، އެހީތެރިކަން ލިބެމުންދާ ކަމަށެވެ.
މީގެ އިތުރުން މިއަދުގެ މަސައްކަތުގައި އެރަށުގެ ފެނަކަ މުވައްޒަފުންނާއި، އެރަށަށުގައި އަލަށް މީހުން އާބާދުވާ ސަރަޙައްދަށް ބޭނުންވާ ކޭބަލް ހިފައިގެން އެރަށަށް ދިޔަ ހއ. ދިއްދޫގެ ކުންފުންޏެއް ކަމަށްވާ ''ކޭޑީ'' ކުންފުނިން އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށް އަފްރާޙް ވިދާޅުވިއެވެ.
''ކޭޑީ ކުންފުނިން ހަމަ ހިލޭ ސާބަހަށް އެ ކުންފުނީގެ ހައިމާކު ބޭނުން ކޮށްގެން މިއަދު އެ މަސައްކަތްކޮށް ދިނީ، ޕާކު ހަދާ ސަރައްދުން ވިއްސަކަށް ރުއް އެ ކުންފުނިން މިއަދު ވަނީ ނަގައިދީފައި، އަދި މިރަށު ފެނަކަ މުވައްޒަފުން ވެސް މިއަދުގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވަމުން އެބަދޭ، މި ފުރުޞަތުގައި ކޭޑީ ކުންފުންޏަށާއި، ފެނަކައަށް އަދި ޚާއްޞަކޮށް ކުރިނބީ ރައްޔިތުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވަން''
އަފްރާޙް ވިދާޅުވިއެވެ.
އަފްރާޙް ވިދާޅުވީ، އެ ސަރަހައްދު އަލިކޮށް ސާފުކޮށް ނިންމާލަން ފަނަރަ ވަރަކަށް ދުވަސް ހޭދަވާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.
ކުރިނބީގައި ތަރައްގީ ކުރާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު މިހާރު އެރަށަށް ގެންގޮސްފައިވާއިރު، ޔޫތު މިނިސްޓްރީން އަންނަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކުޑަކުދިންގެ ޕާކު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަށްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!