ފަށާ ތަޢުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް ސްކޮލާޝިޕް ފުރުޞަތު ތަކަކަށް ކުރިމަތިލުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ހުޅުވާލައިފި އެވެ.
މިގޮތުން އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވީ، ފަށާ ތަޢުލީމުގެ މުދައްރިސުން ތަމްރީން ކުރުމަށް އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ފަންޑުން ޚަރަދުކުރާގޮތަށް 15 ސްކޮލަރޝިޕްގެ ފުރުސަތު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުވާލައިފި ކަމަށެވެ.
މި ސްކޮލަޝިޕްއަށް ހޮވޭ މުދައްރިސުން ތަމްރީން ކުރާނީ ޤައުމީ ޔުނިވަރސިޓީއިން، މި ވަގުތަށް ޤައުމަށް ބޭނުންވާ މީހުން ބިނާކުރުމަށް ކުރިއަށްގެންދަވާ ޚާއްސަ ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުންން ކަމަށް އެ މިނިސްޓްރީއިން ވިދާޅުވިއެވެ.
މި ސްކޮލަރޝިޕާއެކު ދެވޭ އިނާޔަތްތަކުގެ ތެރޭގައި އެލަވަންސްއެއްގެ ގޮތުގައި މަހަކު -/5000 ރުފިޔާއާއި، ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ ސިމެސްޓަރއަކު -/5000 ރުފިޔާއާއި، ސްކޮލަރޝިޕްލިބޭ ފުރަތަމަ މަހު އެސްޓޭބްލިޝްމަންޓް ގްރާންޓްއެއްގެ ގޮތުގައި ދެވޭ -/5000 ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން މި ސްކޮލަރޝިޕަށް ހޮވޭ ފަރާތްތަކުގެ އެކަމަޑޭޝަން ޤައުމީ ޔުނިވަރސިޓީގެ ދަނާލުން ހަމަޖެހިގެންދާނެ ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވިއެވެ.
''މި ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތު ތަކުގެ ތެރޭގައި، ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު އުޅެންޖެހޭ އެއްވެސް ވަޒީފާއެއް އަދާ ނުކުރުން ހިމެނެއެވެ. މީގެ ބޭނުމަކީ މި ސްކޮލަރޝިޕްގައި ކިޔަވާ ދަރިވަރުން އުނގެނުމަށް ހޭދަކުރާ ވަގުތު އިތުރުކޮށް، ފެންވަރު ރަނގަޅު ޓީޗަރުން އުފެއްދުމެވެ.''
އެ މިނިސްޓްރީއިން ވިދާޅުވެފައި ވެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވީ، މި ސްކޮލަރޝިޕްތައް އަމާޒުކޮށްފައިވަނީ ޕްރައިމަރީ ޓީޗަރުން މަދު 60 ރަށަކަކަށް ކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 30 މުދައްރިސުން ތަމްރީން ކުރެވޭނެ ކަމަށާއި، އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ފަންޑުން ޚަރަދުކުރާ 15 ސްކޮލަރޝިޕްގެ
އިތުރުން ޤައުމީ ޔުނިވަރސިޓީއިންވެސް 15 ފަރާތަކަށް ސްކޮލަރޝިޕް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީއިން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!