ހދ. ކުޅުދުއްފުށީ ޑޮމެސްޓިކް އެއަރޕޯޓާއި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ ބައެއް ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ސަރަޙައްދީ އެއަރޕޯޓުތަކުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި އޮންނަ ރީޖަނަލް އެއަރޕޯޓްސް އިން އިއްޔެ، މި ވަޒީފާތަކަށް ވަނީ ވަކި ވަކިން ހުޅުވާލާފައެވެ.

Ad
rt

ކުރިމަތިލުމަށް ހުޅުވާލާފައިވާ ވަޒީފާތަކުގެ ތެރޭގައި ކުޅުދުއްފުށީ އެއަރޕޯޓުގެ ޑިރެކްޓަރުގެ މަޤާމުވެސް ހިމެނެއެވެ. މީގެއިތުރުން، އެއެއަރޕޯޓުގެ އެކައުންޓްސް އޮފިސަރުގެ މަޤާމަށާއި އެސިސްޓަންޓް ފަޔަރ ފައިޓަރުގެ މަޤާމަށް މީހުން ހޯދުމަށްވެސް އިއުލާން ކޮށްފައިވެއެވެ. ޑިރެކްޓަރުގެ މަޤާމަށާއި އެކައުންޓްސް އޮފިސަރުގެ މަޤާމަށް އެކަކު ބޭނުންވާއިރު، އެސިސްޓަންޓް ފަޔަރ ފައިޓަރުގެ މަޤާމަށް ހަތަރު މީހުން ބޭނުންވާކަމަށް އިއުލާނުގައިވެއެވެ.

ހަނިމާދޫ އެއަރޕޯޓުން ހުޅުވާލައިފައިވަނީ ފަޔަރ އޮފިސަރުގެ މަޤާމަށާއި ލީޑިންގ ފަޔަރމަންގެ މަޤާމަށެވެ. މިއިން ކޮންމެ މަޤާމަކަށްވެސް ބޭނުންވާކަމަށް ބަޔާން ކޮށްފައިވަނީ އެންމެ މަޤާމެކެވެ.

މި ވަޒީފާތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 15 ވާ އާދީއްތަ ދުވަހުގެ 14:00 ކަމަށްވާއިރު، މި މަހުގެ 16 ވަނަ ދުވަހާއި 17 ވަނަ ދުވަހާ ދެމެދު އިންޓަވިއު ކުރިއަށްދާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އިންޓަވިއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުރިމަތިލީ މަޤާމު އޮތް އެއަރޕޯޓެއްގައެވެ.

މީގެއިތުރުން، ފުވައްމުލައް އެއަރޕޯޓުގެ ބައެއް ވަޒީފާތަކަށްވެސް ހުޅުވާލައިފައިވެއެވެ.