ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިން، އެރަށު ގޮނޑު ދޮށުގައި ތަރައްޤީ ކުރި ''އޮޑި ބަން ޕާކު'' ހުޅުވައިފިއެވެ.
ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން މި ޕާކު ތަރައްޤީކޮށްފައި ވަނީ އެރަށުގެ ''އޮޑި ބަން މަގު''ގެ ގޮނޑުދޮށު ސަރަޙައްދުގައެވެ.
އެ ކޮމެޓީގެ ރައީސާ، ހައްވާ ޝަހުމާ ''ތިލަދުން''އަށް ވިދާޅުވީ، މި ޕާކު ތަރައްޤީކޮށް ނިންމާލީ ތިން ހަފުތާއެއްހާ ދުވަހުން ކަމަށާއި، މި މަސައްކަތް ފުރިހަމަ ކުރުމުގައި ގިނަ ބަޔެއްގެ އެއްބާރުލުން ލިބިގެން ގޮސްފައިވާ ކަމަށެވެ.
ޝަހުމާ ވިދާޅުވީ، މި މަސައްކަތަކީ ކެލާގެ ރައްޔިތުންނަށާއި، ކެލާއަށް ޒިޔާރަތްކުރާ މީހުން އުފާކޮށްލައި، ވަގުތު ހޭދަކޮށްލުމަށް ފުރުޞަތު ހޯދައި ދިނުމުގެ ގޮތުން އެ ކޮމެޓީން ފެށި މަސައްކަތެއް ކަމަށެވެ.
''ރަށުގެ އޭޓީއެމް ކޮންޓެކްޓް އުސޫލުން މި ކޮމެޓީއަށް ބަލަހައްޓަން ލިބިފައިވަނީ، އެކަމުން ވެސް ވާނީ ވަޒީފާއެއް އުފައްދާފައި، ދެން ކޮމެޓީގައި ކުރިން ހުރިފައިސާގެ މިންވަރަކާއި، ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމާއިއެކު މި މަސައްކަތް މި ފުރިހަމަވީ، ވަރަށް ގިނަ ބަޔެއްގެ އެހީތެރިކަން މިކަމަށް ލިބުނު، އެ ހުރިހާ ފަރާތަކަށް ޝުކުރު އަދާކޮށްލަން ބޭނުން''
ޝަހުމާ ވިދާޅުވިއެވެ.
ފޮޓޯ: ކެލާ އތމ ކޮމެޓީ
ޝަހުމާ ވިދާޅުވީ، އެރަށަކީ ގިނަ ޢަދަދެއްގެ ބަޔަކު ޕިކްނިކް ދާ ރަށަކަށްވުމާއި، ރަށުގެ ޢާއިލާތައް ރަށުގެ ހިތްގައިމު ގޮނޑުދޮށުގައި ތިބެ ވަގުތު ހޭދަކޮށްލުމަށް މި ފެށުނު މަސައްކަތަކީ ކުރިއަށް އޮތްތަނުގައި ވެސް ކެލާ ކައުންސިލާއި ގުޅިގެން އިތުރަށް ކުރިއަށް ގެންދާނެ މަސައްކަތެއް ކަމަށެވެ.
މި ޕާކު ތަރައްޤީކުރުމުގެ މަސައްކަތުގައި އިސްކޮށްއުޅުއްވި ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ސެކެރެޓަރީ، އަމިނަތު ނާސިރާ ''ތިލަދުން''އަށް ވިދާޅުވީ އެރަށަކީ ގިނަ ޓޫރިސްޓް ހޮޓާތަކެއްހުރި، އަދި ކުރިމަގުގައިވެސް ހޮޓާތައް އިތުރުވާނެ ރަށަކަށް ވާތީ، ގެސްޓުހައުސްތަކާއި ދުރުން އާންމު ރައްޔިތުންނަށް ލޯކަލް ބީޗެއް ތަރައްޤީ ކުރުމަކީ ކެލާ ކައުންސިލްގެ ވިސްނުމަކަށްވެފައި އޮތް ކަމެއްކަމަށެވެ. އެ ކޮމެޓީން އެމަސައްކަތްކޮށްދިނީ، އެ ވިސްނުމުގެ ތެރެއިން ކަމަށް ނާސިރާ ވިދާޅުވިއެވެ.
ފޮޓޯ: ކެލާ އތމ ކޮމެޓީ
''މިރަށުގައި އެބައޮވޭ ދެ ބީޗެއް، ކައުންސިލުން ނިންމާފައި އޮތީ ލޯކަލް ބީޗެއް ރައްޔިތުންނަށާއި، ދަތުރު އަންނަ މީހުންނަށް ފަސޭހައިން ތިބެވޭނެ ގޮތައް ތަރައްޤީކުރަން، އަޅުގަނޑުމެން ތަރައްޤީކުރި ޕާކަކީ މިގޮތުން އެޅުނު ބިންގަލެއް، ކުރިންވެސް އެ ސަރަޙައްދުގައި ބާބަކިޔު ހެދޭނެގޮތް ކައުންސިލުން ވަނީ ފަހިކޮށްދެއްވާފައި، ދެން އަޅުގަނޑުމެން ޕާކު ތަރައްޤީކުރުމުން އެ ސަރަޙައްދަށް އިތުރު ފުރިހަމަކަމެއް ލިބުނީ، އަނެއްކޮޅުން ކައުންސިލްގެ ވިސްނުމުގައި ހުރިގޮތަށް އެ ސަރަޙައްދު ލޯކަލް ބީޗެއްގެ ގޮތުގައި ތަރައްޤީކުރަން މި އެޅުނީ ބިންގަލެއް، މިއީ ފެށުމެއް''
ނާސިރާ ވިދާޅުވިއެވެ.
ފޮޓޯ: ކެލާ އތމ ކޮމެޓީ
ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ތަރައްޤީކުރި ޕާކުގައި ވަނީ 2 ހަޓާއި، މޫދު އުނދޯއްޔާއި، ޖޯލިފަތިތައް ވެސް ހަދާފައެވެ. އެ ޕާކު ތަރައްޤީކޮށްފައިވާ ސަރަޙައްދަކީ ކެލާގެ ގުދުރަތީ ރީތި ގޮނޑުދޮށުގެ ޗާލުކަން ނިކަން ރަނގަޅަށް ފެންނަ، ފެހި ވެއްޓެއް އެކުލެވިގެންވާ ރީތި ސަރަޙައްދެކެވެ.
ފޮޓޯ: ކެލާ އތމ ކޮމެޓީ
އެ ޕާކު ސާފުތާހިރުކަން މަތީ ބާއްވައި ދިނުމަށާއި، ޕާކުގައި ހުރި ތަކެއްޗަށް ގެއްލުންނުދީ ބޭނުން ކުރުމަށާއި، ޕާކު ހިމެނޭ ސަރަޙައްދުގެ ވެއްޓަށް ކަމޭހިތައި، ސާފުކޮށް ބާއްވައި ދިނުމަށް އެ ޕާކަށް ޒިޔާރަތްކުރާ މީހުންގެ ކިބައިން ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!