ހދ. ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗަކީ މުޅި އަތޮޅުގެ ހުރިހާ ރައްޔިތުން ހިދުމަތް ހޯދާ ތަނެކެވެ. 25 ހާހަށްވުރެ ބޮޑު އާބާދިއެއް އޮންނަ ހދ އަތޮޅުގެ އެތައް ރައްޔިތުންނެއް މި ބްރާޗުން ހިދުމަތް ހޯދައެވެ. ހަމައެކަނި ކުޅުދުއްފުއްޓަށް ބަލާލި ނަމަވެސް މި ބްރާންޗުން ހިދުމަތް ހޯދާ މީހުންގެ އަދަދު މަދެއް ނުވާނެއެވެ. އަދި އެކި އެކި ބޭނުންތަކަށް ހއ އަދި ށ އަތޮޅުން ކުޅުދުއްފުއްޓަށް ޒިޔާރަތް ކުރާފަރާތް ތަކުންވެސް މިތަނުން ޚިދުމަތް ހޯދާކަން ފާހަގަކޮށްލެވެއެވެ.
ބީއެމްއެލް ކުޅުދުއްފުށީ ބްރާންޗު ހުޅުވާފައިވަނީ 29 ޑިސެމްބަރ 1991 ގައެވެ. އޭޓީއެމްގެ ހިދުމަތް ދޭންފެށީ 20 ޖޫން 2007 ގައެވެ. ބީއެމްއެލްގެ ހިދުމަތް ކުޅުދުއްފުށީގައި ދެމުންދާތާ ގާތްގަނޑަކަށް 28 އަހަރު ވެފައިވާއިރު، އެ ތަން އަޅާފައިވާ އިމާރާތް ވަނީ ވަރަށް ބޮޑަށް ބާވެފައެވެ. ބޮލަށް ވެއްޓެން ކައިރިވެފައިވާ މި އިމާރާތުގެ ކުލަ ބަދަލުކޮށްލި ދުވަހެއް ބުނާން ނޭންގޭ ވަރަށް ހުރީ ކުލަ ކެހި ބާވެފަ އެވެ. މިއީ އަދި އިމާރާތުގެ ބޭރުގެ ހާލަތެވެ. ބޭންކު ތެރޭގައި ކަސްޓަމަރުންނާއި މުވާމަލާތު ކުރަން އެންމެ އެކަށީގެންވާ މާހައުލެއް ނެތެވެ. ރާއްޖޭގެ އެހެން ރަށްރަށުގައި ބީއެމްއެލްގެ ބްރާންޗްތަކާއި އަޅާ ބަލާއިރު ކުޅުދުއްފުށީ ބްރާންޗްގެ އިމާރާތާއި އާލާތްތައް މިވަނީ ވަރަށް ފަހަތުގައެވެ.
މީސް މީޑިއާގައި، ހާއްސަކޮށް ޓްވިޓާގައި އުޅޭ ކުޅުދުއްފުއްޓަށް ނިސްބަތްވާ ފަރާތްތަކުންނާއި ބޭންކުން ހިދުމަތް ހޯދާ ފަރާތަކުން ދަނީ އެ ތަނުގެ ހިދުމަތްތަކާއި މެދު ހިތްހަމަނުހެޖުން ފާޅުކުރަމުންނެވެ. ކުޅުދުއްފުށި ކަހަލަ ބޮޑު ރަށަކާއި މެދު އަޅާލަން ޖެހޭ މިންވަރަށް ސަރުކާރުނާއި ޕަބްލިކް ކުންފުނިތަކުން އަޅާ ނުލާކަމަށް ބުނެ އެ ފަރާތްތަކުން ދަނީ ދިވެހި ރާއްޖޭގެ ގައުމީ ބޭންކާއި މެދު ފާޑުކިޔުން އަމާޒުކުރަމުންނެވެ. މިއީ ކުޅުދުއްފުށީ އަދި އެ ބްރާންޗުން ހިދުމަތް ހޯދާ އެންމެން ގަބޫލުކުރާނެ ހަގީގަތެކެވެ.
BML Naifaru Branch (L) vs BML Kulhudhuffushi Branch (R). @bankofmaldives isn't it time that u upgraded ur really old building in KF about to fall apart? It is quite depressing to be honest. So congested, poor lighting etc. Why is the new land allocated by the council unused? pic.twitter.com/Fbc6mL5LBG
— Adam Abdulla (@edzyadam) September 3, 2019
ކުޅުދުއްފުށި ފިޔަވައި ރާއްޖޭގެ އާބާދީ ބޮޑެތި ރަށްތަކުގައި ބޭކުންގެ ބްރާންޗުތައް ވަނީ ޒަމާނީ ފެންވަރަށް ބަދަލު ކޮށްފައެވެ. ނުވަތަ ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ޅ. ނައިފަރުގައި ޒަމާނީ ފެންވަރު ބީއެމްއެލް ބްރާންޗެއް އެބަހުއްޓެވެ. ބ. އޭދަފުށީގައި އެބަހުއްޓެވެ. ށ. ފުނަދޫގައި އާ ބީއެމްއެލްގެ ބްރާންޗެއް އަޅައިދޭނެ ބަޔަކު ހޯދަން މިހާރު ވަނީ އިއުލާނުކޮށްފައެވެ.
ބޭންކް އޮފް މޯލްޑިވްސްގެ 2018 ވަނަ އަހަރުގެ އެނުއަލް ރިޕޯޓުގައި ބުނެފައިވާގޮތުން 2018 ވަނަ އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންފްރާސްޓްރަކްޗަރ ތަރައްޤީކުރާނެކަމަށް ބުނެފައިވެއެވެ. އެގޮތުން 2018 ވަނަ އަހަރު އައްޑޫގައި ބިޒްނަސް ސެންޓަރ އެއް ކުޅުވިފައިވާނެކަމަށާއި އިތުރު ތިް ބިޒްނަސް ސެންޓަރެއް ހުޅުވަން ހަމަޖެހިފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން މާލެއާއި ހުޅުމާލެ އަދި ކުޅުދުއްފުށީގައި ބިޒްނަސް ސެންޓަރެއް އަޅަން ހަމަޖެހިފައިވާކަމަށް ބުނެފައިވެއެވެ. މިއީ މިވާހަކަ ދެއްކި ފުރަތަމަ ފަހަރެއް ނޫނެވެ. ކުޅުދުއްފުށީގައި އާއިމާރާތެއް އެޅުމުގެ ވާހަކަ ދައްކަމުން އަންނަތާ ވަރަށް ދުވަސް ވެއްޖެއެވެ. ސުވާލަކީ މިކަން ނުވެ ލަސްވަނީ ކޮންކޮން ސަބަބަކާ ހުރެބާއެވެ.
ކުޅުދުއްފުށިގައި ޒަމާނީ ފެންވަރުގެ ބީއެމްއެލް ބްރާންޗެއް ގާއިމް ކުރާނެ ބިމެއް ހޯދުމަށް 2015 ވަނަ އަހަރު ވަނީ ބީއެމްއެލުން ކުޅުދުއްފުށީ ރަށު ކައުންސިލުގައި އެދިފައެވެ. މިކަމަށް އެދުމުން ކައުންސިލުން ދައްކާފައިވާ ބިމަކީ ކުޅުދުއްފުށީ ހިއްކާފައިވާ ސަރަހައްދުގައި އޮތްބިމެކެވެ. މިހާރު ބޭންކު ހުރިތަނުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ދަތިތަކާއި ކުތިމަތިލާން ޖެހޭ ސަކުވާ އަކީ ބޮޑު ސަކުވާއެކެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފު ވިދާޅުވީ ބީއެމްއެލްއިން އާ އިމާރާތެއް އެޅުމަށް އެންމެ ފުރަތަމަ އެދުނީ ހިލޭ ބިމެއް ދިނުމަށް ކަމަށެވެ. ނަމަވެސް ކުރީ ކައުންސިލްތަކުން ނިންމާފައިވަނީ ހިލޭ ބިމެއް ދެވެން ނެތްކަމަށާއި ކުއްޔަށް ދޭ ގޮތަށް ބީއެމްއެލް އަށް ބިމެއް ދީފައިވާނެ ކަމަށެވެ.
މިވީހާތަނަށް އެތާނގައި ބީއެމްއެލްގެ އާ އިމާރާތް އަޅާފައިނުވަނީ ކީއްވެކަމެއް ނޭނގެ. އަޅުގަނޑުމެން ކައުންސިލްގެ ގަވާއިދުތަކާއި އެއްގޮތުގެ މަތިން ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކޮށްދީފައިވާނީ.
ލަތީފު ވިދާޅުވިއެވެ.
ލަތީފު ވިދާޅުވީ މިހާރު ބީއެމްއެލްގެ އިމާރާތް ހުރި ބިމުގެ ކުލި ނުދައްކާ ދެ އަހަރެއްހާ ދުވަސް ފާއިތުވުމުން އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެވުމާއި ގުޅިގެން ކައުންސިލްގެ މި ދައުރުގައި ނުދައްކަހުރި ކުލި ދައްކާފައިވާ ކަމަށެވެ. ނަމަވެސް ކުލި ނުދައްކާ ހުރުމުން އެރި މިލިއަނެއްހާ ރުފިޔާގެ ޖުރިމަނާ އަދިވެސް ބީއެމްއެލްއިން ކައުންސިލަށް ނުދައްކާ ކަމަށް ލަތީފު ވިދާޅުވިއެވެ. އަދި މި ޖޫރުމަނާގެ ފައިސާ ހޯދުމަށް ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖޫރިމަނާގެ ގޮތުގައި ލިބެން ޖެހޭ މި ފައިސާއަކީ ނުލިބި ހުރުމަކީ ވެސް ރަށުގެ ތަރައްގީ އަަށް އެޅޭނެ ހުރަހެއްކަން ޔަގީނެވެ. ކުޅުދުއްފުށި ފަދަ ރަށަކަށް ބީއެމްއެލްއިން ދޭން ޖެހޭ ސަމާލުކަމާއި އަޅާލުން ކުޑަ ކަމަށް ގަބޫލު ކުރެވެއެވެ. ކުޅުދުއްފުށި ރައްޔިތުން އެދެނީ ވީހާވެސް އަވަހަކަށް އެ ރަށުގައި އާ ބީއެމްއެލްގެ އިމާރާތެއް އެޅި، ހިދުމަތޔގެ ފެންވަރު ރަނގަޅުވެގެން ދިއުމެވެ. މިއީ ދިވެހި ގައުމީ ބޭންކުގެ ފަރާތުން ތިލަދުންމަތީގެ ލޮބުވެތި ރައްޔިތުން ކުރާ ވަރަށް ބޮޑު އުންމީދެއްކަން ޔަގީނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!