ހއ.އިހަވަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން ހއ އަދި ހދ ގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ.
20 ޑިސެމްބަރ 2020 ވީ އާދީއްތަ ދުވަހު މި މުބާރާތް އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި ފަށާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ނޮޅިވަރަމް ޒުވާނުންނެގެ ގުޅުމާއި އިހަވަންދޫ ކުޅިމަގު ޓީމެވެ. މި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ކުޅިމަގު ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުޅިމަގު ޓީމުގެ ޖޯޒީ ނަމްބަރު 10 އަޙްމަދު ނައުޝާދެވެ.
މި މުބާރާތުގެ ޖުމްލަ ފަނަރަ ޓީމަކުން ވަނީ ބައިވެރި ވެފައެވެ. އެ ޓީމްތަކަކީ ކުޅިމަގު، ޒުވާނުންގެ ގުޅުން، އުލިގަމް. ކޮފަލި، އެންވީކޭ، ބޮޑުމަގު، އެޗްއެން ސްޕޯޓްސް ކުލަބް، ޗެޕޭ ސްޕޯޓްސް، ޖަންގަލް، ކުލަބް ޕެނީ، ޔުނައިޓެޑް ޔޫތު، ޓީމް ނައިވާދޫ، ސެންސިޓީ، ތުރާކުނު އަދި ޓީމް އަރާދުވާއެވެ.
20 ޑިސެމްބަރ 2020 ފެށިގެން 03 ޖަނަވަރީ 2021 ނިޔަލަށް ކުރިއަށްދާ މި މުބާރާތް ރާވާލެވިފައިވަނީ ބައިވެރިވި ފަނަރަ ޓީމް ހަތަރު ގްރޫޕަކަށް ބަހާލުމަށް ފަހު ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ކުއާޓާ ފައިނަލްގެ ޖާގަ ލިބިގެން ދާ ގޮތަށެވެ. ކުއާޓާ މެޗްތަކުން މޮޅުވާ ޓީމްތަކުގެ މެދުގައި ސެމީ ފައިނަލް ކުޅެ ސެމީ ފައިނަލުން މޮޅުވާ ޓީމްތަކަށް ފައިނަލުގެ ޖާގަ ލިބިގެންދާ ގޮތަށެވެ.
ކުލަބު ޕޯލްސްޓަރ އިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މުބާރާތް ހިންގުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ހއ އަދި ހދ އަތޮޅުގައި ހުރި ސަރުކާރު މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ހއ.ހދ އަތޮޅުގައި ހުރި ކުންފުނިތަކާއި ރިސޯޓުތަކާއި، އިހަވަންދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމާއި، ހއ.ހދ އަތޮޅުގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމާއި، ހއ.ހދ އަތޮޅުގެ ޒުވާނުންނަކީ ޞިއްޙީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމާއި، ޒުވާނުންގެ މެދުގައި އެކުވެރިކަން ޤާއިމު ކުރުމެވެ.
މިއީ ތިލަދުންމަތީގެ ޖަމްޢިއްޔާއަކުން ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 (ފަންސާސް ހާސް ރުފިޔާ) ދިނުމަށް ހަމަޖެހިފައިވާ އިރު، ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 25000 (ފަންސަވީސްހާސް ރުފިޔާ) އެވެ.
މި މުބާރާތުގެ ތިން މެޗު މިއަދު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލު ކުރާނީ އުލިގަމާއި ޓީމް ކޮފަލިއެވެ. ދެވަނަ މެޗުގައި އެންވީކޭ އަދި ބޮޑުމަގު ބައްދަލު ކުރާއިރު ތިންވަނަ މެޗުގައި ބައްދަލު ކުރާނީ އެޗްއެން ސްޕޯޓްސް ކުލަބާއި ޗެޕޭ ސްޕޯޓްސް ކުލަބެވެ.
ކުލަބް ޕޯލްސްޓަރ ޖަމްޢިއްޔާއަކީ 1999 ވަނަ އަހަރުން ފެށިގެން ރަޖިސްޓަރީ ކުރެވިގެން އިހަވަންދޫގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!