މޫސުމީ ރީތި ދުވަހެކެވެ. ކަނޑު އޮތީ ތެޔޮފާންލައިފަ އެވެ. އިރުދޮށުން މަޑުމަޑުން ޖެހެމުން ދިޔަ ނަލަ ވައިގައި ރިޔާނެގި ކުދި ބޮއްކުރާ ފަހަރުތައް އަތޮޅުގެ ބޭރު ދުނީގައި ދުއްވައިލަ ދުއްވާލައި އެ ތިބީ ލޮނުކަމެއް އަތުޖެހޭތޯއެވެ. ރޭގަނޑު ކާލާނެ ފިލޮޅެއް ނޫނީ ގިޔުޅެއް ނަމަވެސް ނަނުގައި ގަނޭތޯއެވެ. ވަދާ ނުކުމެ މި އުޅޭ ކުދި ދޯނިފަހަރުގެ ހަރަކާތްތަކަކީ ބަލައި ފޫހިނުވާނެ މަންޒަރެކެވެ.
ޢަޞުރުން ދަށް ވެ ޖައްވަށް ހަވީރުގެ ފިނިކަށް ވެރިވި މި ހިތްގައިމު ވަގުތުގައި ރަށުގެ އިރުމަތީ ފަރާތުގެ ދެކުނު ކޮޅުގެ ހިމުން ދޮންވެލި އަތިރިމަތީގެ ރާޅުޖަހާ ފަށުގައި ހުސް ފައިގައި ހިނގަމުން އެ ދަނީ ފާތިނާއެވެ. ލައިގެން ހުރި ނޫ ކުލައިގެ ޖިންސުގެ ފައިކުރި، ފައިގެ ކަށިމަތީގެ މެދަކާ ހަމައަށް އޮޅާލައިގެން ހުރެ ރާޅުޖަހާ ފަށުގައި ކުރުކާލިކަނޑާތާ މިހާރު އިރުކޮޅެއް ވެއްޖެއެވެ. ހިނގަމުން އައިސް، ތަކަންދުއާ ދިމާވާ ގޮތަށް ރަށުގެ ގޮނޑުދޮށާ ކައިރިއަށް އަތިރީގައި ހުރި ބޮޑު ކާނިގަހާ އަރާ ހަމަވެފައި އެ ދިމާއިން އެއްގަމަށް އެރެން އޮންނަ މަގާ ދިމާއަށް ކޮންމެ ފަހަރަކު ވެސް ބަލައިލަ އެވެ. ދެން ވަށައިގެން އޮތީ ގަސް ބޯ ހޭޅިފަށެވެ. މި މަގުން އެއްގަމަށް ބަލައިލާ ކޮންމެ ފަހަރަކުމެ، އެ ނަޒަރު މާޔޫސްކަމާ އެކު އައިސް ހުއްޓެނީ އަތުކުރީގައި އޮތް ރިހިކުލައިގެ ގަޑިއަށެވެ. އަނެއްކާ ވެސް ޖެހެނީ އައި ކޮޅަށް އެނބުރި ދާށެވެ.
މި ފަހަރު ހަމަ ހިނގައިގަތް ތަނާ "ފާތިނާ!" އޭ ކިޔައި ގޮވައިލި އަޑު އިވިއްޖެއެވެ. ފަހަތަށް އެނބުރި އެ އަޑު އައި ދިމާއަށް ބަލައިލި އިރު ކާނިގަސް ދަށުގައި ވާފިރާއާއި ސަމީހާއާ ދެ ކުދިން ހިނި އައިސްފައި ތިއްބެވެ. ފާތިނާ ހަލުވި ފިޔަވަޅުތަކެއް އަޅަމުން އައިސް އެ ކުދިންގެ ގާތުގައި ހުއްޓިއްޖެއެވެ. އަރައިގެން އައި ފައިވާން ހުރީ އެ ތަނުގައި ބަހައްޓާފައެވެ.
"މި ލުނބޯތަކަށް ފައިން ނޭރުނުކަން ނަސީބެއްނު؟"
ފާތިނާ ފައިވާނަށް އެރި ވަގުތު، ފައިވާން ކައިރީގައި ވެލިގަނޑުމަތީގައި އޮތް ދެ ލުނބޯ ފެނި އެ ނަގައި އޭގައި ހުރި ވެލިތައް ފޮޅައިލަމުން ސަމީހާ ބުންޏެވެ.
"ކަލޭމެން ހާދަ ލަސްކޮށްފީމުއޭ ދޯ!"
ސަމީހާ ބުނި އެއްޗަކަށް އަޅައިވެސް ނުލައި ހުރެ، އެ މީހުން އައިލެއް ލަސްކަމުން އެ ކަމާ ހިތްހަމަނުޖެހިގެން ފާތިނާ ކުދިކިޔަން ފެށިއެވެ.
"ކަމަނާ! މިހާ ގިނަ ދުވަސްކޮށްފައި ދިމާވީމާ، ތިޔަހެން ފުސްމޫނު ހަދައިގެން ހުންނާކަށް ނުވާނެއެއްނު! ދޯ ސަމީހާ!"
ފާތިނާ ރުއްސޭތޯ ވާފިރާ މަސައްކަތްކުރިއެވެ.
ފާތިނާ ކިޔަވަން ހުންނަނީ މާލޭގައެވެ. މިހާރު ގުރޭޑު ނުވައެއް ނިމި ދިހައަކަށް ބަދަލުވީއެވެ. ރަށަށް އައިސް މި އުޅެނީ ޑިސެންބަރުގައި ލިބުނު އަހަރުގެ ބޮޑު ޗުއްޓީގައެވެ. ރަށަށް އައީ ހަމަ މިއަދެވެ. ރަށަށް ފުރަން އައިސް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުރެފައި ވަނީ ވާފިރާއާއި ސަމީހާއާ ދެ ކުދިންނަށް ފޯނުކޮށް، ހަވީރު އަތިރިން ބައްދަލުވާން ނިންމާފައެވެ.
"ލަސްވީ ގޭގައި މިރުހެއް ނެތީމަ! އަންނަމުން ދަނޑަށް ވަދެ މިރުސް ބިނދެގެން މި އައީ!"
މިހެން ކިޔައި މުށް ހުޅުވާލައި މުށު ތެރޭގައި އޮތް ދިއްގާ ފަތް ނިޔުޅާލައި އޭގެ ތެރޭގައި ހުރި ރޯ މިރުސްތައް ވާފިރާ ދައްކައިލިއެވެ.
"ނަސީބުތާ މި އަހަރު ދެކުނު ކޮޅުގައި ދަނޑު ކޮށާފައި އޮތްކަން! އެހެން ނޫންނަމަ އިރު އަލިކަން ހުއްޓައި މިއަދު ތިޔަ ދެ މީހުންނާ ބައްދަލުވާނެކަމަކަށް ނުފެނޭ!"
ސަމާސާ ރާގެއްގައި ފާތިނާ ވެސް އެ މީހުންނާ ދިމާކޮށްލިއެވެ.
މިއީ، ވަރަށް ކުޑައިރުން ސުރެ އެކުގައި އުޅެ ބޮޑުވި ތިން ކުދިންނެވެ. މާރަންދޫގެ ތިން ކުދިންނެވެ. އަވައްޓެރިންނަށް ވުމާ އެކު، ބަތް ކައްކާ ކުޅެ އުޅުނު އިރުން ފެށިގެން މިއަދާ ހަމައަށް ވެސް މި ތިން ކުދިންގެ ރަހްމަތްތެރިކަމަކަށް ބަދަލެއް ނާދެއެވެ. ފާތިނާ ކިޔަވަން މާލޭގައި ހުރި ނަމަވެސް، އެއް ކުއްޖަކު އަނެއް ކުއްޖަކާ ފޯނުން ވާހަކަދައްކައި ހާލުއަހުވާލު އޮޅުންފިލުވައެވެ. ރަށަށް ފޯނު ނުލާ އިރު، މާލެ އޮޑިފަހަރުން ސިޓީ ފޮނުވައިގެން ވެސް މި ކުދިން މުއާސަލާތުކުރިއެވެ. ކޮންމެ އަހަރެއްގެ ވެސް ސްކޫލުގެ ބޮޑު ޗުއްޓީގައި ފާތިނާ ރަށަށް އާދެއެވެ.
މިއީ، ތިން ކުދިންނަށް ވެސް އަންނަ ވަރަށް އުފާވެރި ދުވަސްތަކެކެވެ. އަހަރު ދުވަހު ރަނގަޅަށް ނުދެއްކި ހުރި ވާހަކަތައް ދައްކާލައި ކުދިންގެ ހިތުގައި ހުންނަ ނުތަނަވަސްކަން ބޭރުކޮށްލައި ދިރިއުޅުމުގެ އެކި ކަންކަމުގައި މަޝްވަރާކޮށް ޚިޔާލުބަދަލުކޮށްލަން ލިބޭ ރަނުގެ ފުރުޞަތެކެވެ.
މި ތިން ކުދިން އެކުގައި އެންމެ ގިނައިން ގޮސް އުޅެނީ ރަށުގެ އެކި ދިމާދިމާ އަތިރިމައްޗަށެވެ. ކޮންމެ ދުވަހަކު ވެސް ކޮންމެ ވެސް އެއް ދިމާއެއްގެ އަތިރިމައްޗަކަށް ދެއެވެ. މިހެން ދާ އިރު، ކިހާކާއި ރިހާކުރާ ނޫނީ މަހާއި ކާއްޓާ ނަމަވެސް ކާން ގެންދެއެވެ. އަދި ލޮނު ލުނބޯއަކީ، އެ ކުދިން ތަންކޮޅެއް ކުޑަ އިރު، މިހެން އަތިރިއަށް އައިސް ތިބޭ އިރު ވަރަށް ގިނައިން ބުއި އެއްޗެކެވެ. މިއަދު ފާތިނާ ބޭނުންވީ އަނެއްކާ ވެސް ލޮނު ލުނބޯ ބޯށެވެ. ކުޑައިރުގެ ހަނދާންތައް އާކޮށްލާށެވެ. އެހެންކަމުން، އަތިރިއަށް އައި އިރު ފާތިނާ އެ އައީ މާލޭން ގެނައި ލުނބޯތަކުން ދެ ލުނބޯ ހިފައިގެންނެވެ. ސަމީހާއާއި ވާފިރާ ގާތުގައި މިރުސް ގެންނަން ބުނެފައެވެ.
ހަވީރުގެ ފިނިޖެހިގެން އައި ވަގުތަށް ވުމާ އެކު ކާނިގަސް ދަށުގައި މީހުން ވެސް ގިނަވާން ފަށައިފިއެވެ. އެހެންކަމުން ތިން ކުދިން މިސްރާބުޖެހީ ރަށުގެ ދެކުނު ކޮޅު ތުނޑިއާ ދިމާއަށެވެ. ފާތިނާ ކުރިން ވެސް ހުރީ ލައިގެން ހުރި ޖިންސުގެ ފައިކުރި އޮޅާލައިގެންނެވެ. އަނެއް ދެ ކުދިން ވެސް އެ ކުދިން ލައިގެން ތިބި ހަރުވާޅު ހެދުމުގެ، ހަރުވާޅުގެ ފައިކުރި އޮޅާލައިފިއެވެ. މިހާރު އެ ކުދިން އަރައިގެން ތިބި ފައިވާން އަތަށް ނަގައިގެން ރާޅުޖަހާ ފަށުގައި ހުސް ފައިގައި ރަށުގެ ދެކުނު ކޮޅާ ދިމާއަށް ހިނގަމުން އެ ތިބަ ދަނީ އޮލަ ވާހަކައިގައެވެ.
ހިނގަމުން ގޮސް ނާވައިދުއާ ދިމާވާ ގޮތަށް އޮތް، ރަށުގެ މުލިމަތީގެ ރީތި ހިމުން ދޮން ވެލިގަނޑު މަތީ ފާތިނާއާއި ސަމީހާއާ ދެ ކުދިން ޖައްސާލައިފިއެވެ. ވާފިރާ އެ ދިމާ މޫދުކައިރިއަށް ގޮސް ރާޅުޖަހާ ފަށަށް ގުދުވެ މޫދުން ލޮނު ނާއްޓެއް ނަގައި، އެ ހިފައިގެން އައިސް ވެލިގަނޑަށް އެ ނާށީގެ ފޫ ހަރާލައިފިއެވެ. ދެން ދިޔައީ އެ ދިމާ ހޭޅީގައި ހެދިފައި ވާ ގަސްތަކާ ދިމާއަށެވެ. އެ ވަގުތު، ގެނައި މިރުސްތަކުން ތިން މިރުސް ވާފިރާ އެ ލޮނު ނާއްޓަށް ކޮށާލައިފިއެވެ. އޭރު ފާތިނާ، ލުނބޯތަކުގެ ތޮށި މަށައި އޭގެ ހުތްތައް ވަކިވަކިކޮށްލައިފިއެވެ. މިރުސް ކޮށާ ނިމުނީމާ އެ ފިޔޮހި ވަޅިގަނޑު ސަމީހާ އަތުން އަތުލައި ލުނބޯ ހުތްތައް ބުރިބުރިކޮށް ލޮނު ނާށީގެ ތެރެއަށް އަޅާލައިފިއެވެ. ފާތިނާ ހުތްތައް ބުރިބުރިކޮށް ނާށީގެ ތެރެއަށް އަޅަމުންދާ ވަރަކަށް، ސަމީހާ ކަނާތުގެ ބޮޑުވާ އިނގިއްޔާއި ޝަހާދަ އިނގިލިން ހިފައި އެ ހުތްތައް ލޮނު އެތީގެ ތެރެއަށް ރަނގަޅަށް ފެލަމުން ދިޔައެވެ. އަދި މިރުސްތައް ވެސް ރީއްޗަށް ފިތައިލިއެވެ.
މި ދެ ކުދިންގެ މަސައްކަތް މިހާ ހިސާބަށް ދިޔަ އިރު، ވާފިރާ ޅަ ރުކެއްގެ ފަންވަތެއް ހިފައިގެން އަތުވެއްޖެއެވެ. އޮތީ މޫދު ލޮނުން ރީއްޗަށް ދޮވެ ސާފުކޮށްފައެވެ. ގާތްގަނޑަކަށް ތިން އިންޗި ހުންނަ ވަރުގެ ތިން ބަޔަށް ފަންވަތް ބުރިކޮށްލައިފިއެވެ. ދެން ކޮންމެ ކުއްޖަކަށް އެއިން ބައެއް ދީފިއެވެ. ކޮންމެ ކުއްޖަކު ވެސް އެ ކުއްޖަކަށް ލިބުނު ބައި، އެއް ކޮޅުން އިލޮށީގެ ދެ ކައިރިން އިންޗިއެއް ހާ ތަން އިލޮއްޓާ ވަކިކޮށްލުމަށް ފަހު އެ ދެ ބައި ދެ ފަރާތުން ގެނެސް ކާލިކޮށްލުމަށް ފަހު އިނގިލިތަކުން ހިފަހައްޓާލައި ސަމުސަލަކަށް ހަދާލައިިފިއެވެ. ދެން އެއިން ލޮނު ލުނބޯތައް ބޯން ފަށައިފިއެވެ. ފުރަތަމަ މިރުހާއި ހުތާ އެކުވެފައި ހުރި ލޮނުތަކެވެ. ދެން ނާށީގެ ފުލުގައި ހުރި ހުތްތަކެވެ. ހުތްތަކާ އެކު އެއަށް ކޮށި މިރުސްތައް ވެސް އެ މީހުންގެ ޢަރުގެ ތެރެއަށް ގޮސް ހުސްވެއްޖެއެވެ. މި ލޮނު ލުނބޯތައް ބޮއި ނިމުނު އިރު ކުޅިވެގެން ގޮސް ތިން މީހުން ވެސް ތިބީ ކުޑަ ދޫ ބޭރަށް ނުކުމެފައެވެ. "ޗޫސް" ލައްވާ އަޑުން މުޅި ތަން އެއް އަޑު ކިޔާފައެވެ.
"އޭ! މިހާރު ވެސް މި ދިމާގައި އެނބޫ ގަސްތައް އެބަ ހުރިތަ؟ އެ ގަސްތަކުގައި އެނބޫ އެބަ ހުރިބާ؟ ހާދަ ކުޅިވެއްޖޭ!"
ފާތިނާ ޗޫސް ލައްވަމުން، ކުޅި ފިލުވާނެ ގޮތެއް ހޯދަން އެނބުރެންފެށިއެވެ.
"އެނބޫ ގަސް އެބަ ހުރި! އެބަ ފެނޭ! އެނބޫ ހުރިކަމެއް ނޭނގެ! އެ ދިމާއަށް ދަމާ؟"
ވާފިރާ ވެސް ވެފައިވާ ކުޅިކަން ފިލުވާލަން ބޭނުންވެއެވެ.
ސަމީހާ ވެސް މި ކަމަށް އެއްބަސްވުމުގެ ގޮތުން އެ ގަސްތަކާ ދިމާއަށް ހިނގައިގެންފިއެވެ. ތިން ކުދިން އެ ގަސްތަކުގެ ކައިރިއަށް ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެކި ދިމަދިމާއަށް ލޯ ދީ ބަލައި ހޯދައި ވެސް އެނބޫއެއް ނުފެނުނެވެ.
"ފާތިނާ! އެހައި އެތެރެއަށް ނުވަދޭ! ތިޔަ ތަނުން ވެއްޓިދާނެ!"
ސަމީހާ މިހެން ބުނީމާ ފާތިނާ ވިސްނައިލިއެވެ. ތެދެކެވެ.
އެ ހުރެވުނީ އުސް ފަސްގަނޑުގެ އެންމެ މައްޗަށް އަރައެވެ. އެ ދިމާ ތިރީގައި އެ އޮތީ ބޮޑު އަޑިގަނޑެކެވެ. ވެއްޓިއްޖެއްޔާ މީހާ ވެސް ނުފެންނަހާ ފުން އަޑިގަނޑެކެެވެ. އެއީ، ރަށުގެ މަޝްހޫރު "ނާ ބަންނަ އަޑިގަނޑު" އެވެ.
އެނބޫއެއް ވެސް ނުލިބުނީމާ އެ ތަނުން ފައިބައިގެން އައިސް މޫދު ލޮނުން އަނގަ ދޮވެގެން ތިން ކުދިން އަނެއްކާ ވެސް އައިސް އިށީނީ ކުރިން ވެސް ތިބި ދޮން ވެލިގަނޑު މަތީގައެވެ. މިހެން ތިބޭ އިރު، ކުޅި ވެސް މަޑުމަޑުން ފިލަމުންދެއެވެ.
"އޭތް! އެ ތަނަށް ނާ ބަންނަ އަޑިގަނޑު ކިޔަނީ ކީއްވެތަ؟"
ފާތިނާ ފުން ވިސްނުމެއްގައި އިނދެފައި އަހައިފިއެވެ.
"ފާތިނާގެ އެއްކަލަ ބޮޑު ސުވާލު! އަދިއަދަށް ދާންދެން ވެސް ޖަވާބެއް ނުލިބި އޮތް ބޮޑު ސުވާލު ދޯ!"
ފާތިނާއާ ދިމާކޮށްލުމުގެ ގޮތުން ސަމީހާ ބުންޏެވެ.
މިއީ، ފާތިނާގެ ހިތުގައި ވަރަށް ކުރިން ސުރެ އުފެދިފައި އޮންނަ ސުވާލެކެވެ. ރައްޓެހިންގެ ތެރޭގައި މި ތަނާ ބެހޭ ގޮތުން ވާހަކަދައްކާ ތަނެކެވެ.
"ފާތިނާ ނޫނެއްކަމަކު އަހަރެންގެ ވެސް ހިތަށް އަރާ އެ ތަނަށް އެހެން ކިޔަނީ ކީއްވެ ބާވައޭ. އެ އަޑިގަނޑުގެ ޙަޤީޤަތަކީ ކޮބައިބާވައޭ."
ފާތިނާއާ އެއްބައިވެލަމުން ވާފިރާ ބުންޏެވެ. ރަށު ތެރޭގައި ކިޔައި އުޅެނީ އެއީ ވަރަށް ބޮޑު ނަވެއް ބަން ތަނެއްކަމުގައެވެ. އެކަމަކު، އެއީ ކާކު؟ ކޮން އިރަކު؟ ކީއްކުރަން ބަން ނަވެއް ކަމެއް އެނގޭ މީހަކާ އަދިއެއް ދިމައެއް ނުވެއެވެ. ރަށުގެ ދުވަސްވީ މީސް މީހުންގެ ގާތު ވެސް ވަރަށް އެހިއްޖެއެވެ.
"މިހާރު ދެން މި ރަށުގައި މި ކަހަލަ ދުވަސްވީ، ތާރީޚީ ތަންތަނާ ބެހޭ ގޮތުން މައުލޫމާތެއް ދެވޭނެ ހުރީ އެންމެ މީހެއް. އެއީ، ޙަސަންބެ. އާދަނު ޙަސަންބެ. ޙަސަންބެ މި ކަހަލަ ވަރަށް ގިނަ ވާހަކަތައް މީހުންނަށް ކިޔައިދޭ ކަމަށް އަޑުއިވޭ. ކައިރި ރަށްރަށުގެ މީހުން ވެސް އައިސް ޙަސަންބެ ގާތުން ތާރީޚީ މައުލޫމާތު އޮޅުންފިލުވާ ކަމަށް ވޭ. ހިތަށް އަރައިގެން މި ހުރީ ފާތިނާ މި ފަހަރު ރަށަށް އައިމަ އެ ވާހަކަ އޮޅުންފިލުވަން ޙަސަންބޭ ގާތަށް ދާން."
ސަމީހާ ބުންޏެވެ.
ފާތިނާއާއި ވާފިރާއާ ނޫނެއް ކަމަކު ސަމީހާ ވެސް ހުރީ މި ކަން އޮޅުންފިލުވަން ބޭނުންވެފައެވެ. މިއަދު އަނެއްކާ މި ތަން ފެނުނީމާ މި ތަނުގެ ޙަޤީޤަތް ހޯދުމުގެ ޝައުޤު މި ތިން ކުދިންގެ ވެސް ވަރަށް ބޮޑުވެއްޖެއެވެ. ލަސް ނުކޮށް ޙަސަންބެއާ ބައްދަލުކުރާން ވަރަށް ބޭނުންވެއްޖެއެވެ. އިރު ވެސް އޮއްސޭތީއާ އެކު ތިން ކުދިން ގެއަށް ދިޔުމަށް ހިނގައިގަތީ އެ ރޭ ޢިޝާ ނަމާދުން އައިސް ޙަސަންބެއާ ބައްދަލުކުރަން އެ ގެއަށް ދާން ނިންމައިގެންނެވެ. އޭރު ވަދާ ނުކުމެ އުޅުނު ދޯނިތައް ވެސް ލޯ މަތިން ގެއްލިއްޖެއެވެ. މި ރަށުން މަހަށް ނުކުމެ އުޅުނު ދޯނިތައް ވެސް އަތުޖެހުނު ރޯއްޖަކާ އެކު އައިސް ރަށަށް ލަފައިފިއެވެ.
(ނުނިމޭ)
https://thiladhun.wonstasite.com/49994
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!