ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގާ ކޮންޓްރެކްޓަރ ހާވާނެހަޑިއެއް ހާވާފައި ދެވިގެން ނުވާނެ ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ މުޙައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
އާތިފް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ކުޅުދުއްފުއްޓަކީ މާލެ ފިޔަވާ ރާއްޖޭގެ އެންމެ ގިނަ އުޅަނދުފަހަރު ލަފާ ފުރާ ރަށް ކަމާމެދު އެއްވެސް މީހަކު ސުވާލެއް ނުއުފައްދާނެ ކަމަށެވެ.
ކަންމިހެން އޮތުމުން ރަށުގެ ރައްޔިތުންނާއި އެރަށުގެ ބަނދަރު ބޭނުންކުރާ އަވައްޓެރި ރަށް ރަށުގެ ރައްޔިތުން އަންނަނީ އެ ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ނިމޭނޭ ދުވަކަހަށް އިންތިޒާރު ކުރަމުން ކަމަށް އާތިފް ވިދާޅުވިއެވެ.
''އޭ.ޑީ.ބީ ގެ ލޯނު އެހީއާއެކު ސަރުކާރުން ހިންގަމުންދާ މި މަޝްރޫއުގެ ތެރެއިން ލޯކަލް ބަނދަރުގެ އަލަށް ހަދާ ބައި މިހާރު އޮތީ އަޅުގަނޑުމެން ނުހަނު ކަންބޮޑުވާ ހާލަތެއްގައި، ބަނދަރު ފަރުމާ ކުރެވިފައިވާ ގޮތުން އެތެރެއަށް ވެލިއެޅި އެތާގައި ހަދާފައި ހުރި ލަކުޑި ފާލަންތައް އޮތް ސަރަހައްދު މިހާރު އޮތީ އަސްލު ބަނދަރުގެ ޑްރާފްޓް ނުލިބޭވަރަށް ތިލަވެފައި، އަދި އެ ފާލަންތައް ފަރުމާ ކުރެވިފައިވާ ގޮތުންނާއި ހެދުމުގެ ފެންވަރު ދެރަކަމުން އެ ފާލަންތައް ދާދި އަވަހަށް ބޭނުންނުކުރެވޭ ހާލަތަށްދާނެ.''
އާތިފް ވިދާޅުވެފައި ވެއެވެ.
އާތިފް ވިދާޅުވީ، ކަމާއިގުޅޭ މާހިރުންގެ ލަފަޔާއެކު ބަނދަރު ތެރެޔަށް ވެލިއަރާ މައްސަލައަށް ހައްލެއް ހޯދަންޖެހޭ ކަމަށެވެ. އަދި މި ފާލަންތައް ދާއިމީ ގޮތެއްގައި ދިގުމުއްދަތައް ބޭނުން ކުރެވޭނޭ ގޮތަކަށް އަލުން ފަރުމާ ކުރުމަކީ ކޮންމެހެން ކުރާންޖެހިފައި އޮތްކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
''ސަރުކާރުން ހިންގާ މިފަދަ ބޮޑެތި މަޝްރޫއުތައް ކޮންޓްރެކްޓަރ ހާވާނެހަޑިއެއް ހާވާފައި ދެވިގެން ނުވާނެ، އޭގެ ކުރިން އެތަނަށް ދިމާވެފައިވާ ހުރިހާ މައްސަލައެއް ދެނެގަނެ ކަމާގުޅޭ ވުޒާރާ އާ އިދާރާތަކާއި ކޮންޓްރެކްޓާއާ މަސްވަރާކުރެވި އެ މައްސަލަތަކަށް ފުރިހަމަ ހައްލެއް ހޯދުމަށް ރަށުކައުންސިލުން ކުރެވެން ހުރި ހުރިހާ މަަސައްކަތެއް ކުރުމަކީ އަޅުގަނޑުމެން ކުޅުދުއްފުށީ ރައްޔިތުންގެ ނުހަނު ބޮޑުއެދުމެއް.''
އާތިފް އިތުރަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބަނދަރު ނިންމާފައި ކޮންޓްރެކްޓަރ ދިއުމުގެ ކުރިން ރަށުގެ ބަނދަރުމަތި ހަޑިވާގޮތަށް އެއްވެސް ތަރުތީބެއްނެތި އަޅާފައިވާ ވެލިފުނިތައްވެސް ރަށުގެ މޫނުމަތިން ނެގުވުމަކީ މުހިންމު ކަމެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!