ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގައިދޭނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް ޓޫރިޒަމުން ބީލަމަށް ހުޅުވާލި މުއްދަތު ހަމަވިއިރު އެ ހޮޓާ ތަރައްޤީކޮށް ހިންގުމަށް 3 ފަރާތަކުން ކުރިމަތިލައިފިއެވެ.
އެކަން ހާމަކުރެއްވީ ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގައިދޭނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީއިން ޢިއުލާން ކުރީ ހުސްވި ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އެކަމަށް ކުރިމަތި ލުމަށް މުއްދަތު ހަމަވީ، މިއަދުގެ ހެނދުނު 10:00 އަށެވެ.
އެކަމާއި ގުޅިގެން އިބްރޭ ކުރެއްވި ޓުވީޓްގައި ވިދާޅުވީ މިއަދަކީ ކެލާރައްޔިތުންނަށް ވަރައް އުފާވެރި ދުވަހެއް އަދި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ވުމުގެ އުންމީދު އާވެގެން ދިޔަދުވަހެއް ކަމަށެވެ.
'' ކެލާގެ ތުޑީގައި ރިސޯޓެއް ހެދުމަށް ބިޑް ކުރެވި ބިޑް ހުށައެޅުނު ދުވަސް، 3 ފަރާތަކުން ވަނީ ބިޑްކޮށްފައި''
ރައީސް ޞާލިޙާއި، މަޖިލިސް ރައީސް، ރައީސް ނަޝީދު ޓެގް ކުރަށްވާފައިވާ އެ ޓުވީޓުގައި ބުނެފައިވެއެވެ.
އެ ހޮޓާ ތަރައްގީ ކުރުމަށް ތިން ފަރާތަކުން ކުރިމަތި ލުމާއި ގުޅިގެން އިބްރޭ ''ތިލަދުން''އަށް ވިދާޅުވީ، އެއީ ވަރަށް ބޮޑު އުންމީދެއް ކަމަށާއި، ކެލާގައި ތަރައްޤީ ކުރެވޭ ޓޫރިސްޓް ހޮޓަލުގެ ސަބަބުން ސަރަޙައްދުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްވެ، ތިޔާގިކަން ލިބޭނެ ކަމަށެވެ.
''ވަރަށް އުންމީދީ މަޝްރޫޢޫއެއް އެއީ، ކޯވިޑްގެ ސަބަބުން ވެސް މިވަނީ އެތައް ރައްޔިތެއްގެ ވަޒީފާ ގެއްލިފައި، އަޅުގަނޑު އުންމީދަކީ މި ހޮޓަލުގެ ސަބަބުން ކެލާގެ އިތުރުން ކެލާ ދާއިރާއާއި، އެ ސަރަޙައްދުގެ ރައްޔިތުންނަށް ވީހާވެސް އަވަހަކަށް ނަފާވެރިކަން ލިބުން''
އިބްރޭ ވިދާޅުވިއެވެ.
މިއަދަކީ ކެލާރައްޔިތުންނަށް ވަރައް އުފާވެރި ދުވަހެއް ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ވުމުގެ އުންމީދު އާވެގެން ދިޔަދުވަހެއް ކެލާގެ ތުޑީގައި ރިސޯޓެއް ހެދުމަށް ބިޑް ކުރެވި ބިޑް ހުށައެޅުނު ދުވަސް، 3 ފަރާތަކުން ވަނީ ބިޑްކޮށްފައި، ޞުކުރިއްޔާ ރައީސް@ibusolih @MohamedNasheed
— Ibrahim Shareef (kelaa dhaaira MP) (@kelaaibrey) December 17, 2020
ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރަން ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން ހުޅުވާލާފައި ވަނީ، އެ ސަރަޙައްދުގެ 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާ ގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަޙައްދުގައި އެވެ.
މީގެއިތުރުން ވެސް އެރަށުގެ ޓޫރިޒަމް ޒޯނުން ފަތުރުވެރިކަމަށް 5000 އަކަފޫޓުގެ 12 ބިމާއި، 10000 އަކަފޫޓުގެ 2 ބިން ދޫކުރުމަށް ޕްލޭން ކޮށްފައި ވާކަމަށް އިބްރޭ ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ''ތިލަދުން''އަށް ވިދާޅުވެފައެވެ.
އިބްރޭ ގެންދަވަނީ ކެލާގައި ފަތުރުވެރިކަން އިތުރަށް ތަރައްޤީކޮށް، ތުނޑީގައި ރިސޯޓެއް ގާއިމުކުރުމަށް ކެނޑިނޭޅި ވަކާލާތު ކުރައްވަމުންނެވެ.
ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓާ އެންމެ 10 މޭލު ދުރުގައި އޮންނަ ކެލާ އަކީ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ، ބޮޑުމިނުގައި 213 ހެކްޓަރު ހުންނަ ރަށެކެވެ. އެރަށުގައި މިހާރުވެސް ފަސް ގެސްޓްހައުސް އެއް ހިންގައެވެ.
ކެލާއަށް ވަނީ، މޯލްޑިވްސް ޓްރެވަލް އެވޯޑް 2017 ގެ ގެސްޓް ހައުސް އެޑިޝަންގެ "ލީޑިންގ ބީޗް އައިލަންޑް އެވޯޑު" ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!