މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާ ށ.ކޮމަންޑޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 95 އިންސައްތަ އަދި ‏ހދ.ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 26 އިންސައްތަ މަސައްކަތް ނިމިފައިވާކަމުގައި އެ ކުންފުނިން ބުނެފިއެވެ.

ކޮމަންޑޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީއިން ފަށާފައިވަނީ 08 ޑިސެމްބަރ 2019 ގައެވެ. މިހާރު އެ ބަނދަރުގެ މަސައްކަތް ނިމުމަކާއި ދާދިގާތަށް ގޮސްފައިވާއިރު މިހާރު ކުރިއަށްދަނީ ލައިޓް ޕޯސްޓް ހަރުކުރުމުގެ މަސައްކަތް ކަމުގައި އެ ކުންފުނިންވަނީ ހާމަކޮށްފައެވެ.

Ad
rt

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 29.41 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތާއި ގުޅޭގޮތުން މިއަދު އެމްޓީސީސީއިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ އެ ބަނދަރު ތަރައްޤީ ކުރުމުގެ 26 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ކަޓަރ ޑްރެޖަރއާއިއެކު އިތުރު ސާމާނު 12 ޑިސެމްބަރ 2020 ވީ ހޮނިހިރު ދުވަހު އެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.

ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ފަޅު ފުންކުރުމަށް ހަމަޖެހިފައިވާ ބައިގެ ބޮޑުބައެއް މިހާރު ވަނީ ފުންކޮށް ނިމިފައެވެ. މި މަޝްރޫޢު ފެށުމަށްޓަކައި ބޭނުންވާ ސާމާނު އެރަށަށް މޮބިލައިޒް ކުރެވިފައިވަނީ 05 މެއި 2020 ގައިއެވެ.