ރައްޔިތުންނަށް ބޭނުންވާ ކާނާގެ ޔަޤީންކަން ދެމެހެއްޓުމަށާއި، ބޭރު ފައިސާ ހޯދުމަށް ދަތިވާ ކޮންމެ ވަގުތެއްގައިވެސް، މަސްވެރިކަމުގެ ޞިނާއަތުގެ މުހިއްމުކަން ވަޒަންކުރެއްވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 40 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ދެއްވި ޚިޠާބުގައެވެ.
އެ ޚިޠާބުގައި މަސްވެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ހުރިހާ މަސްވެރިންނަށާއި، ކެޔޮޅުންނަށާއި، ފަޅުވެރިންނަށާއި، އޮޑިވެރިންނަށް، އަދި، މަސްވެރިންގެ ޢާއިލާތަކަށާއި، މަސްވެރިކަމުގެ ޞިނާޢަތުގައި ޙަރަކާތްތެރިވާ އެންމެހައި ކުންފުނިތަކާއި ވިޔަފާރިވެރިންނަށް ފޮނުއްވާފައިވެއެވެ.
އެ ޚިޠާބު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ މިއަދު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، މިއަހަރުގެ ކުރީކޮޅު ރިޒޯޓުތައް ބަންދުކޮށް، މުޅިރާއްޖެ ފުރަބަންދުކުރުމާ ގުޅިގެން، މަސްވެރިކަމުގެ ޞިނާޢަތަށްވެސް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވި ކަމަށެވެ. އަދި މިހާރުގެ މަސްވެރިކަމުގައި އެންމެ ބޮޑު ނަފާއެއް ހޯދައިދޭ، ބޮޑުކަންނެލީގެ މަސްވެރިކަން މުޅިންހެން ހުއްޓުމަކަށް އައިކަމަށާއި، ރިޒޯޓް މާކެޓަށް އަމާޒުކޮށް، އަތޮޅުތަކުގައި ކުރަމުން އައި ފަރުމަހުގެ މަސްވެރިކަންވެސް ހުއްޓިގެންދިޔަ ކަމަށެވެ.
''މިކަންކަމުން އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ، ރާއްޖެފަދަ ވަސީލަތްތައް މަދު ޤައުމެއްގައި، އެއް ޞިނާޢަތެއްގެ މައްޗަށް މުޅި އިޤްތިޞާދު ބިނާކުރުމުގެ ގެއްލުމާއި ނުރައްކާތެރިކަން ބޮޑުކަމެވެ. ކޯވިޑްގެ އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް، ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ފަށާފައިވާ މިދަނޑިވަޅުގައި، މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކުރުމާއި، މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމުގެ މުހިންމުކަން، ވަކިން ޚާއްޞަ ގޮތެއްގައި ފާހަގަކުރެވެއެވެ. ރައްޔިތުންނަށް ބޭނުންވާ ކާނާގެ ޔަޤީންކަން ދެމެހެއްޓުމަށާއި، ބޭރު ފައިސާ ހޯދުމަށް ދަތިވާ ކޮންމެ ވަގުތެއްގައިވެސް، މަސްވެރިކަމުގެ ޞިނާއަތުގެ މުހިއްމުކަން ވަޒަންކުރެވެއެވެ.''
ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ޤައުމީ އާމްދަނީގައި އެންމެ ބޮޑު ޙިއްޞާއެއްވާ ޞިނާޢަތަކީ ފަތުރުވެރިކަން ކަމުގައިވިޔަސް، ކޯވިޑްގެ ފުރަބަންދު ތެރޭގައިވެސް، މުޅިން ހުއްޓުމަކަށް ނައިސް ހިނގަހިނގާ އޮތީ، އިޤްތިޞާދީ ދެވަނަ ޞިނާޢަތުގެ ގޮތުގައި މިހާރު ބެލެވޭ ދިވެހި މަސްވެރިކަން ކަން ފާހަގަ ކުރަށްވައި، ރައީސް ވިދާޅުވީ، އެހެން ނަމަވެސް ދުނިޔެއަށް އަންނަ އިޤްތިޞާދީ އަދި ޞިއްޙީ، ކުއްލި ލޮޅުންތަކުން ސަލާމަތްވުމަށްޓަކައި، މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިޤްތިޞާދީ ވަސީލަތްކަމުގައި ހެދުމުގެ ވަގުތު ޖެހިއްޖެ ކަމުގައި ޤަބޫލުފުޅު ކުރަށްވާ ކަމަށެވެ.
''މި ދެންނެވި ސަބަބުތަކަށްޓަކައި، މި ފެށޭ 2021 ވަނަ އަހަރުގެ ތެރޭގައި، ދިވެހި މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނެއެވެ. އައިސް ލިބުމުގެ ދަތިކަން ފިލުވައިދިނުމަށްޓަކައި، މުޅިން އައު، ހަތް އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް މި އަންނަ އަހަރު ފެށޭނެއެވެ. އަދި ދޯނިފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް އިތުރުކުރެވޭނެއެވެ. ހަމައެފަދައިން، މަސް ކިރުވުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން، މަސް ގަންނަ އިތުރު ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތްވެސް، މާތް ﷲގެ ވާގިފުޅާއެކު، މި އަންނަ އަހަރުގެ ތެރޭގައި ފެށޭނެއެވެ. މެރިކަލްޗަރގެ ޒަރީޢާއިން މަސްވެރިކަމުގެ ޞިނާޢަތު ސިންދަފާތުކުރުމުގެ މަސައްކަތްވެސް، މި އަންނަ އަހަރުގެ ތެރޭގައި އިތުރަށް ހަރުދަނާކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެކެވެ.''
ރައީސް ވިދާޅުވެފައި ވެއެވެ.
''މަސްވެރިންނަށް މިވަގުތު ކުރިމަތިވެފައިވާ، މަސް ކިރުވުމުގެ ދަތިތަކަށް އަވަސް ޙައްލެއް ހޯދައިދިނުމަށްޓަކައި، 460 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑު މަޝްރޫޢުތަކެއް، މި އަންނަ އަހަރުގެ ތެރޭގައި ފެށުމަށް މި އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން، ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުރި މިފްކޯގެ މަސް ކާރުޚާނާ އިތުރަށް ތަރައްޤީކޮށް، މަސް ރައްކާކުރެވޭ މިންވަރު 3050 ޓަނުން 8000 ޓަނަށް އިތުރުކުރުމުގެ ޢަމަލީ މަސައްކަތް މި އަންނަ އަހަރުގެ ތެރޭގައި ފެށޭނެއެވެ. އަދި ގދ. ތިނަދުއާއި މ. މުލަކުގައި، މަސް ގަންނަ މަރުކަޒެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުތައް ނިމުމުން، މަސްވެރިންގެ ވަރަށް ގިނަ ޝަކުވާތަކަށް ޙައްލު ލިބިގެންދާނެއެވެ.''
ރައީސް އިތުރަށް ވިދާޅުވެފައި ވެއެވެ.
ރައީސް ޞާލިޙްގެ ޚިޠާބުގައި، އަންނަ އަހަރު މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވާނެ ބައެއް މުހިންމު މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލެއްވުމުގެ އިތުރުން، މެރިކަލްޗަރގެ ޒަރީޢާއިން މަސްވެރިކަމުގެ ޞިނާޢަތް ސިންދަފާތުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަކީ ވެސް އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ މުހިންމު އަމާޒެއްކަން ވަނީ ހާމަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!