‏ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއްކަމަށާއި ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން މިނިޒާމު ބަދަލެއް ނުކުރެވޭނެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މައުމޫން މިހެން ވިދާޅުވީ، "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ރޭ މީހަކު ކުރެއްވި ސުވާލަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ދެއްވި ޖަވާބައް ރައްދުދެއްވާ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.

Ad
rt

ރައީސް ނަޝީދު ރޭ ވިދާޅުވީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން އެންމެ ރަނގަޅު ވަގުތެއް ކަނޑައަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ނިޒާމް ބަދަލުކުރުމުގެ މަޝްވަރާތައް ކުރިއަަށް އޮތީ ކަމަށެވެ. އެކަމަށް އެންމެ ރަނގަޅު ވަގުތަކީ 2023ތޯ ނުވަތަ އެއަށް ވުރެން ކުރިންތޯ ކަނޑައަޅަން ރައީސްއާ ވާހަކަފުޅު ދައްކަވާނެ ކަމަށް ވިދާޅުވި އެވެ.

"މި ވާހަކަތައް އަޅުގަނޑު ފުރަތަމަ މަޝްވަރާކުރާނީ އަޅުގަނޑު ސިޔާސީ ކަންކަމުގައި އަބަދުވެސް އެންމެ ފުރަތަމަ މަޝްވަރާކުރައްވާ ފަރާތާ. މިހާރު ރައީސުލްޖުމްހޫރިއްޔާއަކަށް އެ ބޭފުޅާ މިހާރު ހުންނެވީ. އަޅުގަނޑުމެން އެ ވާހަކަ ދައްކާނަން،"

ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ މަޝްވަރާއަށް ފަހު ރަނގަޅު ގޮތެއް ނިންމޭނެ އެވެ. ރައީސް ނަޝީދު ރޭ ވެސް ތަކުރާރުކުރެއްވި ގޮތުގައި ރަނގަޅު ގޮތުގައި ވެރިކަން ކުރަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމެވެ.

ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަމާއި ގުޅޭގޮތުން ރައީސް ނަޝީދު ވަނީ ރޭ ވާހަކަފުޅު ދައްކަވާފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ، ރައީސް މައުމޫންގެ ދިގު ވެރިކަމުގައި ދިވެހިންނަށް ފެނުނީ ބިރުން ފިތްކަނޑައިގެން ދާވަރުގެ އަނިޔާވެރި އަދި އެހާމެ ހުދު މުހުތާރު ވެރިކަމެއް ކަމަށާއި، ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް މައުމޫން ޖަލަށް ނުލީ އެމަނިކުފާނު ކަމެއް ނުކުރާތީ ނޫން ކަމަށެވެ. ރައީސް މައުމޫން ޖަލަށް ނުލެއްވީ، ހެޔޮ ގޮތުގައި ދިވެހިންނަށް ވެރިކަން ކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.