ސަލާމަތްކުރަން ފުލުސް މީހާ އަންނާނޭ ބުނެވޭވަރުގެ ބަޔަކަށް ދިވެހި ފުލުހުން ވާންޖެހޭކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.
ޝިފާޢު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ''މ.އުޖާލާގެ ބަލައި ފާސްކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނާ ގުޅިގެން ފުލުހުންގެ ތެރެއިން ބަޔަކު އިޙްތިޖާޖުކުރަމުންދިޔަ މައްސަލަ، ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު''އަށް ބަހުސް ކުރަށް ވަމުންނެވެ.
ޝިފާޢު ވިދާޅުވީ ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކެއް ގާއިމުކޮށްދޭއިރުގައި އެ ސަލާމަތީ ޚިދުމަތްތަކުގެ އެންމެ މުހިންމު ބޭނުމަކީ، ސުލްޙަވެރިކަމާއި، އަމާންކަމާއި، މިނިވަންކަމާއެކު ރައްޔިތުންނަށް އުޅެވޭނެ މަގު ތަނަވަސްކޮށްދިނުން ކަމުގައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގައި އޮންނަ ކަމަށެވެ.
ސަލާމަތީ ބާރުތައް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވާންޖެހޭނީ އެ މަގަށް މި ޤައުމުގެ ކަންކަން ބައްޓަންކުރާ ބަޔަކަށް ކަމަށް ވިދާޅުވެ، އޭނާ ވިދާޅުވީ އެހެންނަމަވެސް، އެ ރިޕޯޓުތަކުގައި ފާހަގަކުރެވިފައި ހުރި ކަންތައްތަކަކީ، ޙަޤީޤަތުގައި ވެސް އެ ކަންތައްތަކުގެ މައްޗަށް ދެރަވެ، ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ.
އެއަށްވުރެ މާ ބޮޑަށް އެ ކަންތައްތައް ''އެ މަގުން ހިނގައިދިޔައިރު އޭރުގައި ދައުލަތުގެ އެކިއެކި މުއައްސަސާތަކުން އެ ކަންތައްތައް ގޮސްފައި ހުރި ގޮތާ މެދު އަޅައިނުލައި ހަމަ އިގްނޯކޮށްލުން އެއީ، އަދި މާ ބޮޑަށް ހިތާމަކުރަންޖެހޭ ކަމެއް'' ކަމަށް އޭނާ ވިދާޅުވިއެވެ.
''ދިވެހި ފުލުހުން ވެސް ވާން އެބަޖެހޭ އަޅުގަނޑުމެންނަށް ބުނެލެވެން، ކޮއްކޯއޭ ފުލުސް މީހާ ކޮއްކޮ ސަލާމަތްކުރަން އަންނާނޭ ބުނެވޭވަރުގެ ބަޔަކަށް. އަޅުގަނޑުމެން ދިވެހި ފުލުހުންނަށް ރައްދުކޮށް، ފުލުސް މީހާ ޕެޕަރސްޕްރޭ ޖަހައިފާނޭ، ފުލުސް މީހާ މުގުރު ހިފައިގެން އައިސްދާނޭ، އެހެން ބުނެވޭ، އެ ބަސް އަބަދު ރައްދުކުރެވޭ ބަޔަކަށް ދިވެހި ފުލުހުން ވެސް ވެގެންވާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،''
ޝިފާޢު ވިދާޅުވިއެވެ.
އެ ރިޕޯޓަށް ވާހަކަ ދައްކަވަމުން ޝިފާޢުވަނީ އެޖެންޑާ ކޮށްފައިވާ ފުލުހުންގެ ޚިދުމަތުގެ ޤާނޫނާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކާފައިއެވެ. މިގޮތުން އެ ބިލު ޤާނޫނަކަށް ވެގެންދާއިރު ދިވެހި ރައްޔިތުން ވަރަށް ބޮޑަށް އެކަމަކަށް އެދިއެދި ތިބި ބަދަލުތަކެއް، ދިވެހި ރައްޔިތުން ބޭނުންވާ އަދި ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ދިވެހި ފުލުހުންގެ ފަރާތުން އެދިއެދި ތިބި ކަންތައްތަކަކަށް
ހިމެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ޖަލްސާގައި ވަނީ ފުލުހުންގެ ޚިދުމަތުގެ ބިލު ގިނަ އިސްލާޙްތަކަކާއިއެކު ފާސްކޮށްފައެވެ. އެ ބިލު ފާސްކުރަން ފެންނަ ކަމަށް ވޯޓުދެއްވީ މަޖިލިސްގެ 87 މެންބަރުން ކުރެ، 59 މެންބަރެކެވެ. ބިލު ފާސްކުރަން ބޭނުންވަނީ 30 ވޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!