އޭޝިއާ ސަރަޙައްދުގެ އެންމެ މަތީ އަދި އެންމެ މަޤްބޫލު ޔުޓިލިޓީ އެވޯޑް ކަމަށްވާ "އޭޝިއަން ޕަވަރ އެވޯޑްސް"ގެ ހަތަރު އެވޯޑެއް ފެނަކަ ކޯޕަރޭޝަނަށް ލިބިއްޖެއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ، ޒަމާންވީ ކިލަނބު ނަމާއިއެކު ޒިންމާދާރުކަމެއްނެތި، ޚިދުމަތް ދެމުން އައި ފެނަކަ ހިނގުމަށް 2019 ވަނަ އަހަރު ގެނެވުނު މުހިއްމު ބަދަލާއިއެކު، ގިނަ ގޮންޖެހުންތަކެއް ގިރާކޮށް، މަސްޢޫލިއްޔަތު އަދާކުރެއްވުމުގައި، ނުގުޑާ ޢަޒުމުގައި ފެނަކައިގެ ޙަޤީޤީ މަޤާމަށް ވާޞިލުވުމަށް ފެނަކައިން ބުރަ މަސައްކަތެއް ކޮށްފައިވާކަން ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ޤަބޫލުކޮށް އަނެއްކާވެސް ފެނަކައަށް ބައިނަލްއަޤްވާމީ ގިނަ އެވޯޑްތަކެއް ލިބިފައިވާކަމަށެވެ.

Ad
rt

އޭޝިއާ ސަރަޙައްދުގެ އެންމެ މަތީ އަދި އެންމެ މަޤްބޫލު ޔުޓިލިޓީ އެވޯޑް ކަމަށްވާ "އޭޝިއަން ޕަވަރ އެވޯޑްސް" އަކީ ދުރާލާ އިޢުލާން ކުރެވޭ މިންގަނޑުތަކަކަށް މިނިވަން ފަނޑިޔާރުންގެ ޕެނަލަކުން އިންސާފު ކުރެވިގެން ދެވޭ، ޤައުމުތަކުގެ މެދުގައި އިތުބާރު ހޯދާފައިވާ، އަދި އޭޝިއާ ސަރަޙައްދުގެ ބޮޑެތި ޔުޓިލިޓީ ކުންފުނިތަކުން ބައިވެރިވާ އެވޯޑެކެވެ.

މިގޮތުން، 2020 ވަނަ އަހަރުގެ އެވޯޑް ޙަފްލާގައި 50 ކުންފުންޏަކުން އެވޯޑްތައް ޙާޞިލް ކޮށްފައި ވެއެވެ.

ފެނަކައިން ޙާޞިލް ކޮށްފައި ވަނީ:

1. ޕަވަރޕްލާންޓް އަޕްގްރޭޑް އޮފް ދި އިޔަރ (ރާއްޖެއިން)

މި އެވޯޑް ލިބިފައިވަނީ ފެނަކައިން ލ.ގަމުގައި ޤާއިމް ކޮށްފައިވާ ސެންޓްރަލް ޕަވަރ ސްޓޭޝަން މަ ޝްރޫޢަށެވެ. މި މަ ޝްރޫޢަކީ ރާއްޖޭގައި ކަރަންޓު އުފައްދައި ފޯރުކޮށްދިނުމުގެ ދާއިރާއަށް ގެނެވޭ ޒަމާނީ ފަންނުވެރިކަމުގެ އީޖާދުގެ ފެށުމަށް ވެގެން ދާނެ އަދި މި މަޝްރޫޢާއެކު ލ.ގަމުގެ ރައްޔިތުންގެ ފަނޑުވެފައިވި އުންމީދުތަކަށް ވަނީ ދިރުން ލިބިގެން ގޮސްފައިވާކަމަށް ފެނަކައިން ބުނެއެވެ.

މި ގިންތިން އެވޯޑް ޙާޞިލްކުރި އެހެން ބޮޑެތި ޤައުމުތަކުގެ ތެރޭގައި އިންޑިއާ، ޗައިނާ، ޖަޕާން އަދި ކޮރެއާ ހިމެނެއެވެ.

2. ޕަވަރ ޔުޓިލިޓީ އޮފް ދި އިޔަރ (ރާއްޖެއިން)

މި އެވޯޑަކީ ޤައުމުތަކުގެ ޔުޓިލިޓީ ޚިދުމަތް ދޭ ކުންފުނިތަކުގެ މެދުގައި ިމން ކުރެވިގެން އެ ޤައުމެއްގެ އެންމެ ފާހަގަކޮށްލެވޭ ކުންފުންޏަށް ދެވޭ އެވޯޑެކެވެ.

3. ސޯލަރ ޕަވަރ ޕްރޮޖެކްޓް އޮފް ދި އިޔަރ (ރާއްޖެއިން)

މި އެވޯޑް ލިބިފައިވަނީ ގދ.މަޑަވެލި އަދި ހޯޑެއްދޫގައި ފެނަކައިން ޤާއިމް ކުރުމަށް ރާވައި ފެށުމައް ތައްޔާރުވެފައިވާ އަވިން ހަކަތަ އުފައްދާ ނިޒާމުގެ މަޝްރޫ އަށެވެ.

ފރނަކައިން ބުނީ މި މަޝްރޫޢު ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެފަދަ މަޝްރޫޢުތަކުގެ ތެރެއިން، ތަފާތު އަދި އިންޤިލާބީ މަޝްރޫޢުއެއް ކަމަށެވެ.

4. ސީ.އީ.އޯ އޮފް ދި އިޔަރ (ހުރިހާ ޤައުމަކުން)

މި އެވޯޑަކީ ބައިވެރިވި ހުރިހާ ޔުޓިލިޓީ ކުންފުނިތަކުގެ މެދުގައި ވާދަކޮށްގެން ފެނަކަ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދަށް
ލިބިފައިވާ އެވޯޑެކެވެ.

ކުންފުނި ކުރިން އޮތް ޙާލަތަށް ބަލާ އެމްޑީ ސަޢީދު ކުންފުޏާއި ޙަވާލުވެ މިވީ ކުރު މުއްދަތުގެ ތެރޭގައި ކުންފުނީގެ ޙާލަތު އިހުނަށްވުރެ ރަނގަޅު ކުރެއްވުމަށް، ދެވޭ ޚިދުމަތްތަކަކީ އުފެއްދުންތެރިކަމާއި، އަދި އީޖާދީ ބިނާކުރަނިވި މަސައްކަތްތަކަކުން ކުރުމުއްދަތެއްގެ ތެރޭގައި ކުރެވިފައި މަސައްކަތްތަކެއްކަން ފާހަގަކުރެވިފައިވުމާއި، އަދި ދެވޭ ޚިދުމަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ޚިދުމަތްތަކަކަށް ހެއްދެވުމަށް މުޅި ނިޒާމް ފަރުމާކުރައްވާ، ކުންފުނިން ހޯދަމުންދާ ބޮޑު ކާމިޔާބީ ފަދަ މުހިންމު ކަންތައްކެއް ފާއިތުވެ ދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ޙާޞިލްކުރެވިފައިވާތީ އެކަންކަން ފާހަގަކޮށް ލިބިފައިވާ އެވޯޑެކެވެ.