މަސްތުވާތަކެއްޗާ ދެކޮޅަށް އަތޮޅުތެރޭގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަނެއްގައި ހދ. ހަނިމާދޫއިން މަސްތުވާތަކެއްޗާއެކު 02 މީހަކު ހައްޔަރުކޮށްފި އެވެ.
އެގޮތުން ހަނިމާދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ހަނިމާދޫ ޕޮޮލިހަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި 26 އަހަރުގެ މީހަކާ 32 އަހަރުގެ 02 ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހިނގާ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެ 02 މީހުން ހައްޔަރުކޮށްފައިވަނީ އެމީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 64 ރަބަރު ހޮޅިކޮޅު ފެނުމާ ގުޅިގެން ކަމަށާއި މި މައްސަލައާ ގުޅިގެން އެ 02 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މީގެ އިތުރުން މަސްތުވާތަކެއްޗާ ދެކޮޅަށް އަތޮޅުތެރޭގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަނެއްގައި މި ހިނގާ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ބ.ދަރަވަންދޫގައި ހިންގި އެ އޮޕަރޭޝަނުގައި އެރަށުން 30 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެމީހާ ހައްޔަރުކޮށްފައި ވަނީ އެރަށު ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި، ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބ.އޭދަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި މައްސަލަތައް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!