ދައުލަތުގައި އޮތް ދަރަންޏަކީ މިސަރުކާރުން ކުރިކަމެއް ނޫންކަމަށާއި، ދަރަނި ދައްކަން ޖެހިފައިވަނީ އެންމެ ދަތިވިވަގުތުކަމަށާއި އަދި އެ ދަރަނިން ސަލާމަތް ވެވިއްޖެ ނަމަ ހުށަހެޅިފައިވާ ''ޅޮސް ބަޖެޓުގައި އާރު ލާނެ'' ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.
ފިއްޓޭ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.
ފިއްޓޭ ވިދާޅުވީ ބަޖެޓުގައި ކަންބޮޑުވެވަޑައިގަންނަވާ ކަނަތައްކެއް ވެސް އެބަހުރި ކަމަށާއި، ހަމަ އެހެން އުއްމީދުތަކެއް ވެސް އެބަހުރި ކަމަށެވެ.
''އެގޮތުން އަޅުގަނޑު ކަންބޮޑުވާންޖެހޭ އެންމެ ބޮޑު އެއް ސަބަބަކަށް މީގައި ހުރިހާ އިއްޒަތްތެރި މެންބަރުންހެން ގާތްގަނޑަކަށް ވާހަކަދެއްކެވިއިރު އެބަ ދައްކަވާ، ދަރަންޏެއްގެ ވާހަކަ. މިއީ އަޅުގަނޑުމެން ކުރި ކަމަކުން، އަޅުގަނޑުމެން މި ތަނަށް އައިސް ކުރި ކަމަކުން ވީ ދަރަންޏެއް ނޫން. އަދި ކޮންމެ ބަޔަކު ކުރިކަމުގައި ވިޔަސް، ދަރަނި ވާނީ ދަރަންޏަށް. ދައްކަން އެބަޖެހޭ. އަޅުގަނޑުމެންނަށް ކަންދިމާކުރި ގޮތުން އެންމެ ދަތި ހާލުގައި ހުއްޓާ މި ދަރަނި ދައްކަން މި ޖެހުނީ. މި ދަރަނިން އަޅުގަނޑުމެން ސަލާމަތްވެއްޖެއްޔާ، މި ދަރަނި ނުދައްކައި ވާނެ ގޮތެއް ވެއްޖެއްޔާ ނުވަތަ މި ދަރަނި ފަސްކުރެވިއްޖެއްޔާ މި ޅޮސް ބަޖެޓުގައި ވެސް އާރުލާނެ އަޅުގަނޑަށް ފެންނަ ގޮތުގައި.''
ފިއްޓޭ ވިދާޅުވިއެވެ.
''މިކަމަށް އެބަޖެހޭ އަޅުގަނޑުމެން ޙައްލެއް ހޯދަން ބަޖެޓާ ހަމައަށް ދިއުމުގެ ކުރީގައި، ދަރަނި ދައްކާނީތޯ، ދަރަނި ނުދައްކާ އަޅުގަނޑުމެންނަށް ތިބެވިދާނެތޯ؟ މިއީ އަޅުގަނޑަކަށް އަދި ޖަވާބުދޭން ނޭނގޭ ސުވާލެއް، އެހެންނަމަވެސް، ދަރަނި ފަސްކުރެވޭތޯ ވާހަކަދެއްކުމަކީ އޮތް ކަމެއް. އެއާއެކު ދަރަނީގެ ބައި ނިންމާފައި ދެން އަޅުގަނޑުމެން ކަންބޮޑުވުމެއްގެ ގޮތުގައި މި ފާހަގަކުރަނީ، ރިކަރަންޓް ޚަރަދު. ރިކަރަންޓް ޚަރަދު މަރުކަޒީ ސަރުކާރެއް ހިންގުމާއި،
ލާމަރުކަޒީ ސަރުކާރެއް ހިންގުމުގައި ތަފާތުވާނެކަން އެއީ ޔަގީން ކަމެއް. އަޅުގަނޑު ވެސް ގަބޫލުކުރަން.''
ފިއްޓޭ އިތުރަށް ވިދާޅުވިއެވެ.
އެހެންނަމަވެސް، ރިކަރަންޓް ޚަރަދު ލިބޭ އާމްދަނީއަށް ވުރެ ބޮޑުތަނުން ބޮޑުވެއްޖެނަމަ އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި، ރިކަރަންޓް ޚަރަދަކީ ބަލައިގެން ކުޑަކުރެވެން ވެސް އޮތް ޚަރަދެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަމުގައި ހައްލެއް ހޯދޭނެ ކަމަށް ގަބޫލުކުރަށްވާ ކަމަށާއި، އެކަމަށް ކޮމިޓީ މަރުޙަލާގައި ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދޭނެ ކަމަށް ކަމަށެވެ. އަދި ބަޖެޓުން ދާއިރާއަށް ވުރެ ބޮޑަށް މުޅި ޤައުމަށް ބަލައިލާއިރު، އެ ބަޖެޓަކީ މިކަހަލަ
ކާރިސާއަކުން އަރައިގަންނަން ވަރަށް ރީތި ވަރަށް ފުރިހަމަ ބަޖެޓެއް ކަމަށް ވެސް ފިއްޓޭ ވިދާޅުވިއެވެ.
''ސުވާލަކީ، މިކަން ވާނެތޯ، ނޫންތޯ؟ މިއީ ހަމަ ބޮޑު ސުވާލެއް، އަޅުގަނޑަށް ޔަގީންކަމަކީ، ވިއްޔާ ވާނީ މި ސަރުކާރަށޭ. މީގެކުރީގައި ބަޖެޓުގައި ދަރަނި މިހިސާބަށް ދިޔަ ސަބަބު ވެސް އަޅުގަނޑަށް ބަލައިލެވިއްޖެ މީގެކުރީގައި ވެސް ދަރަނި ބަޖެޓުތަކުގައި މި ޤައުމު ހިންގާފައި އެބަހުރި. އަޅުގަނޑުމެން 2021 ވަނަ އަހަރުގައި ކަންބޮޑުވާ ކަންތައްތަކުގެ ތެރެއިން ކަމެއް މިއީ ވެސް، 2021 ވަނަ އަހަރުގެ ބަޖެޓަށް ބަހުސްކުރާއިރުގައި އެ ބަހުސްގައި އަޅުގަނޑު ބުނަން އެބަޖެހޭ، މި ސަރުކާރު ވަރަށް އޯގާތެރިއޭ. 143 ރަށުގައި ބޯފެނާއި ނަރުދަމާގެ އިއްޒަތްތެރި ރައީސް، މިއީ އެންމެ އަސާސީ ޚިދުމަތް މި ޤައުމުގައި 143 ރަށުގައި 2021 ވަނަ ބަޖެޓުގައި ޖެހީމާ އަޅުގަނޑަކަށް ހިޔެއް ނުވޭ! އުފާވޭ ޖެހީމަ.''
ފިއްޓޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޤައުމު އޮންނަންވާ ހިސާބަކީ މިއީ ނޫންކަމަށާއި، ތަފާތުކުރުމުގެ ވާހަކަ ވަރަށް ބޮޑަށް ދެކެވިއްޖެ ކަމަށެވެ. އަދި އޭނާއަކީ ތިލަދުންމައްޗަށް އުފަން މީހެއް ކަމުން ތަފާތުކުރުން އިހުސާސްކުރެވޭ ކަމަށް ފިއްޓޭ ވިދާޅުވިއެވެ.
''ތަފާތުކުރުން މިނެކިރާނެ ގޮތެއް އަޅުގަނޑަކަށް ނޭނގޭ. އެހެންނަމަވެސް، ކުރު ގޮތަކަށް ބުނަންޏާ ހދ. ކުރިނބީގައި ކުޑަކުދިންގެ ޕާކެއް އެޅުމަކީ އެއީ މެގަ ޕްރޮޖެކްޓެއް އަޅުގަނޑުމެންނަށް މިއަދު، ބްރިޖާއި، ސްލިޕްވޭތަކާއި ބޭނުންވާއިރު އަޅުގަނޑުމެން މި އުޅެނީ އަދި ހަމަ ކުޑަކުދިން ޕާކަކާ ހަމައިގައި. ތިލަދުންމަތީގެ އިޤުތިޞާދީ އެއްވެސް ހަރަކާތެއް ނެތް މީގެކުރިއަކަށް. މި ބަޖެޓުން އެބައާދޭ އިޤުތިޞާދީ ހަރަކާތެއް ތިލަދުންމައްޗަށް. މިއީ އަޅުގަނޑު އުފާކުރާ ކަމެއް.''
ބަހުސްގައި ވާހަކަ ދައްކަވަމުން ފިއްޓޭވަނީ ''ސްކޫކެއް ގަންނަން ދަރުމަވަންތަ ހޮސްޕިޓަލް މޯގޭޖް ކުރުމަކީ ވަރަށް ރަނގަޅުކަމެއް ކަމަށް'' ވެސް ވިދާޅުވެފަ އެވެ. ފިއްޓޭ ވިދާޅުވީ އެ އިމާރާތުން ދިވެހި ރައްޔިތުންނަށް ފައިދާއެއް ކުރަން ޖެހޭކަމަށެވެ.
ބަޖެޓްގައި ހދ. ކުޅުދުއްފުށީގައި ޓާޝަރީ ހޮސްޕިޓަލެއް ތަރައްޤީކުރަން ހިމަނާފައިވާތީ އެކަމާއި އުފާކުރަށްވާ ކަމަށް ވެސް ފިއްޓޭ ވަނީ ވިދާޅުވެފައެވެ.
2021 ވަނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓްގެ ބަހުސް މިހާރު ނިމިފައިވާއިރު، ބަޖެޓް ރިޕޯޓަށް ތަޅުމުގައި ބަހުސްކޮށް މިމަހުގެ 23 ވަނަ ދުވަހު ބަޖެޓަށް ވޯޓަށް އަހާނެ ކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓްގެ ޖުމްލައަކީ 37.79 ބިލިއަން ރުފިޔާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!