ސަރުކާރުން މިމަހުގެ 17ގައި ރަސްމީކޮށް ހޯރަފުށީ އެއާރޕޯޓް ހުޅުވުމަށް އަމާޒު ހިފާފައިވާއިރު، މިމަހުގެ 16 ވާ ހޯމަ ދުވަހު، އެ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަން ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޒުހައިރާއި ހަވާލާދީ ދައުލަތުގެ މީޑިއާ ''ޕީއެސްއެމްނިއުސް''ގައި ބުނެފައިވަނީ އަންނަ ހަފްތާގެ ހޯމަދުވަހު ހޯރަފުށީގައި ތަރައްޤީކޮށްފައިވާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާނެކަމަށެވެ. އަދި އެ އެއާޕޯޓް ރަސްމީކޮށް މިމަހުގެ 17 ވަނަ ދުވަހު ހުޅުވަން ނިންމާފައިިވާކަމަށެވެ.

Ad
rt

މީގެއިތުރުން ޓެސްޓް ފްލައިޓް ޖެއްސުމަށްފަހު އިތުރު މައްސަލައެއް ނެތްނަމަ ވީއެންމެ އަވަހަކަށް ޝެޑިއުލް ދަތުރުތައް ފަށާނެކަމަށާއި، އަދި އެ އެއާޕޯޓް ހުޅުވުމަށްޓަކައި މިހާރު ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށް ވެސް ޒުހޭރު ވިދާޅުވެފަ ވެއެވެ.

އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހޯރަފުށީގައި އެއާޕޯޓް ހެދުމަށްޓަކައި ސަރުކާރުން އެރަށުގެ ފަޅުތެރެއިން 345،500 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ. އެބިމުގައި ތަރައްޤީކުރި އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއެއްގެ އިތުރުން 8635 ކިއުބިކް މީޓަރުގެ އޭޕްރޮން އަދި ޓެކްސީ ވޭއެއްގެ އިތުރުން 9473 ކިއުބިކް މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ކިއުބިކް މީޓަރުގެ ފަޔާ އެކްސެސް ރޯޑެއް ވަނީ ހަދާފައެވެ.

ނިމިދިޔަ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯރޓް ހޯރަފުށީގައި އެޅުމަށް ނިންމައި، އެއާޕޯޓް މަޝްއުރޫއުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ފައްޓަވައިދެއްވައިފައި ވަނީ މިދިޔަ މާރޗް މަހުގެ 31 ވަނަ ދުވަހު އެވެ.