ހއ.އުލިގަމުން ޓޫރިސްޓް ހޮޓާ އަދި ޔޮޓް ބަނދަރު ތަރައްޤީ ކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލެވުނު ފުރުޞަތުގައި 2 ފަރާތަކުން ބީލަން ފޮތް ގަތްނަމަވެސް އެއްވެސް ފަރާތަކުން ބީލަން ހުށައަޅާފައި ނުވާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ބުނެފި އެވެ.

އެމިނިސްޓްރީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ހއ. އުލިގަމުގައި ޔޮޓު ބަނދަރަކާއިއެކު ހޮޓަލެއް ތަރައްޤީކުރުމަށް 36 ހެކްޓަރުގެ ބިން ދޫކުރުމަށް 11 އޮކްޓޯބަރ 2020 ގައި އިޢުލާން ކުރުމާއި ގުޅިގެން ގިނަ ފަރާތްތަކުން މިބީލަމާއިބެހޭ ގޮތުން މަޢުލޫމާތު ސާފުކޮށްފައިވާކަމަށެވެ.

Ad
rt

5 ނޮވެމްބަރ 2020 ގައި ބީލަން ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާކަމަށް އެމިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

މި ނޮވެންބަރު މަހުގެ ތެރޭގައި އުލިގަމުގައި ޔޮޓު ބަނދަރާއި އެކު ހޮޓަލެއް ތަރައްޤީކުރުމަށް ބީލަން އަލުން ހުޅުވާލުމަށް އެމިނިސްޓްރީއިން ވަނީ ނިންމާފައެވެ.

އެމްޓީޑީސީން ތަރައްޤީ ކުރުމުގެ މަސައްކަތްފެށި އުލިގަމު ސިޓީ ހޮޓާ މަސައްކަތް ހުއްޓުމަކަށް އައިއިރު އެ މަޝްރޫޢޫގެ 75 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. ސްޓާފް އެކަމަޑޭޝަންގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު، 25 ގެސްޓް ރޫމްވެސް ވަނީ ނިންމާފައެވެ. އަދި ބައެއް ގެސްޓް ރޫމްތަކުގެ މަސައްކަތް ދިޔައީ އެކި މަރުހަލާ ތަކުގައި ކުރެވެމުންނެވެ.