ހަނިމާދޫގައި ދިރިއުޅޭ މީހުން ކޯވިޑަށް ރައްކާތެރިކޮށް ދިނުމަށް އެހީތެރިވުމުގެ ގޮތުން ހަނިމާދޫ ކައުންސިލުން ފޭސް މާސްކު ބަހަން ފަށައިފިއެވެ.
އިއްޔެ ހަނިމާދޫގައި މާސްކު ބަހަން ފަށާފައިވާއިރު، އިއްޔެ ވަނީ 700 ފޭސް މާސްކު ބަހާފައި ކަމަށް ހަނިމާދޫ ކައުންސިލުން ބުންޏެވެ. އެ ކައުންސިލުން ބުނީ މާސްކު ބަހަން ނިންމީ ގެސްޓް ހައުސްތައް ވެސް ހުޅުވުމާއިއެކު އެރަށަށް ފަތުރުވެރިން ވެސް އަންނަން ފަށާފައިވާތީއާއި ވެސް އެކުގައި ކަމަށެވެ.
ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުއްސަލާމް ޢަލީ ''ތިލަދުން'' އަށް ވިދާޅުވީ، އެ މާސްކު ތަކަކީ ކޯވިޑް ރާއްޖެއިން ފެނުނުތާ ކުރީ ކޮޅު އެކިއެކި ހެޔޮ އެދޭ ފަރާތްތަކުން ކައުންސިލަށް ހަދިޔާކޮށްފައިވާ މާސްކު ތަކެއް ކަމަށެވެ.
'' މިހާރު ގެސްޓު ހައުސްތައް ހުޅުވާލުމާއިއެކު މިރަށަށް ވެސް ގެސްޓުން ވަނީ އަންނަން ފަށާފައި، ސިޓީ ހޮޓެލްގައި މިހާރުވެސް ގެސްޓުން އެބަތިބި، އެޗްޕީއޭގެ ގައިޑްލައިން ބުނާގޮތުން މިރަށުގައި މިހާރު މިއޮތީ މާސްކު އަޅައިގެން އާންމު ތަންތަނަށް ދާންޖެހޭ ހާލަތެއް، އެހެންވެ މާސްކުތައް ހުރުމާއިއެކު ރައްޔިތުންނަށް އޭގެ ބޭނުން ކުރެވޭނެ ގޮތް ހަދައި ދިނުމަށް މާސްކުތައް ބަހަމުން މިދަނީ''
ސަލާމް ވިދާޅުވިއެވެ.
ހަނިމާދޫ ކައުންސިލްގެ ފަރާތުން ބަހާ މާސްކުތައް ބެހުމުގައި ހަރަކާތްތެރި ވަނީ ހަނިމާދޫ ސްކޫލްގެ ކެޑޭޓް ކުދިންނެވެ. މި މަސައްކަތަށް ހަނިމާދޫ ސްކޫލާއި، ކެޑޭޓް ކުދިން ދެއްވާ އެއްބާރުލުން ފާހަގަކޮށް އެ ސްކޫލްގެ މެނޭޖްމަންޓަށާއި، ކެޑޭޓް ކުދިންގެ ކަންކަން ބަލަހަށްޓާ މުދައްރިސުންނަށާއި، ކެޑޭޓް ކުދިންނާއި އަދި އެކުދީންގެ ބެލެނިވެރިންނަށް ސަލާމް ވަނީ ޝުކުރު އަދާ ކުރަށްވާފައި އެވެ.
ހަނިމާދޫ ކައުންސިލުން ރައްޔިތުންގެ ރައްކާތެރިކަމަށް އެހީތެރިވުމަށް، އެކައުންސިލަށް އެކިފަރާތްތަކުން ހަދިޔާކޮށްފައިވާ 2000 މާސްކު ބަހާނެ ކަމަށް ވެސް ސަލާމް ވިދާޅުވިއެވެ.
ގެސްޓް ހައުސްތައް ހުޅުވުމާއިއެކު ހަނިމާދޫގައި މާސްކު ބަހަން ފެށިއިރު، މިވަގުތު އެރަށުގައި ކޯވިޑް އެކްޓިވް 2 ކޭސް އެބަތިއްބެވެ. އެތަނުން އެކަކީ ހޯމް ކަރަންޓީނުގައި ހުރެފައި ނެގި ރިލީޒް ސާމްޕަލުން ޕޮޒިޓިވްވެފައިވާކަން އެނގުނު މީހެކެވެ. ދެވަނަ މީހާއަކީމަ މަޢުލޫމާތު ލިބިފައިވާ ގޮތުން އެރަށުގައި ހުންނަ ސިޓީ ހޮޓާ، ''ދަ ބެއާފޫޓު އެކޯ ހޮޓެލް'' ގައި ހުރި ފަތުރުވެރިއެކެވެ. އޭނާ ވެސް ޕޮޒިޓިވްކަން އެނގުނީ ފުރަންވެގެން ކުރި ޓެސްޓަކުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!