ކުޅުދުއްފުށީގައި ކޯވިޑް-19 ފެތުރޭތީ އެޗްއޯއީސީގެ ޚާއްޞަ ޓީމަކުން ކުޅުދުއްފުށީގެ ކަންކަން ބެލުމަށް ރައީސް ޞާލިޙް ނިންމަވައިފިކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޔާސިރު މިގޮތަށް ވިދާޅުވީ ކުޅުދުއްފުށީގެ ކޯވިޑްގެ ހާލަތާއި ގުޅިގެން މިއަދު ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ، (އެޗްއީއޯސީ)ގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށް ފަހުގައި އެވެ.
ޔާސިރު ވިދާޅުވީ މިއަދު އެޗްއޯއީސީގެ ބައްދަލުވުމުގައި އޭނާ ބައިވެރިވެ ވަޑައިގެންފައި ވާކަމަށެވެ. އަދި ކުޅުދުއްފުށިސިޓީ ގައި ކޯވިޑް-19 ފެތުރޭތީ އެޗް.އޯ.އީ.ސީގެ ޚާއްސަ ޓީމަކުން އެކަމާބެހޭ ކަންކަން ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ނިންމަވާފައިވާ ކަމަށްވެސް ޔާސިރު ވިދާޅުވިއެވެ.
ރައީސް ޞާލިޙްގެ މި ނިންމެވުމާއި ގުޅިގެން އެކަމުގެ އަމަލީ މަސައްކަތްތައް ވަނީ ފެށިފައި ކަމަށާއި،
ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމާއި ބޭސްފަރުވާއަށް އެއްވެސް ދަތިކަމެއް ނައިސް ކުރިޔަށް ގެންދެވޭނެ ކަމަށާއި އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ފުރިހަމައަށް އިޖާބަދެއްވާނެ ކަމަށް އިދާރާތަކުން ވަނީ ވިދާޅުވެފައި ކަމަށް ޔާސިރު ވިދާޅުވިއެވެ.
''އަޅުގަނޑު ރައްޔިތުންގެ ކިބައިން އެދޭ އެންމެ ބޮޑު އެދުމަކީ އެޗް.ޕީ.އޭ އާއި މިކަމަށް އެކުލަވާލާ ޚާއްސަ ޓީމުގެ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވެ އެއްބާރުލުންދެއްވުމަށް. މި ފުރުސަތުގައި ތި ރައްޔިތުން ތިދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަން. އަދި ޓާސްކްފޯސްތަކުން ފްރަންޓްލައިންގައި މަސައްކަތްކުރައްވާ އެންމެހައި ބޭފުޅުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.''
ޔާސިރު ވިދާޅުވިއެވެ.
މިއަދުގެ އެޗްއޯއީސީގެ ބައްދަލުވުމުގައި ޔާސިރާއި، ޖަމްޝީދު ބައިވެރިވެ ވަޑައިގަންނަވަނީ
އެޗްއޯއީސީގެ އެ ބައްދަލުވުމުގައި ޔާސިރުގެ އިތުރުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދު ވެސް ބައިވެރިވެ ވަޑައިގަތެވެ.
ކުޅުދުއްފުށީގައި ކޮންމެވެސް ވަރަކަށް ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިވާ ކަމަށް ބެލެވޭ ކަމަށް އެޗްއޯއީސީން ބުނެފައިވާއިރު، އެރަށް އޮތީ މޮނިޓަރިން ހާލަތުގައި އެވެ.
24 ސެޕްޓެމްބަރު 2020 ގައި ތިލަދުންމަށްޗަށް ދަތުރު ކުރި 18 ފުލުހެއްގެ ދަތުރާއި ގުޅިގެން ފުރަތަމަ ކޯވިޑަށް ޕޮޒިޓިވްވީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހެކެވެ. މިމަހުގެ 5 ވަނަ ދުވަހު އޭނާ ޕޮޒިޓިވް ވުމާއި ގުޅިގެން އެ ކުޅުދުއްފުށި ހިމެނޭހެން، އެ ފުލުސްމީހާ ދަތުރުކުރި 6 ރަށެއް މޮނިޓަރިންގ ހާލަތަށް ވެސް ގެނައެވެ. ޖެހިގެންއައި ދުވަހު އެރަށްތައް ވަނީ މޮނިޓަރިން ހާލަތުން ނަގާފައެވެ.
އުތުރު ޕޮލިސް ކްލަސްޓާއާއި ގުޅިގެން ކުޅުދުއްފުށީ ސިޓީއިން ޕޮޒިޓިވްވި މީހުންގެ އިތުރުން ހއ. ދިއްދޫން 3 މީހުންނާއި، ށ. ފޯކައިދޫން މީހަކާއި އަދި ހދ. ކުރިނބީން ވެސް މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުޅުދުއްފުށިން މިވަގުތު ކޯވިޑްގެ-19 އެކްޓިވް 7 ކޭސް ވަނީ ފެނިފައެވެ. އެއީ 4 ދިވެހިންނާއި 3 ބިދޭސީންނެވެ.
އެންމެ ފަހުން ކުޅުދުއްފުށިން ފެނުނު ކޭސްއާއި ގުޅުންހުރި 154 ކޮންޓކްޓްސް ދެނެގަނެ ވުނުކަމަށާއި، 183 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި އެ ކޭސްއާއި ގުޅިގެން 15 ސްކޫލް ކުއްޖަކާއި، 7 މުދައްރިސަކާއި އަދި ފުޓްބޯޅަ އެކަޑަމީއަކުން 38 މީހެއް ޑައިރެކްޓްކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވިފައިވާ ކަމަށް އެޗްއޯއީސީން ވަނީ ބުނެފައި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!