ހއ. ކެލާ ''ލިލީ ހައުސް'' ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރަން ނިންމަވާފައިވާ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ޠާރިޤު ވިދާޅުވެއްޖެއެވެ.
ޠާރިޤް މިހެންވިދާޅުވީ ކެލާދާއިރާގެ މަޖިލިސް މެންބަރު އިބްރާޙީމް ޝަރީފާއި އަދި ކެލާ ކައުންސިލާއިއެކު އޮންލައިންކޮށް ކުރިއަށް ގެންދެވި ބައްދަލުވުމަކަށް ފަހުގައި އެވެ.
ޠާރިޤް ވިދާޅުވީ ކެލާ ''ލިލީ ހައުސް'' ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުމުގައި ކެލާދާއިރާގެ މަޖިލިސް މެންބަރު އިބްރާޙީމް ޝަރީފާއި އަދި ކެލާ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ބުނެފައިވާ ކަމަށެވެ.
''ލަސްތަކެއް ނުވެ ކެލާ ''ލިލީ ހައުސް'' ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާން ކުރެވިގެން ދާނެ''
ޠާރިޤް ވިދާޅުވެފައި ވެއެވެ.
ކެލާ ''ލިލީ ހައުސް'' ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުމަށް ސަގާފީ ތަރިކަ ރަށްކާތެރިކުރާ ޤައުމީ މަރުކަޒުން ނިންމިކަން ހާމަކުރަށްވާފައިވާއިރު، ހއ. ބާރަށު ވާރުގެއާއި، ކަޅުއޮށްފުންމި ބަނދެފައިވާ ސަރަޙައްދު އަދި އެނޫންވެސް އެރަށުގައިހުރި އާސާރުތައް ރައްކާތެރިކޮށް ތަރައްޤީ ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ މަރުކަޒުން އޮކްޓޯބަރު 11 ވަނަ ދުވަހު ވަނީ ވިދާޅުވެފައި އެވެ.
ކެލާގެ ކުރީގެ މައުލޫދު ހަރުގެ ''ލިލީ ހައުސް''ގެ އިތުރުން އެ ރަށުގައި މިވަގުތު ފެންނަންހުރި ބައެއް އާޘާރީ ތަންތަނުގެ ތެރޭގައި 400 އަހަރަށްވުރެ ގިނަ ދުވަސްވީ ހުކުރު މިސްކިތަކާއި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިން ބޭނުންކުރި ބަޑިގެއާއި ބުންބާ ބެހެއްޓި ވަޅާއި އަދި ބޯޓުގަނޑު ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!