ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ.
ދިއްދޫ ކައުންސިލުން ބުނީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ދިއްދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާ މިހާރު ވަނީ އޭނާ ހުރި ގޭގައި އައިސޮލޭޓް ކުރެވިފައި ކަމަށް އެ ކައުންސިލުން ބުންޏެވެ.
ހޯމް ކަރަންޓީނުގައި މީހުންނާއި، ބައްދަލުކުރުމަށް އެއްވެސް މީހަކު ނުދިއުމަށާއި ކަރަންޓީނުގައި ތިބި މީހުންގެ ޒަރޫރީ ކަންކަން ފުރިހަމަކޮށް ދިނުމުގައި އެހީތެރިވާ މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެމަސައްކަތްތައް ކުރުމަށް ދިއްދޫ ކައުންސިލުން ވަނީ އެދިފައެވެ.
އެރަށުން ހުސްވި ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ވެސް ވަނީ ހޯމް ކަރަންޓީނުގައި ތިބި 4 މީހުން ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އެމީހުން ބަލިން ރަނގަޅުވެގެން ދޫކޮށްލާފައި ވަނީ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.
ހއ. ކެލާއިން ވެސް އިއްޔެ ވަނީ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޯވިޑަށް ޕޮޒިޓިވްވެފައެވެ.
ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އޯގަސްޓް މަހުތެރޭ ކަންބޮޑުވާ މިންވަރަށް އިތުރުވީ ނަމަވެސް، މިހާރު އަންނަނީ ޕޮޒިޓިވްވާ ޢަދަދު މަދު ވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!