ރ. އަތޮޅުގެ ކުރީގެ މެންބަރު އިސްމާޢީލް ޒަކަރިއްޔާ، ކޯވިޑް-19އަށް ޕޮޒިޓިވްވެ ފަރުވާދެމުންދަނިކޮށް އަވަހާރަވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިސްމާޢީލް ޒަކަރިއްޔާ އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ. މިދިޔަ މަހުގެ 13 ގައި ކޮވިޑަށް ޕޮޒިޓިވްވުމުން އޭނާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ އެވެ. ނަމަވެސް އުމުރުން 79 އަހަރުގެ އިސްމާއިލް ޒަކަރިއްޔާގެ ހާލު ބޮޑުވުމުން ދަރުމަވަންތަ ހޮސްޕިޓަލަށް ފަހުން ބަދަލުކުރީ އެވެ.

Ad
rt

އުމުރުފުޅުން 79 އަހަރުގައި އިސްމާޢީލް ޒަކަރިއްޔާ އަވާހަރަވެފައިވާއިރު މިއީ ރާއްޖެއިން ކޯވިޑް-19 ބަލީގައި ނިޔާވި 33ވަނަ މީހާއެވެ.

އިސްމާއިލް ޒަކަރިޔާގެ ދަރިކަލުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ކޯވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިސްމާއިލް ޒަކަރިޔާ ދާދިދެންމެއަކު އަވަހާރަވެފައިވާ ކަމަށެވެ. ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޝާހު އިސްމާއިލްއަކީވެސް ޒަކަރިއްޔާގެ ބޭފުޅެކެވެ.

އިސްމާއީލް ޒަކަރިއްޔާ އަކީ ސަރުކާރުގައި ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި ބޭފުޅެކެވެ. އަދި 1990ގެ އަަހަރުތަކުގައި ދެ ފަހަރެއްގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅު މެމްބަރުކަން ވެސް ކުރެއްވި އެވެ. އާ ގާނޫނުއަސާސީގެ ދަށުން 2009 ގައި ބޭއްވި އާންމު އިންތިހާބުގައި ދުވާފަރު ދާއިރާއަށް ވާދަކުރައްވާ އޭނާއަށް ނާކާމިޔާބުވެވަޑައިގަތީ ވެސް ވަރަށް މަދު ވޯޓުކޮޅަކުންނެވެ.

ސަރުކާރުގެ ހިދުމަތްތަކުގެ ތެރެއިން އިސްމާއިލް ޒަކަރިއްޔާ އެންމެ ފަހުން މަސައްކަތްކުރެއްވީ ކުޅިވަރާ ބެހޭ މިނިސްޓްރީގަ އެވެ.

ރޭ އެޗްޕީއޭއިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މިހާރު ރާއްޖޭގައި 1809 މީހަކަށް ފަރުވާ ދެމުން އަންނަ އިރު، 113 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގަ އެވެ.

މިހާތަނަށް 9،173 މީހުންނަށް ބަލި ޖެހުނުއިރު، 7،326 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.