ރޭ މެންދަމުގެ ށ. ނަރުދޫއަށް އައި ގަދަ ކޮޅިގަނޑުގައި އެރަށުގެ އެންމެ ބޮޑު ދެ ނިކަ ގަސްވެއްޓި، ރައްޔިތުންގެ ގިނަ އަދަދެއްގެ ރުއްގަހަށް ގެއްލުން ވެއްޖެއެވެ.

ނަރުދޫއަށް ރޭ އައި ކޮޅުގަނޑުގެ ވައި އެންމެ ގަދަވީ ރޭ މެންދަމު 1 ޖަހާކަށްހާއިރުއެވެ. ފަތިހު ފަހެއް ޖަހަންދެން އެރަށަށް ވަރަށް ގަދައަށް ވައި ޖެހުނެވެ.

Ad
rt

ރޭގެ ކޮޅިގަނޑުގައި ނަރުދޫގެ ރައްޔިތުންގެ ގިނަ ޢަދެއްގެ ގަސްގަހާ ގެއްސަށް ގެއްލުންވެ، އެތައް ގަހެއް ބިމާ ހަމަވެފައިވާ ކަމަށް ނަރުދޫ ކައުންސިލް މެންބަރު މުޙައްމަދު ނިޒާރު "ތިލަދުން" އަށް ވިދާޅުވިއެވެ.

" އެއް ނިކަގަސް އޮތީ ގެއެއްގެ ވަށާފާރުމައްޗަށް ވެއްޓިފައި، ގެއެއްގެ ކޮޓަރިއެއްގެ ފުރާޅުމައްޗަށް ވެސް ދެ ރުކެއްގެ ކުރިގަނޑު ވަނީ ވެއްޓިފައި، ނިކަގަސް ވެއްޓުމުގެ ސަބަބުން ގިނަ އަދަދެއްގެ ޖާފާނުރުއްތައް ވެސް ވަނީ ވެއްޓިފައި" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ އޭގެ އިތުރުން އަނބުގަސްތަކާއި، ބިލެތް އުނިތައްވެސް ވެއްޓި، ގިނަ އަދަދެއްގެ ގަސް ރަށުތެރެއިން ވެއްޓިފައިވާ ކަމަށެވެ.

"ރަށްޔިތުން އެކަމުގައި މިއުޅެނީ، ސާފުކުރުމުގެ މަސައްކަަތަށް ނުކުތުމަށް ފެށުމަށް ކައުންސިލުން ރައްޔިތުންނަށް ގޮވަމުން މިދަނީ، ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ފަށައިގެން މިއުޅެނީ" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ލަފާކުރަށްވާ ގޮތުގައި ރޭ އެރަށަށް އައި ގޮޅިގަނޑުގައި ގާތް ގަނޑަކަށް 60-65 މޭލާއި ދެމެދު ވައި ޖެހުނެވެ. ކޮޅިގަނޑުގެ ވައި މަޑުވީ ފަތިހު ކަމަށް ނިޒާރު ވިދާޅުވިއެވެ.

މޫސުން ވަރަށް ބޮޑަށް ގޯސްވެ، ހއ. އަތޮޅުން ފެށިގެން ތ އަތޮޅާއި ދެމެދުގެ ރަށްތަކަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ރޭ ވަނީ އޮރެންޖު އެލާޓު ނެރެފައެވެ. އޮރެންޖް އެލާޓް ނެރެފައިވަނީ ރޭ 02:00 އިން ފަތިހު 06:00 އާއި ހަމަ އަށެވެ. މެޓް އޮފީހުން ބުނެފައިވަނީ އެ ވަގުތު ތަކުގައި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 63 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވުން އެކަށީގެންވާ ކަމަށެވެ.

މެޓް އޮފީހުން މިހާރުވަނީ މިއަދ ހެނަދުނު 9 އާއި ހަމައަށް އެސަރަޙައްދުތަކުގެ އެލާޓް ލެވެލް "ރީނދޫ"އަށް ދަށްކޮށްފައެވެ.