ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ ކަންކަމަށް ސިޔާސީ ޕާޓީތަކުން ހިތްވަރު ނުދިނުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް، އަހްމަދު ޝަރީފް ގޮވާލައްވައިފި އެވެ.

ޝަރީފު އެގޮތަށް ގޮވާލެއްވީ "ޗެނަލް 13" ގެ ލައިވް ޕްރޮގްރާމެއްގައި ވާހަކަ ދެއްކި މީހަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާން ރޯކުރަން ގޮވާލި މައްސަލައެއް ފެންމަތިވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

އެގޮތުން ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ ކަންކަމަށް އެއްވެސް ގޮތަކަށް ހިތްވަރު ނުދިނުމަށް ގޮވާލާ ކަމަށެވެ.

"ސިޔާސީ ޕާޓީތަކުން ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ ކަންކަމަށް އެއްގޮތަކަށް ވެސް ހިތްވަރު ނުދިނުމަށް ގޮވާލަން،"

ޝަރީފް ވިދާޅުވި އެވެ.

ރައީސްގެ ހަށިކޮޅުގައި ރޯކުރަން ގޮވާލި މައްސަލަ ފުލުހުންގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް މިހާރު އަންނަނީ ބަލަމުންނެވެ.

މި މައްސަލައިގައި ޗެނަލް13 އިން ބުނީ އެމީހާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަކަށްޓަކައި ބެލުންތެރިންގެ ކިބައިން މައާފަށް އެދޭ ކަމަށް ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓީވީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.