ރާއްޖެއަކީ ވެސް އެކިފެންވަރުގެ ކުރެހުންތެރިން ތިބި ޤައުމެކެވެ. ބައެއް މީހުންނަކީ ފޫހި ފިލުވާލަން ކުރަހާ އުޅޭ މީހުންނެވެ. ބައެއް މީހުން އާމްދަނީއެއް ހޯދުމުގެ ގޮތުން ކުރަހާއުޅޭއިރު އަނެއްބަޔަކު ވަޒީފާ އަދާކޮށްފައި ލިބޭ ހުސްވަގުތުގައި ވެސް ކުރަހާ އުޅެއެވެ.

ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ކުރަހައިގެން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭވަރު އާމްދަނީއެއް ރާއްޖޭގައި ހޯދުމަކީ އުނދަގޫކަމެކެވެ.

Ad
rt

"ތެދެއްމެ، ބައެއް މީހުން އަދިވެސް ޤަބޫލެއް ނުކުރޭ މިއީ މުސްތަޤުބަލު އޮތްދާއިރާއެއް ކަމަކަށް، ނަމަވެސް އަހަރެންގެ ވިސްނުން ތަފާތު، މިއީ މުސްތަޤުބަލުއޮތް ކުރިއަށްދެވިދާނެ ދާއިރާއެއް"

މިހާރު ހައިޑަވޭ ރިސޯޓުގައި ސްވެނިއަރ ސޮޕް އާޓިސްޓްގެ ވަޒީފާ އަދާކުރަމުން އަންނަ ހދ.ނެއްލައިދޫ އަތަމާގެ އިބްރާހީމް ޝިހާބް، އާންމު ނަމުންނަމަ ސިއްބެ ބުނެފައިވެއެވެ.

ސިއްބެއަކީ މިހާރު ކުރެހުމުގެ ދާއިރާގައި ކުރިއެރުންތަކެއް ހޯދަމުން އަނަން ތިލަދުންމައްޗަށް އުފަން ޒުވާނެކެވެ. ކުރެހުމުގެ ތެރެއަށް ވަދެވުނު ގޮތް ހިއްސާ ކުރަމުން ސިއްބެ ބުނެފައިވަނީ ކޮންމެ މީހަކީވެސް ކޮންމެވެސް ހާއްސަ ހުނަރެއް ލިބިފައިވާ މީހެއް ކަމަށާއި އެ ހުނަރެއް ތަރައްޤީކޮށް އެ ހުނަރެއްގެ ބޭނުން ހިފަން ގަދައަޅައި މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ސްކޫލުގައި ކިޔަވަން އުޅުނު ދުވަސްވަރު ފުރަތަމަ ކުރަހާ އުޅުނީ ފަންސޫރުން، އެދުވަސްވަރު ފަންސޫރު ބޭނުންކޮށްގެން އޭރުގެ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ޤައްޔޫމްގެ ތަސްވީރެއް ވަރަށް ހިތްހަމަ ޖެހޭ ފެންވަރަކަށް ކުރެހުން. އެ ހިސާބުން ކުރެހުމަކީ ވެސް ކުރެވިދާނެ ކަމެއްކަން އަމިއްލައަށް ވެސް ޤަބޫލުކުރެވުން، އެހިސާބުން މިކަމުގެ ތެރެއަށް ވަދެވުނީ"

ސިއްބެ ބުނެފައިވެއެވެ.

View this post on Instagram

A post shared by sibbe art (@artsibbe) on Feb 26, 2019 at 11:48pm PST

ވަޒީފާއަކަށް ދިއުމުގެ ކުރިން ވެސް ރަށުގައި ހުރެ ވަރަށް ގިނައިން ކުރަހާފައި މާލޭގެ ބައެއް ސްވެނިއަރ ޝޮޕްތަކަށް ފޮނުވާކަމަށާއި، އާންމުގޮތެއްގައި އޭރުވެސް، އަދި މިހާރުވެސް ގިނައިން ކުރަހާ އުޅެނީ ރާއްޖޭގެ ރީތިކަން ފެންނަ މަންޒަރުތަކެވެ. ސިއްބެ އެންމެ ގަޔާވަނީ ހޭންޑް ޕެއިންޓިންއަށް ކަމަށް އޭނާ ބުނެފައިވާއިރު، ސްކްރީން ޕްރިންޓިންގެ މަސައްކަތަކީވެސް އޭނާ ދަންނަ މަސައްކަތެކެވެ.

View this post on Instagram

A post shared by sibbe art (@artsibbe) on Jan 9, 2020 at 8:46am PST

"ވަރަށް ގިނައިން އޮންލައިންކޮށް ރިކުއެސްޓް އާދޭ. ފޮޓޯއެއް ފޮނުވާލާފަ ބުނާނެ މީތި ކުރަހާލަ ދޭންވީނުންހޭ، އެގޮތަށް ގިނައިން ރިކުއެސްޓް އަންނަނީ ވެސް ދިވެހިންގެ ފަރާތުން، އެހެން އަންނަ ރިކުއެސްޓްތަކަށް ވަރަށް ގިނައިން ކުރަހައިދީ ހަދަން"

ކުރެހުމުގެ މި މަސައްކަތަށް ޑިމާންޑް އޮންނަވަރު ހިއްސާކުރަމުން ސިއްބެ ބުނެފައިވެއެވެ.

View this post on Instagram

A post shared by sibbe art (@artsibbe) on Mar 12, 2019 at 10:20am PDT

"މި މަސައްކަތް އެހެން މީހުންނަށް ދަސްކޮށްދިނުމަށް ވަރަށް ޝަޢުޤުވެރިވޭ. ބައެއް މީހުން އަހަންވެސް އަހާނެ. އަހައިފިނަމަ ބުނެދެން ފަސޭހައިން އޮޅުންފިލާނޭހެން. އޮޅުންނުފިލާނަމަ ވީޑިއޯކޮށްފައި ވެސް ފޮނުވަން"

އެހެން މީހުންނަށް ބުނެދިނުމަކީ އުފަލެއްކަމުގައި ދެކޭކަމަށާއި އަދި އެކަމަށް އެއްވެސް އަގެއްވެސް ނުނަގާ ކަމުގައި އޭނާ ބުނެފައިވެއެވެ.

View this post on Instagram

A post shared by sibbe art (@artsibbe) on Apr 2, 2020 at 6:38am PDT

ކުރެހުމުގެ ދާއިރާއިން ރާއްޖޭގައިތިބި އެންމެ ކުޅަދާނަ ކުރެހުންތެރިންނާއި އެއް ފެންވަރަކަށް ދިއުން އެއީ އަމާޒެއް ކަމަށާއި، މަސައްކަތް ކުރަމުން އަންނަނީ ކުރެހުންތަކުގެ ފެންވަރު ދުވަހަކަށް ވުރެ ދުވަހެއް ފުރިހަމަ ކުރުމަށެވެ. މިގޮތުން މި ދާއިރާއިން ކުރިއަށް ދިއުމަށް މި ފަންނުގެ ހުނަރުވެރިން ކައިރީގައި އަހާ އޮޅުންފިލުވައި ހަދާކަމަށާއި، ކުރެހުމުގެ ދާއިރާގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ފަހި ފުރުޞަތުތަކެއް ހޯއްދަވައި ދެއްވުމަށް ދިވެހި ސަރުކާރުން ވެސް މިހާރަށްވުރެ ބޮޑަށް މަސައްކަތްތަކެއް ކުރަންޖެހޭކަމުގައި ދެކޭކަމަށް ސިއްބެ ބުނެފައިވެއެވެ.

View this post on Instagram

A post shared by sibbe art (@artsibbe) on Mar 2, 2020 at 10:26am PST

ކުރެހުމުގެ ދާއިރާއިން މިއަދު އާދެވިފައިވާ ހިސާބަށް އާދެވުމުގައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށާއި މިގޮތުން އާއިލާއާއި އެކުވެރިން ދެއްވާ އެއްބާރުލުން އޭނާ ފާހަގަކޮށްފައިވެއެވެ. އަދި ކުރެހުމުގެ ދާއިރާއިން ކުރިއަށް ދިޔުމަށް ބޮޑު އެހީތެރިކަމެއް މިހާރުވެސް ވެދެއްވަމުންއަންނަ ސިރުހާން (ސިރުއާޓްސް)، ޝާވިން އަދި އަލީ ހަފީޒުގެ ނަން ފާހަގަކޮށް އެ ހުރިހާ ފަރާތްތަކަށް ސިއްބެވަނީ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާފައެވެ.

ސިއްބެގެ ކުރެހުންތައް ބަލައިލަން ބޭނުންނަމަ އޭނާގެ އިންސްޓަގްރާމް “artsibbe” އަށް ވަދެލާށެވެ. ސިއްބެ ލައްވާ ކުރެހުމެއް ކުރަހާލަން ބޭނުންފުޅުވާ ފަރާތްތަކުން އޭނާގެ އިންސްޓަގްރާމް އެކައުންޓަށް މެސެޖް ކޮށްލައިގެން ވެސް އޯޑަރުދެވިދާނެއެވެ.

Thiladhunmathi TimesTalents of Thiladhunmathi: Sibbe’s Amazing Brush WorkPainting and artistry is a common talent mastered by many Maldivians across the country. Some hone their flair for art for fun while others do it to earn something out of it. Despi...