ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ އޯޕީޑީގެ ހިދުމަތް މެދުކަނޑާލައި، އިމަރޖެންސީ ހާލަތްތަކުގައި ނޫނީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
އެ ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެ ފޮނުވި އުމުރުން 7 އަހަރުގެ ކުއްޖެއް ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ މިހާރު އޮތީ މޮނިޓަރިން ހާލަތުގައެވެ.
އެ ހޮސްޕިޓަލުން ބުނެފައި ވަނީ އެ ހޮސްޕިޓަލްގެ އޯޕީޑީގެ ޚިދުމަތް މެދުކަނޑާލާފައިވާ ކަމަށާއި ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކުން ރަށްރަށުގެ ހެލްތް ސެންޓަރުތައް މެދުވެރިކޮށް، ކުޅުދުއްފުއްޓަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
"ކޯވިޑް 19 އަށް ކުޅުދުއްފުށިން މީހަކު ފައްސި ވުމާއި ގުޅިގެން، އެޗްޕީއޭ އިން ކުޅުދުއްފުށި މޮނީޓަރިންގ އަށް ލައިފައިވާތީވެ، އިމަރޖެންސީ ހާލަތްތަކުގައި ނޫނީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޑޮކްޓަރަށް ދެއްކުމަށް ހައްދާފައިވާ އެޕޮއިންޓްމަންޓަށް ޑޮކްޓަރ ބައްލަވާނީ ފޯނު މެދުވެރިކޮށް (ޓެލެކޮންސަލްޓޭޝަން) ކަމުގައި ދެންނެވީމެވެ."
އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.
އެ ހޮސްޕިޓަލުން ވަނީ ކޮންމެހެން ނުކުންނަން ޖެހިގެން މެނުވީ ބޭރަށް ނުނިކުތުމަށާއި ނުކުންނަވަން ޖެހިއްޖެ ނަމަ މާސްކު އަދި ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސް ކޮށްފައެވެ.
މީގެއިތުރުން ކޮންޓެކްޓް ޓްރޭސިންއާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ނުވަތަ އިތުރު މައުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅު ނަމަ ކޯވިޑް ހޮޓްލައިން 7606688 ނަމްބަރަށް ގުޅުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!