ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ ހަނާ ދަނީ ހެމޮރެޖިކް ޓެލެންޖެކްޓީސިއާ ނަމަކަށްކިޔާ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއްގެ ވޭން ތަހައްމަލު ކުރަމުންނެވެ.

ވާރުތަ ކުރާ މި ބަލީގެ ސަބަބުން ހަންގަނޑުގައި އަދި ހަށިގަނޑުގެ އެހެން ގުނަވަން ތަކުގައިވާ ކުދި ކުދި ލޭ ހޮޅިތައް އުފެދުމުގައި މައްސަލަޖެހެއެވެ. މީގެ ސަބަބުން, ހަށިގަނޑުގެ އެކި ގުނަވަންތަކުން ހުއްޓުމެއްނެތި ލޭއައުން ފަދަ އެތަކެއް ނުރައްކާތެރި އަލާމާތް ތަކެއްފެނެއެވެ. އެންމެ އާންމު ގޮތެއްގައި ނޭފަތުން ލޭއައުން ހިމެނެއެވެ.

Ad
rt

ޒުވާން ހަނާ ދަނީ މިބައްޔާ ހަނގުރާމަކޮށް، ކެތްތެރި ވަމުންނެވެ. ހަނާގެ ކެތްތެރި ކަމާއި، އުންމީދަށް އަދި ހަނާގެ މަންމަ ހުސްނާ ކުރަމުންދާ މަސައްކަތަށް ތިޔަ އެންމެ ބޭފުޅުންގެ އެހީތެރިކަމަށް މިވަނީ ބޭނުން ވެފައެވެ. މިވަގުތު ވެސް ހަނާ އޮތީ ބަލީގެ ސަބަބުން ކުޅުދުއްފުށީ ހޮސްޕިޓަލްގައި އެނދުމަތި ކުރެވިފައެވެ.

"މި ބަލީގައި ވޭތުވެގެން މިދާ ގިނަ ދުވަސްތަކަކީ އަޅުގަނޑުގެ ދަރިފުޅު ހޮސްޕިޓަލްގައި ހޭދަ ކުރަމުންދާ ގިނަ ދުވަސްތަކެއް،"

ހަނާގެ މަންމަ ހުސްނާ މުހައްމަދު ބުނެފައި ވެއެވެ.

އައިޖީއެމްއެޗްގެ ލަފާގެ މަތިން މި އަހަރުގެ މާޗް މަހު ހަނާ ވަނީ އިންޑިއާއަށް ގޮސް، ޓްރެވެންޑްރަމްގެ ކިމްސް ހޮސްޕިޓަލަށް ދައްކާފައި އެވެ. އެހެން ނަމަވެސް، އެ ދަތުރުގައި ކުރެވުނު ފަރުވާއިން ހަނާގެ ބައްޔަށް ލުއިކަމެއް ލިބިފައެއް ނުވެއެވެ.

ހަނާގެ ބައްޔަށް ފަރުވާއެއް ހޯދުމަށް މަސައްކަތް ކުރުމަށް ބޭރަށް ދިއުމަށް މިހާރު ވަނީ އާސަންދަ ހަމަޖެހިފައެވެ. ނަމަވެސް ހަނާގެ ބައްޔަށް ފަރުވާ ހޯދުމަށް އެކި ފަހަރުމަތިން މާލެއަށް ދިއުމާއި، އިންޑިއާއަށް ގޮސްފައިވާތީ އެ ޢާއިލާއަށް ވަނީ މާލީ ދަތި ތަކާއި އިންތިހާއަށް ކުރިމަތި ވެފައެވެ.

މާލެއަށް ކުރި ދަތުރުތަކާއި، އިންޑިއާއަށް ވަނީ އެތައް ހޭދައެއް ކުރަން ޖެހިފައެވެ. އެހެން ކަމުން އަލުން ބޭސް ފަރުވާއަށް ބޭރަށް ދިއުމަށް އާސަންދަ ލިބިފައި ވީނަމަވެސް ހަނާއަށް ވަނީ ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީއާއި ނުލައި ފުރަން ދަތި ވެފައެވެ.

ބޭރަށް ބޭހަށް ދިއުމަށް އާސަންދައިން ޓިކެޓް ހަމަޖެހިފައި ވަނީ ހަމައެކަނި ހަނާ އަށެވެ. ހަނާގެ މަންމަ ހުސްނާއަށް އާސަންދައިން ޓިކެޓް ނުލިބެއެވެ. އެގޮތަށް ދިމާވެފައި ވާތީ، ހަނާ ގޮވައިގެން ފުރަން ބޭނުންވާ ޚަރަދުތައް ކުރެވެން ނެތުމުން ހަނާގެ މަންމަ ވަނީ އެންސްޕާގައި ވެސް އެހީތެރިކަމަށް އެދިފައެވެ. ނަމަވެސް މިހާތަނަށް އަދި އެންސްޕާއިން އެކަން ވާގޮތް ހަނާގެ މަންމައަށް ވަނީ ނުފެނިފައެވެ.

ހަނާގެ މަންމަ ހުސްނާގެ ޓިކެޓް ހަމަޖެއްސޭނެ ގޮތެއް ނެތިގެން ހަނާ އިންޑިއާއަށް ދިޔުމަށް ފަހުން ފުރުސަތު ލިބުމުން ވެސް، އެ ފުރުސަތު ވެސް ވަނީ ދޫކޮށްލަން ޖެހިފައެވެ. ނަމަވެސް މިފަހަރުގެ ފުރުޞަތު ދޫވިޔަ ނުދީ، ހަނާގެ މަންމަ އެދެނީ ހަނާ ގޮވައިގެން ފަރުވާއަށް ފުރޭނެ މަގެއް ފެނުމެވެ.

މަންމައެއްގެ ހިތުގެ އުދާހާއި، ޒުވާން އަންހެން ކުއްޖެއްގެ ކުރިމަގަށް ކުރަމުންދާ އުންމީދަށް ތިޔަ ފޭބޭފުޅުންގެ އެހީތެރިކަން މިވަނީ ބޭނުން ވެފައެވެ.

ދެވުނު ކިތަންމެ ކުޑަ އެހީތެރި ކަމަކީ ވެސް ހަނާއަށް ވާނީ ބޭނުންތެރި އެހީތެރިކަމަކަށެވެ. އެ އުންމީދު ތަކާއި، އެ ކެކުޅުމަށް ފަރުވާއެއް ލިބުމުގެ ބައިވެރިއަކަށް ތިބާ ވަމާތޯއެވެ؟

ހަނާގެ ފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް؛

އެކައުންޓް ނަންބަރު: Husna Mohamed 7730000031313

ހުސްނާއަށް ގުޅޭނެ ނަންބަރު: 9101234 / 7860170

ތިލަދުން ޓީމުގެ ފަރާތުން އެދެނީ ވީހާވެސް ގިނަ ފަރާތްތަކަށް މިމެސެޖު ފޯރުކޮށްދީ، ހަނާ ފަރުވާއަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގައި އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމެވެ. ހަނާގެ މި ބައްޔަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމެވެ.

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން!