މިހާރު ކޯވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާ މިންވަރަށް އިތުރު ވަމުން ދާނަމަ، މިމަހުގެ މެދުތެރޭގައި ސްކޫލުތަކުގައި އިތުރު ގްރޭޑް ތަކަށް ކިޔަވައިދޭން ނިންމާފައި އޮތް ނިންމުން ތަންފީޒު ކުރެވޭނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް މިނިސްޓަރު އޮފް ހެލްތު ޢަބުދުﷲ އަމީން ވިދާޅު ވެއްޖެއެވެ.

ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ނެވެ.

Ad
rt

"ފިޔަވަޅުތަކަށް ބޯނުލަނބައި މިހާރު ދާގޮތަށް ކޭސް މިމަހުގެ 15އާ ހަމައަށް އިތުރުވާނަމަ ސްކޫލްތަކެއް ނުހުޅުވޭނެ. އަދި މިކަމަށް ސީދާ އެއްޗެއް ދަންނަވަން އަވަސް. ނަމަވެސް މިވަރަށް ގިނަވާނަމަ ނުހުޅުވާނަން. "

މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ކޭސްތައް އިތުރު ވަމުންދާތީ ސްކޫލްތަކުގެ ކިޔެވުމުގެ ކަންކަން ދެން ގެންދަންވީ ގޮތަކާމެދު އެޑިއުކޭޝަން މިނިސްޓްރީ އާއެކު މަޝްވަރާ ކުރައްވަމުން ދާކަމަށް ވެސް ހެލްތް މިނިސްޓަރު ވިދާޅުވިއެވެ.

ކޯވިޑްގެ ހާލަތަށް ލުއި ދިނުމުން ސްކޫލްތައް ހުޅުވާފައިވަނީ އެކަމަށް ޚާއްސަ ގައިޑްލައިން ތަކަކާއެކު، ފިޔަވަހި ތަކަކަށް ބަހާލައިގެން ގްރޭޑް ތަކުގެ ކިޔަވުން އިތުރު ކުރަމުންދާ ގޮތަށެވެ.

މި ގޮތުން ޖުލައި މަހުގެ އެއްވަނަ ސްކޫލްތައް ހުޅުވާފައިވަނީ އެޗްޕީއޭއިން މޮނިޓަރިންގ ހާލަތަށް ގެނެސްފައި ނެތް ރަށްތަކުގެ ސްކޫލްތަކާއި މާލޭ ސްކޫލްތަކުގެ ގްރޭޑް 9 އިން 12 އާއި ދެމެދުގެ ގްރޭޑްތަކެވެ. އަދި ބަލީގެ ކޭސްތައް މަދުވީ މިންވަރަށް ބަލާފައި އޯގްސްޓް މަހުގެ 16 ވަނަ ދުވަހު ގްރޭޑް 8 އައި 7 ގެ ކިޔެވުން މާލެ ސަރަޙައްދުގައި ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ތައްޔާރުވެފައެވެ.

އެހެންނަމަވެސް އޭގެފަހުން މިވަނީ ކޯވިޑް-19 ގެ ކޭސްތައް ފެނުން ވަރަށް ބޮޑު ތަނުން އިތުރު ވެފައެވެ. ސްކޫލް މާހައުލުން ނޫން ނަމަވެސް މާލޭ ސަރަހައްދުގެ ބައެއް ސްކޫލްތަކުގެ ޓީޗަރުންނާއި، އިދާރީ މުވައްޒަފުންނާއި އަދި ބައެއް ދަރިވަރުން ވެސް ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައިފިނަމަ ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި 5400 ވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ވަނީ ހާމަ ވެފައެވެ.

ކުރިއަށް އޮތް ފަސް މަހުގެ ތެރެއިން ކޯވިޑްގެ ހާލަތު އެންމެ ގޯސްވާނީ އޮގަސްޓް މަހުކަމަށް ލަފާކޮށްފައި ވާއިރު، އެ މަހު ދުވާލަކު 170 މީހުންނަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. އަދި މުޅި މަހު 2373 މީހަކަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އޭގެ ތެރެއިން 475 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފައެވެ.

ރާއްޖޭއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 3,793 އަށް އަރާފައެވެ.