ފެންނަ މަންޒަރަކީ ލުއިތަކާއިއެކު، ޤަވާޢިދުތަކުގެމަތިން މީހުން ހަންދާންނެތޭ މަންޒަރުކަމަށް މިނިސްޓަރ އޮފް ހެލްތު ޢަބުދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވީ، ގިނަ މީހުންގެ ވިސްނުމަކީ މުޅިން ފުރަބަންދަކަށް ދިއުންކަމަށް ވިޔަސް މިހާރު އެންމެ މުހިންމީ ޢާއްމުން މިކަމަށް ހޭލުންތެރިވެ ޞިއްޙީ މާހިރުންގެ އިރުޝާދުތަކަށް ބޯލެނބުންކަމަށެވެ.
މިހާރު އޮތް ލުއިތަކަކީ ޢާއްމު ދިރިއުޅުމުގެ ކަންކަމަށް ލުއިފަސޭހަ ކޮށްދިނުމަށް ދިން ލުއިތަކެއް ނަމަވެސް ފެންނަ މަންޒަރަކީ ލުއިތަކާއެކު، ޤަވާޢިދުތަކުގެމަތިން މީހުން ހަންދާންނެތޭ މަންޒަރުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ އުސޫލުތަކުގެ ތެރެއިން ހައްލެއް ގެނައުން، ނޫންނަމަ، މާސްކު އެޅުން މަޖުބޫރުކުރި ގޮތަށް އެެހެން ކަންކަން މަޖުބޫރުކުރެވިގެން ދާނެ"
މިނިސްޓަރު އަމީން ވިދާޅުވިއެވެ.
މި ބަލިމަޑުކަން މިއީ ވަރަށް ކުޑަކަމެއްގެ ގޮތުގައި ދެކޭ މީހުންވެސް އަޅުގަނޑުމެންގެތެރޭގައި މަދު ނޫންކަމަށާއި، މިއީ ޢާއްމު ރޯގާއެއްހެން ދެކޭ އެތަށްބަޔަކު އެބަތިބިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅުނަސް ވަރިހަމަ ކޮށްލަން ޖެހޭކަމަށް ދެކޭބަޔަކުވެސް އެބައުޅޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެންމެ ފުރާނައެއް ވަކިވެގެން ދިއުމަކީވެސް އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭކަމެއް، އަދި މިހާތަނަށް ރާއްޖޭގައި ކޯވިޑް-19 ބަލީގައި ދުނިޔެ ދޫކޮށް ދިޔަ ފަރާތްތަކުގެ ނިސްބަތާއި މެދު އަޅުގަނޑު އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ކަންބޮޑުވަން"
މިނިސްޓަރު އަމީން ވިދާޅުވިއެވެ.
މިހާރު ބަލި ފެތުރެމުންދާ މިންވަަށް ބަލާއިރު މަހެއްހައި ދުވަހުތެރޭގައި މިހާރުގެ އަދަދު ދެގުނައަށް އިތުރުވެދާނެކަމަށް ދައްކާކަން ވާނީ ހާމަ ކުރެވިފައިކަން ފާހަގަ ކުރަށްވަމުން މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ މަދު ދަވަސްކޮޅަށް ބަލާއިރު ޕޮޒިޓިވްވީ މިހަކާ ގުޅުމެއްނެތް ކޭސްތަކުގެ ނިސްބަތް %40 އިތުރުވެފައިވާކަމަށެވެ. ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ވަކި ކޭހަކާއި ގުޅުމެއް ނެތް ކޭސްތަކުގެ ގޮތުގައި 148 ކޭސް ފާހަގަވެފައިވާކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
PSM Raajje Miadhu program with Minister of Health Abdulla Ameenhttps://t.co/rxo6RoFus0
— Ministry of Health (@MoHmv) July 31, 2020
ރާއްޖޭގައި މި މަހު ކޯވިޑަށް ޕޮޒިޓިވްވި މީހުންނާ އެންމެ ގިނަ ބަޔަކު ކޮންޓެކްޓްވީ އޮފީސްތަކާއި އެހެނިހެން މަސައްކަތުގެ މާހައުލުން ކަަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ވަނީ ހާމަ ވެފައެވެ.
އެ ހިސާބުތައް ދައްކާ ގޮތުން، ކޯވިޑް ޖެހުނު މީހުންނާ ޖުލައި މަހުގެ އެކަކުން 28 ގެ ނިޔަލަށް އޮފީސްތަކުން 655 މީހަކު ކޮންޓެކްޓްވި އެވެ. އެއީ ކޮންޓެކްޓްވި މީހުންގެ 31 ޕަސެންޓެވެ. މަސައްކަތުގެ އެހެން މާހައުލުތަކުން ކޮންޓެކްޓްވީ 564 މީހެެކެވެ. އެއީ 27 ޕަސެންޓެވެ. ތިން ވަނަ އަށް އެންމެ ގިނަ މީހުން ކޮންޓެކްޓްވީ ސިއްހީ ހިދުމަތްދޭ ތަންތަނުންނެވެ. އެއީ 303 މީހުން ނުވަތަ 14 ޕަސެންޓެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން ހަތަރުވަނަ އަދި ފަސް ވަނަ އަށް އެންމެ ގިނަ މީހުން ކޮންޓެކްޓްވީ ކެފޭ/ރެސްޓޯރެންޓްތަކާއި ފިހާރަތަކުންނެވެ. ކެފޭތަކާއި ރެސްޓޯރެންްޓްތަކުން 154 މީހަކު ކޮންޓެކްޓްވި އިރު ފިހާރަތަކުން ކޮންޓެކްޓްވީ 89 މީހެކެވެ.
ފަހަކަށް އައިސް ރާއްޖެއިން ގިނަ ޢަދަދެއްގެ ބަޔަކު ކޯވިޑަށް ޕޮޒިޓިވް ވަމުން ދާއިރު އިއްޔެ ވެސް ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 74 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެހެން ކަމުން ރާއްޖޭއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 3,793 އަށް އަރާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!