ހއ. ހޯރަފުށީގައި ހުންނަ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ފިހާރައިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނު ހޯރަފުށީގައި ޑެލިވަރީ ކޮށްދޭނެ ފާރާތެއް ހޯދަން ދެވަނަ ފަހަރަށް ޢިއުލާން ކޮށްފިއެވެ.
އެސްޓީއޯ ހޯރަފުށީ ފިހާރައިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނު، އެރަށަށް ޑެލިވަރީ ކޮށްދޭނެ ފާރާތެއް ހޯދަން ޢިއުލާނު ކޮށްފައި ވަނީ އެމަސައްކަތް ކުރުމަށް ހަވާލުވާ ފަރާތެއްގެ އަމިއްލަ ވެހިކަލާއި، މީހުން ބޭނުން ކޮށްގެން އެ މަސައްކަތް ކުރާ ގޮތަށް، 1 އަހަރު ދުވަހަހުގެ މުއްދަތަށެވެ.
އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އެސްޓީއޯއިން އަލުން ޢިއުލާން ކޮށްފައި ވަނީ، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ ކުރެވުނު ޢިއުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައި ނުވާތީ، އެއިއުލާން ބާތިލް ކުރުމަށްފަހުގައި ކަމަށް އެސްޓީއޯއިން ބުންޏެވެ.
މިމަސައްކަތަށް ކުރިމަތި ލުމަށް ރަޖިސްޓަރީ ކުރަން ބޭނުންވާ ފަރާތްތަކުން 2020 އޯގަސްޓް 05 ވަނަ ދުވަހު 1100 ގެ ކުރިން އެސްޓީއޯ ހއ. ހޯރަފުށި ފިހާރާގައި ރަޖިސްޓަރީ ކުރަން ޖެހެއެވެ. އަދި ރަޖިސްޓަރީ ކުރާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކު ކުރަން ހަމަޖައްސާފައި ވަނީ 2020 އޯގަސްޓް 05 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލް މެދުވެރި ކޮށެވެ.
ދީފައިވާ މުއްދަތުގައި މިމަސައްކަތް ކުރުމަށް އެދި ރަޖިސްޓަރީ ކުރާ ފަރާތްތަކަށް 2020 އޯގަސްޓް 05 ވަނަ ދުވަހު 1100 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ ހއ. ހޯރަފުށި ބާއްވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ރަޖިސްޓަރީ ކުރެއްވުމަށްފަހު ބޭނުންވާ އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ސުވާލު ހުށަހެޅުމުގެ ފުރުޞަތުވެސް އެސްޓީއޯއިން ދީފައެވެ. މިގޮތަށް ހުށަހަޅާ ސުވާލުތައް އޯގަސްޓް 06 ދުވަހުގެ 1200 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަން ޖެހެއެވެ. އެ ސުވާލުތަކަށް 2020 އޯގަސްޓް 09 ވާ އާދީއްތަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދޭ ގޮތަށް އެސްޓީއޯއިން ވަނީ ހަމަޖައްސާފައެވެ.
މި މަސައްކަތް ކުރުމަށް އެދި ކުރިމަތިލާ ފަރާތްތަކުން ހުށަހެޅި ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2020 އޯގަސްޓް 12 ވާ ދުވަހު ހެނދުނު 11:00 ގައި އެސްޓީއޯ ހއ. ހޯރަފުށީ ފިހާރައިގައި ކަމަށްވެސް އެސްޓީއޯއިން ބުނެފައި ވެއެވެ.
އެސްޓީއޯއިން ބުނީ މި މަސައްކަތަށް ބޭނުން ވަނީ، މި މަސައްކަތް ކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތައް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!