މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ގައިދީންނަށް ކުރިއަށްގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އޮންލައިން ކޮށް ކުރިއަށް ގެންދަން ފަށައިފިއެވެ.

މި ޕްރޮގްރާމްތައް ކޯވިޑް-19 އާ ގުޅިގެން މެދުކަނޑާލުމަށްފަހު މި ގޮތަށް ކުރިޔަށް ގެންދަން ފެށީ، 05 ޖުލައި 2020 އިން ފެށިގެން އޮންލައިން ޕްލެޓްފޯމެއް ކަމުގައިވާ ޒޫމް މެދުވެރިކޮށެވެ.

Ad
rt

މި ޕްރޮގްރާމްތަކަކީ، ރިހެބިލިޓޭޝަން ފްރޭމްވޯރކްގެ ތެރެއިން އެކި މަރުހަލާތަކުގައި ޤައިދީންގެ ހިތުގައި ދީނީ ކަންތައްތަކަށް ލޯބިޖެއްސުމަށާއި ދީނީ ކަންތައްތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދާ ދީނީ ދަރުސްތަކާއި، ދީނީ ކައުންސެލިންގެ ޚިދުމަތް ޤައިދީންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ ޕްރޮގްރާމް ތަކެކެވެ.

ރިހެބިލިޓޭޝަންގެ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ދީނީ ގޮތުން ކަންކަން އޮޅުން ފިލުވައިދިނުމުގެ 12 ޕްރޮގްރާމެއް މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ހާމަ ކުރަށްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް މި މަސައްކަތްތައް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައި ވާކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.

ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 10:00 އިން 11:00 އަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ޤައިދީންނަށް ދީނީ ދަރުހާއި ފިލާވަޅުތައް ނަންގަވައި ދެއްވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވާޢިޡުންނެވެ. މިގޮތަށް ކުރިއަށް ގެންދާ ދީނީ ފިލާވަޅުތަކާއި ދަރުސްތަކުގައި ހިމެނެނީ، އިސްލާމީ ޢަޤީދާ އާއި ފިޤްހާއި މުޢާމަލާތާއި އަޚްލާޤު ބައިތައް ކަމަށްވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި ކުރިއަށް ގެންދާ ރިހެބިލިޓޭޝަން ޕުރޮގުރާމަކީ ދިވެހިރާއްޖޭގެ ޤާނޫނުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ހިންގުމަށް ލާޒިމްކުރާ ޙަރަކާތްތަކެއްގެ މައްޗަށް ބިނާކޮށް ހިންގާ ޕުރޮގުރާމެކެވެ.

މި ޕުރޮގްރާމު ކުރިއަށް ގެންދިއުމުގެ މަޤްސަދަކީ ޙުކުމް ތަންފީޛު ކުރުމަށް ޖަލުގައި ބަންދުކުރެވޭ ޤައިދީން އަނބުރާ މުޖުތަމަޢަށް ނެރުމުގެ ކުރިން އެ މީހުންނަކީ މުޖުތަމަޢު ބަލައިގަންނަ، ބޭނުންތެރި ބަޔަކަށް ހެދުމާއި، އެމީހުން މުޖުތަމަޢުއަށް ނިކުތުމަށްފަހުގައި އަމިއްލަ ދިރިއުޅުން ބިނާކުރުމަށް ބޭނުންވާނެ ޢިލްމާއި ފަންނާއި ހުނަރު ދަސްކޮށްދިނުމެވެ.