އެއްލައްކަ ރުފިޔާގެ އިންވެސްޓްމަންޓެއް އަކާއި އެކު ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދިނުމާއި ދެކޮޅު ކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް އަދި މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިމިގްރޭޝަންގެ ގާނޫނަށް އެ އިސްލާޙް ހުށަހަޅުއްވާ ފައި ވަނިކޮށް، އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ، ރޮޒައިނާ މިގޮތަށް ވިދާޅުވީ ރޭ އޭނާ ކުރަށްވާފައިވާ ޓްވީޓެއްގައި އެވެ.
އެ ޓްވީޓްގައި ރޮޒައިނާ ވިދާޅުވެފައި ވަނީ އެއްލައްކަ ރުފިޔާގެ އިންވެސްޓްމަންޓެއް އަކާއި އެކު ރެޒިޑެންޓް ވިސާ ދިނުމާއި އޭނާ ދެކޮޅު ކަމަށެވެ. އަދި އެކަށޭނަ، ރަނގަޅު، ބޮޑު އިންވެސްޓްމަންޓެއް ގެނައުމުން ނޫނީ ރެޒިޑެންޓް ވިސާ ދެވިގެން ނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ރޮޒައިނާ މިހެން ވިދާޅުވެފައި ވާއިރު، އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ލިބޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް މަޖިލިސް ރައީސް، ރައީސް ނަޝީދު ވަނީ އިސްލާޙް ހުށަހަޅުއްވާ ފައެވެ.
އިމިގްރޭޝަން ޤާނޫނަށް ރައީސް ނަޝީދު މި އިސްލާޙް ހުށަހެޅުއްވީ، އެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ކޮމިޓީން ދިރާސާކޮށް، ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަން ފޮނުވުމުން، އެ ބިލް އަނބުރާ ކޮމިޓީ އަށް ފޮނުއްވަމުންނެވެ. އެ ބިލު އަނބުރާ ފޮނުވާލައްވަމުން އެ މަނިކުފާނު ވަނީ އެމަނިކުފާނު ހުށަހަޅުއްވާ އިސްލާހާއި އެކު، އެ ބިލާ މެދު އަލުން ވިސްނުމަށް އެދިވަޑައިގެން ފައެވެ.
ރައީސް ނަޝީދު އެ ބިލަށް ހުށަހެޅުއްވި އިސްލާޙް ހުށަހަޅުއްވާފައި ވަނީ އެ ބިލްގެ 7 ވަނަ މާއްދާގެ ކުރިއަށް މާއްދާއެއް އިތުރު ކުރެއްވުމަށެވެ. މިގޮތުން އެ މަނިކުފާނު ވަނީ ތިން ހާލަތެއްގައި ރެޒިޑެންޓް ވިސާ ބިދޭސީންނަށް ދިނުމަށް ހުށަ ހަޅުއްވާފައެވެ.
އެ ބިލަށް އިތުރު ކުރުމަށް އެ މަނިކުފާނު ހުށަ ހެޅުއްވި މާއްދާގައި ވާ ރެޒިޑެންޓް ވިސާ ބިދޭސީންނަށް ދިނުމަށް ހުށަހަޅުއްވާ ފައިވާ ތިން ހާލަތަކީ، ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއަކަށް ވުން، ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން، އެ އިދާރާއިން ޤަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް-/1,00,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީއެއް ނުވަތަ ދިވެހިރާއްޖޭގައި 10 (ދިހައެއް) އަހަރަށްވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށްހިފާފައިވާ ބިދޭސީން، މި ތިން ހާލަތެވެ.
ރައީސް ނަޝީދުގެ މި އިސްލާޙާއި ގުޅިގެން ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއެއް ކަމަށް އޮތް ހާލަތުގެ ފިޔަވައި އޮތް ދެހާލަތާއި މެދު ރައްޔިތުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!