"އަހަރުމެން އެނބުރި ދާނީ އަހަރުމެންނަކީ ފުރިހަމަ ރަށްވެހިންނަށް ހެދުމުން." "އެންމެ ކުޑަމިނުން ބޯހިޔާކޮށްލާނެ ތަނެއް މިތަނުގައި އަހަރުމެންނަށް ލިބޭ." އުމުރުން 35 އަހަރުގެ ފަރްހާނާ ބޭގަމް ބުންޏެވެ. ރޮހިންޖާ މުސްލިމުން ވަނީ އެ މީހުންގެ ހާލަތު ބަދަލުކުރުމަށް މިޔަންމާ ސަރުކާރުން އެއްބަސް ނުވަނީސް އެނބުރި ދިއުމަށް ދެކޮޅުހަދާފައެވެ.

ބަންގްލާދޭޝްގައި ދިރިއުޅޭ ރޮހިންޖާ ރެފިއުންޖީންގެ ތެރެއިން ބަޔަކު މިޔަންމާއަށް އަނބުރާ ގެންދަން، ބަންގްލާދޭޝް ރެފިއުޖީ ކޮމިޝަނާއި އދ. ގުޅިގެން އިއްޔެ ކުރި މަސައްކަތްވަނީ ނާކާމިޔާބުވެފައެވެ.

Ad
rt

މިޔަންމާގެ ފޮރިން ސެކްރެޓަރީ މިޔިންޓް ތޫ އިސްބޭފުޅަކަށް ހުންނަވައިގެން ފާއިތުވި މަހު ރޮހިންޖާ ރެފިއުޖީ ކޭންޕުތަކަށް މިޔަންމާގެ ވަފުދެއް ޒިޔާރަތް ކުރުމަށް ފަހު ވެވުނު އެއްބަސްވުމެއްގެ ދަށުން، ރޮހިންޖާ ރެފިއުޖީންގެ ލީޑަރުންގެ ރުހުމާ އެކު، 3450 ރެފިއުޖީން މިޔަންމާއަށް އެނބުރިދާ ގޮތަށް އޮތީ ހަމަޖެހިފައެވެ. އެއީ ބަންގްލާދޭޝްގެ ފޮރިން މިނިސްޓްރީން މިޔަންމާއަށް ފޮނުވި ލިސްޓުގައި ހިމެނޭ 22 ހާސް މީހުންގެ ތެރެއިން މިޔަންމާ ސަރުކާރުން 'އެނބުރި ދެވިދާނެ' ކަމަށް ބުނި މީހުންނެވެ.

އެމީހުން ގެންދިއުމަށް ބަންގްލާދޭޝް ސަރުކާރުން 5 ބަހާއި 10 ޓްރަކް ފޮނުވި ނަމަވެސް އެއިން އުޅަނދަކަށް އަރާނެ މީހަކު ނުވިއެވެ.

ރެފިއުޖީންގެ ތެރޭގައި ގައުމަށް އެނބުރިދާން ރުހޭ ބަޔަކު ތިބިތޯ ބަލަން ބަންގްލާދޭޝް ރެފިއުޖީ ކޮމިޝަނާއި އދ. ގުޅިގެން ރެފިއުޖީންނާއި ސުވާލުކޮށްފައި ވެއެވެ.

އދ. ގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ އެއްވެސް ރެފިއުޖީ އާއިލާއަކުން އެކަމުގެ ރުހުން އެމީހުންނަށް ދީފައިނުވާކަމަށެވެ.

2017 ގައި މިޔަންމާގެ ސިފައިން ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގި ލާއިންސާނީ އަމަލުތަކުގެ ސަބަބުން 7 ލައްކަ 40 ހާސް މީހުން ވަނީ މިޔަންމާ ދޫކޮށް ބަންގްލާދޭޝްއަށް ގޮސްފައެވެ. އެމީހުން ރެފިއުޖީ ކޭންޕުތަކުގައި އުޅެމުން ދާއިރު، ރޮހިންޖާ މުސްލިމުންގެ 2 ލައްކަ މީހުން އަންނަނީ ކުރިއްސުރެ ބަންގްލާދޭޝްގައި ދިރިއުޅެމުންނެވެ. ބަންގްލާދޭޝް އެއީ އެގައުމުގެ ރައްޔިތުން ނޫންކަމަށް ބުނާއިރު، މިޔަންމާއިންވެސް އެމީހުން ބަލައިގަތުމަށް ދެކޮޅު ހަދާފައެވެ.